ރޭ އައި ބިންހެލުމުގެ އަަސަރު ރާއްޖެއަށް ނުކުރާ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ، މެޓް އިން ބުނެފިއެވެ.
މެޓް އޮފީހުން ބުނީ ބިންހެލުމުގެ ސަބަބުން ރާއްޖެއަށް އަސަރުކުރާނެ ކަމަށް ނުބެލެވޭ ކަމަށާއި ޗާގޮސް އާކިޕެލަގޯ ސަރަހައްދަށް އައި އެ ބިންހެލުން އައިސްފައިވާ ކަމަށް ރިކޯޑް ކުރެވިފައިވަނީ ކަނޑުގެ 10 ކިލޯމީޓަރު އަޑިން 5.8 ރެކްޓާސްގެ ބާރުމިނުގައި އައްޑޫ ސިޓީއާއި 492 ކިލޯމީޓަރު ދުރުން ކަމަށްވެސް އެ އިދާރާއިން ބުނެއެވެ.
ރޭ އެ ބިންހެލުން އައިސްފައި ވަނީ ރާއްޖެ ގަޑިން 10:24 ގައެވެ، އެމެރިކާގެ ޖިއޮލަޖިކަލް ސާވޭ ވެބްސައިޓްގައި ރިޕޯޓްކޮށްފައިވާ ގޮތުގައި އައްޑޫސިޓީ އާއި 492 ކިލޯމީޓަރު ދުރުންއައި އެބިންހެލުމުގެ ބާރު މިނުގައި 6.2 މެގްނިޓިއުޑް ހުއްޓެވެ.
މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގައި ވަނީ ރާއްޖެއާ 2017 ކިލޯމީޓަރު ދުރަށް ބިންހެލުމެއް އައިސްފައެވެ. މި ބެހެލުން އައިސްފައި ވަނީ އިންޑިއާ ކަނޑުގެ ސަރަހައްދަކަށެވެ. މީގެ އިތުރުން ހަމަ މިދިޔަ އަހަރު ޖުލައި މަހުގެ ތެރޭގައިވެސް ވަނީ ރާއްޖޭގެ އެންމެ ދެކުނުން އައްޑޫ ސިޓީއާ 588 ކިލޯ މީޓަރު ދުރަށް ބިނހެލުމެއް އައިސްފައެވެ. މި ބިންހެލުމަކީ ރާއްޖެ ކައިރީގައި އޮންނަ ކާލްސްބާގް ރިޖްއަށް އައިސްފައިވާ ބިންހެލުމެކެވެ.
އެގޮތުން 2004 ވަނަ އަހަރު އިންޑޮނޭޝިއާގެ ސުމަޓްރާއަށް އައި ބާރު ގަދަ ބިންހެލުމެއްގައި ރާއްޖޭގެ އިތުރުން އޭޝިޔާ ސަރަހައްދުގެ ގިނަ ގައުމުތަކަަކށް ވަނީ ސުނާމި އަރާފައެވެ. އެގޮތުން 2004 ވަނަ އަހަރު އެރި ސުނާމީގައި ރާއްޖޭގެ ރަށްތަކަށާއި ރައްޔިތުންނަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ.