ކުރިއަށް އޮތް ތިން މަސް ދުވަހު ޒަރޫރީ ބޭނުންތަކަށް ބޭންކުތަކަށް އިތުރަށް ޑޮލަރު ދޫކުރަމުން ގެންދާނެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފިއެވެ.
އެމްއެމްއޭއިން ބުނީ، މި މަހުން ފެށިގެން ތިން މަސް ދުވަހަށް ފޮރިން އެކްސްޗޭންޖް އިންޓަވެންޝަން ނުވަތަ ބޭންކްތަކަށް ދޫކުރާ ޑޮލަރުގެ އަދަދު އިތުރުކުރަން ނިންމާފައިވާ ކަމަށެވެ. އެގޮތުން އެ އަދަދު ހާއްސަ ކުރެވޭނީ ޒަރޫރީ ބޭނުންތައް ކަމުގައިވާ ކާބޯތަކެތި އަދި ބޭސްފަރުވާއަށް ބޭނުންވާ ތަކެތި އިމްޕޯޓް ކުރުމަށް ކަމަށް އެމްއެމްއޭއިން ބުނެއެވެ.
މި ދުވަސްވަރު ރުފިޔާގެ އެކްސްޗޭންޖް ރޭޓަށް ކުރަމުންދާ ޕްރެޝަރު ކުޑަކުރުމަށްޓަކައި ވިޔަފާރި ބޭންކުތައް މެދުވެރިކޮށް ފޮރިން އެކްސްޗޭންޖް ބާޒާރަށް ފޯރުކޮށްދޭ ޑޮލަރުގެ އަދަދު މިދިޔަ އޭޕްރިލް، މެއި، ޖޫން އަދި ޖުލައި މަހުގެ ތެރޭގައި ވެސް ވަނީ އިތުރުކޮށްފައި ކަމަށް އެމްއެމްއޭއިން ބުނެއެވެ. ހަމައެއާއެކު ބޭންކުތަކުން އެމްއެމްއޭގައި ބަހައްޓަން ޖެހޭ ބޭރު ފައިސާގެ މިނިމަމް ރިޒާވް ވެސް މިހާރު ދެބައިކުޅަ އެއްބައި ނުވަތަ 5 ޕަސެންޓަށް މިހާރު ދަށްކޮށްފައިވާ ކަމަށް ވެސް އެފަރާތުން ބުނެއެވެ.
ރާއްޖޭގެ ރަސްމީ ރިޒާވަށް އިތުރުވާ ބޭރު ފައިސާގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ފަތުރުވެރިކަމުގެ ސިނާއަތުން ޓެކުހާއި ފީގެ ގޮތުގައި ސަރުކާރަށް ލިބޭ ބޭރު ފައިސާކަމަށާއި ފަތުރުވެރިކަން މަޑުޖެހިފައިވާ މި ދަނޑިވަޅުގައި މީގެ ސަބަބުން ރާއްޖޭގެ ރަސްމީ ރިޒާވްއަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމަށް ކެނޑިނޭޅި މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ވެސް އެމއެމްއޭއިން ބުނެއެވެ.
އެގޮތުން ރިޒާވް ބޭންކް އޮފް އިންޑިއާ އާ އެކު ވެފައިވާ ކަރަންސީ ސްވޮޕް އެއްބަސްވުމުގެ ދަށުން 150 މިލިއަން އެމެރިކާ ޑޮލަރު ލިބިފައިވާ ކަމަށާއި އެ ސްވޮޕްގެ މުއްދަތު އިތުރުކޮށްފައިވާ ކަމަށް ވެސް އެމްއެމްއޭއިން ބުނެއެވެ. އަދި އިންޑިއާ ސަރުކާރުން ރާއްޖެ އަށް 250 މިލިއަން އެމެރިކާ ޑޮލަރުގެ ފައިނޭންސިން ދިނުމަށް މިހާރުވަނީ ހަމަޖެހިފައި ކަމަށްވެސް އެމްއެމްއޭއިން ބުނެއެވެ.
ސަރުކާރާއި އެމްއެމްއޭއާ ގުޅިގެން ބޭރު ފައިސާގެ އެހީ ހޯދުމަށް ކެނޑިނޭޅިކުރެވެމުންދާ މަސައްކަތްތަކުގެ ސަބަބުން، ރާއްޖޭގެ ބޭރު ފައިސާގެ ބާޒާރަށް ދިމާވެފައިވާ ޑޮލަރު ލިބުމުގެ ދަތިތަކަށް ހައްލެއް ހޯދުމަށް މަގުފަހިވެގެންދާނެ ކަމަށް އެމްއެމްއޭއިން ފާހަގަކުރެއެވެ. މީގެ އިތުރުން އެމްއެމްއޭއިން ބުނީ ބާޒާރުގެ އަގުތައް އެއް ވަރެއްގައި ހިފެހެއްޓުމަށްޓަކައި ދިވެހި ރުފިޔާގެ އެކްސްޗޭންޖް ރޭޓަށް އައިސްދާނެ ބަދަލުތައް ކުޑަކޮށް ދިވެހި ރުފިޔާގެ އަގު އެއް ހަމައެއްގައި ހިފެހެއްޓުމަށް އެމްއެމްއޭގެ މަނިޓަރީ ސިޔާސަތުގެ ދަށުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.