ތިލަފުށީ ބޭރު ކަނޑުމަތިން މަރުވެފައި އޮއްވާ ފެނިފައިވަނީ ނޭޕާލްއަށް ނިސްބަތްވާ މީހެއް ކަމަށް ފުލުހުން ބުނެފިއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަން ވިދާޅުވީ އިއްޔެ މަރުވެފައި އޮއްވާ ފެނިފައިވަނީ ނޭޕަލް އަށް ނިސްބަތްވާ އުމުރުން 31 ގެ ފިރިހެނެއް ކަމަށެވެ. އަދި އެމީހާ އަކީ ތިލަފުށި ސައިޓުގައި މަސައްކަތްކުރާ މީހެއް ކަމަށް ވެސް ވަނީ ބުނެފައެވެ.

ތިލަފުށި ބޭރުން ކަނޑުމަތިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމުގެ ރިޕޯޓެއް ފުލުހުންނަށް ލިބިފައިވަނީ އިއްޔެ ހެނދުނު 8:36 ހާއިރުއެވެ.

އެހާދިސާއާ ގުޅިގެން ފުލުހުން ބަލަން ޖެހޭ ކަންތައްތައް ބަލަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެމީހާ މަރުވެފައިވަނީ ކޮން ސަބަބަކާ ހުރެ ކަމެއް އަދި ހާމަކޮށްފައެއް ނުވެއެވެ. އަދި އެއީ ކޮވިޑް މަރެއްތޯ ނޫނީ ނޫންތޯ އަދި އެނގިފައެއް ނުވެއެވެ.