ކ. ގުރައިދޫގައި ހޯމް ކަރަންޓީނަށް ހިލާފްވި މީހަކު 2500 ރުފިޔާއިން ޖުރިމަނާކޮށްފިއެވެ.
ފުލުހުން ބުނީ، ގުރައިދޫގައި ހޯމް ކަރަންޓީންގައި ހުރި މީހަކު އުސޫލާ ހިލާފްވުމުން އޭނާ ޖޫރިމަނާކޮށްފައިވާ ކަމަށެވެ. އެގޮތުން ޖޫރިމަނާ ކޮށްފައިވަނީ އުމުރުން 39 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ބުނެއެވެ. އަދި އޭނާ ޖޫރިމަނާ ކޮށްފައި ވަނީ 2500 ރުފިޔާއަށް ކަމަށް ވެސް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ، މިއީ އެކެހެރި ކުރުމުގެ މަރުކަޒުތަކާއި ކަރަންޓީނު ކުރުމުގެ މަރުކަޒުތަކާ ބެހޭ ގަވާއިދަށް ފުރަތަމަ އިސްލާހް ގެނެވި އެގަވާއިދުގެ ތެރެއަށް އަލަށް އިތުރުކުރި 13 ވަނަ މާއްދާގެ ށ ގެ ދަށުން މިގޮތަށް ޖުރިމަނާކުރި ފުރަތަމަ މީހާ ކަމަށެވެ. އަދި ކަރަންޓީނު ކުރެވޭ ނުވަތަ އެކަހެރިކުރެވޭ ފަރާތްތަކުން ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް އޭނާއަށް ވަނީ ނަސޭހަތް ދެވިފައި ކަމަށް ވެސް ފުލުހުން ބުނެއެވެ.
އަތޮޅު ތެރޭގައިވެސް މިހާރު ކޮވިޑް ދަނީ ފެތުރެމުންނެވެ. އެގޮތުން މިހާރު އަތޮޅުތެރޭގައި 40 ރަށެއްގައި އެކްޓިވް 91 ކޭސް ހިމެނޭ ކަމަށް އެޗްޕީއޭއިން ބުނެއެވެ. ކ. ގުރައިދޫ އަކީވެސް އެކްޓިވް ކޭސް ހިމެނޭ ރަށްތަކުގެ ތެރޭގައި ހިމެނޭ ރަށެކެވެ. އެ ރަށުން ހޯމް އައިސޮލޭޝަން ހުރީ އެކަކެވެ.