މި އަހަރު ރާއްޖޭން ހައްޖަށް މީހުން ގެންދާ ކުންފުނިތަކުން ދައްކާފައިވާ ރަޖިސްޓްރޭޝަން ފީ އަނބުރާ ދޭން އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ހައްޖަށް މީހުން ގެންދަން ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯޒަލް ހުށަހަޅަން މިދިޔަ ފެބްރުއަރީ މަހު ކުރި އިއުލާން އިސްލާމިކް މިނިސްޓްރީން ބާތިލުކޮށްފައި ވުމުގެ ސަބަބުން މިއަހަރު ޕްރޮޕޯޒަލް ހުށަހެޅި 18 ކުންފުންޏަކުން ދައްކާފައިވާ ފައިސާ ރުފިޔާ އަނބުރާ ދޭން ނިންމާފައިވާ ކަމަށެވެ.

ކޮވިޑް-19އާ ގުޅިގެން ސައުދީ އަރަބިއްޔާއިން ނިންމީ މި އަހަރު ހައްޖަށް ދެވޭނީ އެ ގައުމުގައި ދިރިއުޅޭ އެގައުމުގެ ރައްޔިތުންނާއި އެ ގައުމުގައި މިވަގުތު ދިރިއުޅޭ އެހެން ގައުމުތަކުގެ ރައްޔިތުން ހިމެނޭގޮތަށް ކަނޑައެޅޭ މަދު އަދަދެއްގެ މީހުންނަށް ކަމަށެވެ.

އެގޮތުން ގައިދުރު ކުރުމުގެ ފިޔަވަޅުތަކާއެކު ހައްޖުގެ އަޅުކަން އަދާކުރަން ދިން މަދު ފުރުސަތުގައި، ސައުދީގައި ދިރިއުޅޭ ފަސް ދިވެއްސަކަށް ވެސް ވަނީ އެ ފުރުސަތު ލިބިފައެވެ. މިއަހަރުގެ ހައްޖު ދުވަހުގެ ހައްޖު ހުތުބާއަކީ އެހެން އަހަރުތަކުގެ ހައްޖު ހުތުބާ އަށް ވުރެ ތަފާތު ހުތުބާއެކެވެ. އަދި ހައްޖަކީވެސް ތަފާތު ހައްޖެކެވެ.

މީލާދީން 1932 ވަނަ އަހަރު ސައުދީ އަރަބިއްޔާގެ ރަސްކަން އުފެދުނު ފަހުން ފުރަތަމަ ފަހަރަށް ހައްޖުގެ އަޅުކަން "ކުޑަކޮށްލި" މިއީ ފުރަތަމަ ފަހަރެވެ.