ށ. ފީވަކުން މިއަދު ކޮވިޑަށް ޕޮޒިޓިވް މީހާ ރަށުތެރެއިން ދިމާވި މީހުން ދެނެގަނެ ކޮންޓެކްޓް ޓްރޭސިން ހަދަމުންދާ ކަމަށް މައުލޫމާތު ލިބިއްޖެއެވެ.
'ދަ ޕްރެސް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު އެ ރަށުން ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ ހޯމް ކަރަންޓީންގައި ހުރި މީހެކެވެ. އަދި އޭނގެ ނަތީޖާ ނެގެޓިވްކަމަށް އެންގުމުން އޭނާ ގެއިން ބޭރަށް ނުކުތް ކަމަށާއި ރަށުތެރެއިން ބައެއް މީހުންނާ އޭނާ ބައްދަލުވި ފަހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމުގެ މައުލޫމާތު އޭނާއަށް ލިބި އައިސޮލޭޝަންއަށް އޭނާ ގެންގޮސްފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
މިކަމާ ގުޅިގެން އެޗްޕީއޭއިން ބުނީ، ކޮވިޑަށް ޕޮޒިޓީވް ކޭސެއް ފެނިއްޖެ ނަމަ އެ މީހެއްގެ ކޮންޓެކްޓް ޓްރޭސް ކުރުމަށް ހަމަޖެހިފައި އޮންނަ އުސޫލުން އެކަން ކުރަމުންދާނެ ކަމަށާއި މޮނިޓަރިންއަށް ލާން ޖެހިއްޖެ ހާލަތަށް ދިއުމުން މޮނިޓަރިންއަށް ލާނެ ކަމަށެވެ. ނަމަވެސް އެޗްޕީއޭއިން ސީދާ މިކަން ހިނގާ ދިޔަ ގޮތް ސާފުކޮށް ދީފައެއް ނުވެއެވެ.
މި ކަމާ ގުޅިގެން އެ ރަށު ކައުންސިލުން ވެސް މައުލޫމާތު ހިއްސާކޮށްފައެއް ނުވެއެވެ. އެރަށު ކައުންސިލްގެ ރައީސް ހަސަން ސުޖާއު ވިދާޅުވީ، އެ ރަށުން ޕޮޒިޓިވް ކޭސެއް އައިސްފައިވާ ކަން ރަސްމީކޮށް އެފަރާތަށް އެނގިފައި ނުވާ ކަމަށެވެ. ނަމަވެސް އެފަދަ ވާހަކައެއް ރަށުތެރޭގައި ދެކެވެމުންދާ ކަމަށެވެ. ނަމަވެސް ފަހުން އެ ރަށު ކައުންސިލްގެ ނައިބު ރައީސް އަހުމަދު އާދިލް ވިދާޅުވީ، ކޮވިޑަށް ޕޮޒިޓިވްވި މީހާއާ ގުޅޭ މައްސަލަ މިހާރު ބަލަމުން ދާ ކަމަށާއި އެކަން ހިނގި ގޮތް އަދި އެފަރާތަށް ސާފުނުވާ ކަމަށެވެ.
މި ކަމާ ގުޅިގެން އެ ރަށުގެ ސިއްހީ މަރުކަޒުން މައުލޫމާތު ދެމުން ބުނީ، އެއްވެސް މީޑިއާއަކަށް މައުލޫމާތު ހިއްސާ ނުކުރުމަށް އެ ފަރާތުގައި އެދިފައިވާ ކަމަށެވެ.
ށ. ފީވަކުން ޕޮޒިޓިވްވީ އުމުރުން 54 އަހަަރުގެ ދިވެހި ފިރިހެނަކެވެ.