ހުޅުމާލޭގައި އިމާރާތްކުރި ހުޅުމާލެ ޕޮލިސްގެ އާ އިމާރާތް ރަސްމީކޮށް ހުޅުވައިފިއެވެ.

މިއަދު ހެނދުނު ހުޅުމާލޭގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓާ އޮފް ހޯމްއެފެއާޒް އިމްރާން އަބްދުﷲއެވެ. ޕޮލިސް ސްޓޭޝަން ރަސްމީކޮށް ހުޅުއްވައި ދެއްވީ މިނިސްަޓާ ހޯމްއެފެއާޒް އިމްރާން އަބްދުﷲ އާއި ކޮމިޝަނާ އޮފް ޕޮލިސް މުޙައްމަދު ހަމީދެވެ.

އެރަސްމިއްޔާތުގައި މިނިސްޓަރު ދެއްކެވި ވާހަކަފުޅުގައި، ހުޅުމާލޭގައި ފުލުހުންގެފުރިހަމަ މަރުކަޒެއް ގާއިމްކުރެވިގެން ދިއުމަކީ ފުލުހުން އަދާކުރަންޖެހޭ މުހިންމު ޒިންމާއަށްޓަކައި ވަރަށް މުހިންމު ފިޔަވަޅެއް ކަމަށް ވަނީ ވިދާޅުވެފައެވެ. އަދި ހުޅުމާލޭގެ އާބާދީ އިތުރުވެ ހިދުމަތްތައް ގިނަވެ، ރައްޔިތުންގެ ހަރަކާތްތައް ފުޅާވެ، މުޅި ވެއްޓަށް އަންނަމުންދާ ބަދަލުތަކާ އެކުގައި ހުޅުމާލޭގައި ފުލުހުން ދޭންޖެހޭ ހިދުމަތްތަކަކީ ކޮންމެހެން ފުޅާކުރަންޖެހޭ ހިދުމަތެއްކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

އޭގެ އިތުރުން އިންސާނީ މުޖުތަމައަކަށް ބަލާއިރު އެމުޖުތަމައަކަށް ލިބިގެންވާ އެންމެ މުހިންމު ބަހާއަކީ އަމާންކަންކަމަށާއި މުޖުތަމައެއް ދެމިއޮތުމަށްޓަކައި އެ މުޖުތަމައުގެ އިގްދިސާދީ ތަނަވަސްކަމާއި ފުދުންތެރިކަމުގެ އިތުރުން އަމަންކަމާއި ރައްކާތެރިކަމަކީ އޮތުން ލާޒިމްކުރާ ދެ ސިފަކަމަށް މިނިސްޓަރު އިމްރާނު ވިދާޅުވިއެވެ.

އެގޮތުން އަމާންކަމާއި ރައްކާތެރިކަން މިއަދުގެ ދުނިޔޭގައި ކަށަވަރު ވެގެންދަނީ މިއަދުގެ ދުނިޔޭގައި ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުންކަން ފާހަގަކުރައްވައި ފުލުހުންގެ ބޮޅުގައި އެޅިފައިވާ މުހިންމު ޒިންމާއަކީ އެކަމަށްޓަކައި ފުލުހުން ޒިންމާ އަދާކުރާ އެއަށް ފަހުރުވެރިވެ ޝުކުރުވެރިވާ ކަމެއްކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ފުލުހުންނާ ދޭތެރޭ ވަރަށް މަތީ އުންމީދުތަކެއް ސަރުކާރުން ކުރާކަން ފާހަގަކުރައްވައި ފުލުހުންގެ ހިދުމަތް ފުރިހަމަކޮށް ފުލުހުންނަށް ބޭނުންވާ ވަސީލަތްތައް ގާއިމްކުރުމަށްޓަކައި މަސައްކަތްކުރައްވަމުން ގެންދަވާކަމަށެވެ. އަދި ފުލުހުންނަކީ ރައްޔިތުން އެދޭފަދަ ހިދުމަތެއް ދީ، ރައްޔިތުންގެ ފުރިހަމަ ލޯތްބާއި އިހުތިރާމް ލިބިފައިވާ ބަޔަކަށްވުމަކީ މުހިންމު ކަމެއްކަމަށާއި އެ ސިފަ ފުރިހަމަކުރުމަށްޓަކައި ފުލުހުންގެ މުއައްސަސާގެ ޝަރަފާއި ކަރާމާތް ހިމާޔަތްކުރުމަކީ ކޮންމެ ފުލުހެއްގެ ބޮލުގައި އެޅިފައިވާ ފަރުދީ ޒިންމާއެއްކަމަށް މިނިސްޓަރު އިމްރާނު ފާހަގަ ކުރެއްވިއެވެ.

ކޮމިޝަނާ އޮފް ޕޮލިސް އެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި، ފުލުހުންގެ ސްޓްރެޓީޖިކް ޕްލޭންގެ އެންމެ މުހިންމު އެއް އަމާޒަކީ ރައްޔިތުންނަށް ހިދުމަތް ދިނުމުގެ އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވާ ފްރަންޓްލައިން އަށް އިންފްރާސްޓްރަކްޗާ އަދި ވަސީލަތްތައް ދިނުން އެއީ އިސްކަމެއްކަމުގައި ދެކި، އޭގެ ނަތީޖާއެއްގެ ގޮތުގައި ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތައް ތަރައްގީކުރުންކަމަށް ވިދާޅުވިއެވެ.

އޭގެ އިތުރުން ފުލުހުންގެ ވާޖިބު އަދާކުރުމުގައި ކުރިމަތިވާ ގޮންޖެހުންތަކާއި ތަކުލީފުތައް ނައްތާލައި ފުލުހުންގެ ހިދުމަތް އެންމެ އެކަށީގެންވާ ގޮތެއްގައި ފޯރުކޮށްދިނުމަށްޓަކައި ރައްޔިތުންނާ ވީހާވެސް ގާތުން ހިދުމަތް ފޯރުކޮށްދޭނެ ނިޒާމްތައް ގާއިމްކުރުމަށް އިސްކަން ދީފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ހުޅުމާލެ ޕޮލިސްގެ އާ އިމާރާތުގެ މަޝްރޫއަކީ ޖޫން 14، 2017 ވަނަ ދުވަހު އިފްތިތާހު ކުރެވިގެންދިޔަ މަޝްރޫއުއެކެވެ. 2019 ނޮވެމްބަރު 12 ވަނަ ދުވަހު ނިމުނު އެ އިމާރާތަކީ ތިން ފަންގިފިލައަށް އިމާރާތްކޮށްފައިވާ އިމާރާތެކެވެ. ޖާގައިގެ ގޮތުން ތަނަވަސް އަދި ޒަމާނީ ޕޮލިސް ސްޓޭޝަނަކުން ރައްޔިތުންނަށް ހިދުމަތް ފަސޭހައިން ދެވޭނެފަދަ ބައިތަކާ ވަސީލަތްތަކުގެ މައްޗަށް ބިނާކޮށްފައިވާ އެއިމާރާތަށް 27.5 މިލިއަން ރުފިޔާ ހަރަދުވެފައިވެއެވެ.

ހުޅުމާލެ ޕޮލިސްގެ އާ އިމާރާތް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ޢަބްދުލް މަންނާން ޔޫސުފާއި ފުލުހުންގެ ސީނިއާ އޮފިސަރުންނާއި އެޗްޑީސީގެ މެނޭޖިން ޑިރެކްޓާ ސުހެއިލް އަހުމަދާއި ހުޅުމާލެ ޕޮލިސްގެ ވެރިންނާއި ހުޅުމާލެ ޕޮލިސްގައި މަސައްކަތްކުރާ މުވައްޒަފުން ބައިވެރިވެލެއްވިއެވެ.