ކްރިމިނަލް ކޯޓަށް ފަނޑިޔާރުން ހޯދުމަށް ޖުޑިޝަލް ސާވިސް ކޮމިޝަނުން ކުރި ކުރި އިއުލާނުގެ ދަށުން މަގާމަށް ކުރިމަތިލި ދެ ފަރާތެއް އެ ކޯޓަށް އައްޔަންކޮށް، މަގާމުގެ ހުވާކުރައްވައިފިއެވެ.

މިއަދު ފަނޑިޔާރުކަމުގެ ހުވާކޮށްފައި ވަނީ، ކ. މާލެ އަލްއުސްތާޛާ މ.ގުލްޝަން، ދީބަނާޒް ފަހުމީ އާއި ސ. ހުޅުދޫ ހެޕީ ޑްރީމް، އަލްއުސްތާޛު މުހައްމަދު މިސްބާހުއެވެެ. މި ދެ ފަނޑިޔާރުން އައްޔަން ކުރުމަށް ނިންމާ ހުވާކޮށްފައި ވަނީ މިއަދު ޖޭއެސްސީގައިބޭއްވި ރަސްމިއްޔާތެއްގައެވެ. ހުވާ ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ހުސްނުއްސުއޫދެވެ.

ދީބަނާޒް އަކީ ގާނޫނީ ރޮގުން ބެޗްލާ އޮފް ލޯ (އޮނާސް) މެލޭޝިއާ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީން ހާވިލު ކުރެއްވުމަށްފަހު މާސްޓާ އޮފް ލޯ ނިއުޒިލެންޑްގެ ޔުނިވާސިޓީ އޮފް ކެންޓަރބަރީއިން ހާސިލުކުރައްވާފައިވާ ފަރާތެކެވެ. އަދި އޭނާ ވަނީ ޖިނާއީ އަދުލުގެ ނިޒާމުގައި ގިނަގުނަ މަސައްކަތްތަކެއް ކުރައްވާ 17 އަހަރު ދުވަހުގެ ތަޖުރިބާ ހޯއްދަވާފައެވެ. ދީބަނާޒް ފަހުމީ އަކީ ކްރިމިނަލް ކޯޓަށް އައްޔަން ކުރި ފުރަތަމަ އަންހެން ފަނޑިޔާރެވެ.

މިސްބާހަކީ ގާނޫނީ ޝަރީއާގެ ރިނގުން މިސްރުގެ އަލް އަޒްހަރު ޔުނިވާސިޓީން ބެޗްލާ އޮފް ޝަރީއާ އެންޑް ލޯ ފުރިހަމަ ކުރެއްވުމަށްފަހު ގާނޫނީ ދާއިރާގެ 6 އަހަރު ދުވަހުގެ ތަޖުރިބާ ހުރި ފަރާތެކެވެ. ގާނޫނީ ވަކީލުކަމުގެ ގިނަ އަހަރުތަކެއްގެ ޕަބްލިކް ޕްރޮސެކިއުޓާއެއްގެ ގޮތުގައާއި ޕްރައިވެޓް ޕްރެކްޓިސްގެ އިތުރުން މިދާއިރާއިން ކިޔަވައިދިނުމުގެ ތަޖުރިބާ ވެސް މިސްބާހު ވަނީ ހޯއްދަވާފައެވެެ.

މި ދެ ފަނޑިޔާރުންނަކީ، ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން ފަނޑިޔާރުން އައްޔަން ކުރުމުގައި ޖޭއެސްސީއަށް ލަފާދޭ ކޮމމިޓީން އިންޓަވިއު ކުރުމަށްފަހު އެ ކޮމިޝަނަށް ހުށަހެޅި ރިޕޯޯޓުގައި ހައިލީ ރިކޮމެންޑް ކުރާ ކަމަށް ފާހަގަ ކޮށްފައިވާ ދެ ފަނޑިޔާރުންނެވެ.