މީޑިއާތަކުގެ އިސްނެގުމުގެ މަތިން ގައުމީ ފެންވަރުގައި ހިންގާ "ކޮވިޑް ހުއްޓުވާނީ އަހަރެން" ކެމްޕޭން ރައީސް އިފްތިތާހު ކޮށްދެއްވައިފިއެވެ.

މި ކެމްޕޭނަކީ ކޮވިޑްގެ ހާލަތަށް އެދެވޭ ހެޔޮ ބަދަލެއް ގެނައުމަށް މީޑިއާތައް ގުޅިގެން ކުރެވިދާނެ ކަންތައްތަކެއް ފާހަގަކޮށް އެ މަގަށް މަސައްކަތް ކުރުމަށްޓަކައި ހިންގާ ކެމްޕޭނެކެވެ. އެގޮތުން ކޮވިޑާ ގުޅޭ ހަބަރާއި މައުލޫމާތު މީޑިއާތަކުން މިހާރު ގެނެސްދޭ މިންވަރު ފުޅާކޮށް، ހުރިހާ މީޑިއާއެއްގައި އެއް ބާވަތެއްގެ މެސެޖުތަކެއް ދެވޭނެ ގޮތަކަށް މަސައްކަތް ކުރުމަކީ މި ކެމްޕޭނުގެ އަމާޒެވެ.

ރައީސް ސޯލިހް ވިދާޅުވީ އެމަނިކުފާނު ގަބޫލުކުރައްވާ ގޮތުގައި، މިއީ ރާއްޖެ މިހާރު އޮތް ހާލަތަށް ބަލާއިރު، ވަރަށް ބޭނުންތެރި ކެމްޕެއިނެއް ކަމަށެވެ. އަދި މިފަދަ މުހިންމު ގައުމީ މަސައްކަތެއް ފެށްޓެވި ކަމަށްޓަކައި، ރައީސް ސޯލިހް ވަނީ ކެމްޕޭނުގެ ސްޓިއަރިން ކޮމިޓީއަށާއި، މިކެމްޕެއިންގައި ބައިވެރިވާ މީޑިއާތަކުގެ ހުރިހާ ފަރާތްތަކަށް ޝުކުރު ދަންނަވާފައެވެ.

އެމަނިކުފާނު ވިދާޅުވީ މި ކެމްޕެއިންގެ މަގްސަދަކީ، ފަރުދީ ޒިންމާގެ ދައުރު މިހާރަށްވުރެ ފުޅާކޮށް، ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުން ކަމަށާއި، މި ކެމްޕެއިންގައި ސަރުކާރުގެ މުއައްސަސާތަކާއި، އަމިއްލަ ޖަމްއިއްޔާ ޖަމާއަތްތަކާއި، މިނިވަން މުއައްސަސާތައްވެސް، ބައިވެރިވެ މަސައްކަތް ކުރުމަކީ ވަރަށް ބޭނުންތެރި ކަމެއް ކަމަށެވެ.

މި ބަލިޖެހޭ މީހުންގެ އަދަދު މަދު ނުކުރެވިއްޖެނަމަ، ގިނަ ބައެއްގެ ފުރާނަ ގެއްލުމުގެ ބިރު އެބައޮތް ކަމަށް ފާހަގަ ކުރައްވާ އެމަނިކުފާނު ވަނީ މި ބަލިކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރުމަށް ރައީސް ސޯލިހް އެދިލެއްވިއެވެ. އަދި މި މަންޒަރު ދިވެހި ނޫސްވެރިންނަށް ވަރަށް ގާތުން ފެންނަކަން ފާހަގަ ކުރައްވާ ރައީސް ސޯލިހް ވިދާޅުވީ ކޮވިޑް ފެތުރުމާ ދެކޮޅަށް، ރާއްޖޭގެ މީޑިއާތައް މި ތެދުވީ، ކަމުގެ ނުރައްކާތެރިކަމާއި، ގައުމަށް ލިބިދާނެ ގެއްލުން، ދިވެހި ނޫސްވެރިންނަށް ވަރަށް ރަނގަޅަށް ތަސައްވަރު ކުރެވޭތީ ކަމަށެވެ.

އެމަނިކުފާނު ވަނީ ދިވެހި ނޫސްވެރިންގެ މި ކެމްޕެއިނާއެކު މިކަމުގައި ވަރަށް އަވަހަށް ކުރިއެރުން ލިބިގެންދާނެ ކަމަށް ދަންނަވާފައެވެ.