ކުޅުދުއްފުށީގައި ކޮމިއުނިޓީ ސްޕްރެޑް އެއް އުޅޭތޯ ބެލުމަށް ރެންޑަމް ސާމްޕަލް ނެގުން ކުރިޔަށް ދާނެ ކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) އިން ބުނެފިއެވެ.
އެ ހޮސްޕިޓަލުން ބުނީ ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް ކުރިއަށް ދާނީ މިއަދު މެންދުރުފަހު 2:00 އިން އިރޮއޮއްސި 6:00 އަށް ކަމަށެވެ.
އެގޮތުން މިއަދު ޖުމްލަ 86 ރެންޑަމް ސާމްޕަލްއެއް ނެގުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެ ހޮސްޕިޓަލުން ބުނެއެވެ.
ކުޅުދުއްފުށީގައި ރެންޑަމް ސާމްޕަލް ނަގަން ފަށާފައި ވަނީ ރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައި ވަނީ އެރަށުން މާލެ ގެނައި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެންނެވެ.
މޮނިޓަރިންނަށް ލުމަށްފަހު މިހާރު އާންމު ހާލަތަށް ކުޅުދުއްފުށި ގެނެސފައިވާ ނަމަވެސް ކޮންޓެކްޓް ޓްރޭސިން ހަދާ ނިމި، މޮނިޓަރިން އިން ނަގާފައިވާ ނަމަވެސް އެކްޓިވް ކޭސްތައް އުޅޭ 41 ރަށެއް ރާއްޖޭގައި އެބަހުއްޓެވެ.
މީގެ އިތުރުން ވެސް، 16 ރިސޯޓެއްގައި ވެސް އެކްޓިވް ކޭސްތައް އުޅޭއިރު، 16 ފަތުރުވެރިންނާއި 29 ރިސޯޓް މުވައްޒަފުން ވަނީ ޕޮޒިޓިވްވެފައެވެ.
މިހާރު އެކްޓިވް ކޭސްތަކުގެ ތެރޭގައި ހިމެނެނީ 2703 މީހެކެވެ. އޭގެ ތެރެއިން 162 މީހަކު މިހާރު ވަނީ ހޮސްޕިޓަލުގައެވެ. އަދި 1395 މީހަކު އައިސޮލޭޝަން ފެސިލިޓީތަކުގައި އެބަ ތިއްބެވެ. މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 8003 އަށް އަރާފައި ވާއިރު މިހާތަނަށް މި ބަލިން ރަނގަޅުވެފައިވާ މީހުންގެ އަދަދު ވަނީ 5265 އަށް އަރާފައެވެ. މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 29 މީހަކު ވަނީ ނިޔާވެފައެވެ.