ރާއްޖޭގައި މިހާރު ކޮވިޑް ފެތުރެމުން ދާއިރު އެކްޓިވް ކޭސްގެ ގޮތުގައި މާލެ ސަރަަހައްދު ފިޔަވާ އަތޮޅު ތެރެއިން 91 ކޭސް އެބަތިބި ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީން ރޭ ކުރި ޓްވީޓެއްގައި ބުނީ، މިހާރު ރާއްޖޭގައި ކޮވިޑް އެކްޓިވް ކޭސްތައް މާލެ ސަރަހައްދު ފިޔަވާ ފެނިފައި ވަނީ އަތޮޅު ތެރެއިން 40 ރަށަކުންނާއި 16 ރިސޯޓަކުން ކަމަށެވެ. އެގޮތުން 40 ރަށަކުން މިވަގުތު 91 އެކްޓިވް ކޭސް ފެނިފައި ވާ ކަމަށް އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކައެވެ. އެއީ 84 ދިވެހިންނާއި 7 ބިދޭސީންނެވެ. އަދި 16 ރިސޯޓެއްގައި ތިބި އެކްޓިވް ކޭސްގެ ގޮތުގައި ހިމެނެނީ 15 ޓޫރިސްޓުންނާއި 33 މުވައްޒަފުން ކަމަށް އެޗްޕީއޭއިން ބުނެއެވެ.

އެކްޓިވް ކޭސް ފެނިފައިވާ ރަށްރަށުގެ ތެރޭގައި ހިމެނެނީ ށ. އަތޮޅުން ޅައިމަގާއި ފީވަށް، ނ. އަތޮޅުން މިލަންދޫއާއި ކުޑަފަރިއާއި މާޅެންދޫ، ބ. އަތޮޅުން ހިތާދޫއާއި ތުޅާދޫއާއި އޭދަފުށި، ރ. އަތޮޅުން ރަސްމާދުއާއި އިނގުރައިދޫއާއި ދުވާފަރާއި، ކިނޮޅަސް، ޅ. އަތޮޅުން ނައިފަރާއި ހިންނަވަރު، ކ. އަތޮޅުން ދިއްފުށިއާއި ގުރައިދޫއާއި ތުލުސްދޫއާއި ހިންމަފުއްޓާއި މާފުށި، އދ. އަތޮޅުން އޮމަދުއާއި މާމިގިލި، މ އަތޮޅުން މުލަށް، ފ. އަތޮޅުން ބިލެއްދޫއާއި ނިލަންދޫއާއި ދަރަބޫނދޫ، ދ. އަތޮޅުން ކުޑަހުވަދޫއާއި މީދޫއާއި ރިނބިދޫ، ތ. އަތޮޅުން ތިމަރަފުއްޓާއި އޮމަދޫ ލ. ގަން، ގއ. އަތޮޅުން ދާންދޫއާއި، ވިލިނގިލި، ގދ. އަތޮޅުން ފަރެސްމާތޮޑާއާއި ހޯޑެއްދޫއާއި ތިނަދޫ، ސ. އަތޮޅުން ފޭދުއާއި ގަމާއި، ހިތަދޫއ އަދި މަރަދޫ އެވެ.

މި ރަށްރަށުގެ ތެރެއިން މޮނިޓަރިންގެ ހާލަތުގައި އޮތީ ށ. ފީވަށް އެކަނި ކަމަށް އެޗްޕީއޭއިން ބުނެއެވެ.

އަތޮޅު ތެރޭގައި ހުރި ކޮވިޑް އެކްޓިވް ކޭސްތަކުގެ ތެރެއިން މި ވަގުތު ބ. އަތޮޅު ކޮވިޑް ފެސިލިޓީގައި ތިބީ ދެމީހުންނެވެ. އެއީ ބ. އޭދަފުށީން ފެނުނު ކޭސްއަކާއި ރ. ދުވާފަރުން ފެނުނު ކޭސްއެކެވެ. އަދި ގއ. އަތޮލޫގައި ހުންނަ ކޮވިޑް ފެސިލިތީގައި ގއ. ދާންދުއިން ޕޮޒިޓިވްވި ދެމީހަކަށް ވެސް ދަނީ ފަރުވާ ދެމުންނެވެ.

އަތޮޅު ތެރޭގައި ހުރި ކޮވިޑް އެކްޓިވް 91 ކޭހުގެ ތެރެއިން 4 މީހުންނަށް ކޮވިޑް ފެސިލިޓީތަކުން ފަރުވާދެމުންދާ އިރު ބާކީ ތިބި 87 މީހުން ތިބީ ހޯމް އައިސޮލޭޝަންގައި ކަމަށް އެޗްޕީއޭއިން ބުނެއެވެ.

‏މިހާރު ރާއްޖޭގައި ހުރި އެކްޓިވް ކޭސްތަކުގެ ތެރޭގައި ހިމެނެނީ 2767 މީހެކެވެ. އޭގެ ތެރެއިން 166 މީހަކު މިހާރު ވަނީ ހޮސްޕިޓަލުގައެވެ. އަދި 1365 މީހުން ތިބީ އައިސޮލޭޝަން ފެސިލިޓީތަކުގައެވެ. މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 8140 އަށް އަރާފައި ވާއިރު އޭގެތެރެއިން 29 މީހަކު ވަނީ ނިޔާވެފައެވެ.