ކޮވިޑް ޖެހިގެން ވެންޓިލޭޓަރުގައި މިވަގުތު 5 މީހަކަށް ދަނީ ފަރުވާ ދެމުން ކަމަށް ހެލްތު އެމްޖެންސީ އޮޕަރޭޝަން ސެންޓާ (އެޗްއީއޯސީ) ގެ ތަރުޖަމާނު ޑރ. ފާތުމަތު ނަޒްލާ ރަފީގް ވިދާޅުވެއްޖެއެވެ.

އެޗްއީއޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނަޒްލާ ވިދާޅުވީ، ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގައި 3 މީހަކު ވެންޓިލޭޓަރުގައި ތިބި ކަމަށާއި ހުޅުމާލެ މެޑިކަލް ފެސިލިޓީގައި 2 މީހަކު ވެންޓިލޭޓަރުގައި ތިބި ކަމަށެވެ.

ކޮވިޑަށް ފަރުވާ ދެމުންދާ މހުންގެ އިތުރު ތަފްސީލް ހާމަކުރައްވަމުން ނަޒްލާ ވިދާޅުވީ، ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގައި 5 މީހަކު މިހާރު އެޑްމިޓްކޮށްފައި ތިބި ކަމަށާއި އަދި އެމީހުން ތިބީ އައިސީޔޫގައި ކަމަށް ކަމަށެވެ. އޭގެތެރެއިން 3 މީހަކު ތިބީ ވެންޓިލޭޓަރުގައި ކަމަށް ނަޒްލާ ފާހަގަ ކުރެއްވިއެވެ.

ދަރުމަވަންތަ ހޮސްޕިޓަލުގެ 16 ވަނަ ފަންގިލާގައި 6 މީހުން ކޮވިޑަށް ފަރުވާ ކުރުމަށް އެޑްމިޓް ކުރެވިފައިވާ ކަމަށާއި 20 ވަނަ ފަންގިފިލާގައި އެކަކު އެޑްމިޓް ކުރެވިފައިވާ ކަމަށް ނަޒްލާ ވިދާޅުވިއެވެ. އަދި ބ. އަތޮޅު އޭދަފުށީ ކޮވިޑް ފެސިިލިޓީގައި މިވަގުތު އެކަކު އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ ކަމަށް ނަޒްލާ ވިދާޅުވިއެވެ.

މީގެ އިތުރުން ހުޅުމާލެ މެޑިކަލް ފެސިލިޓީގައި 156 ބަލި މީހުންނަށް ވޯޑުގައި ފަރުވާ ދެމުންދާ ކަމަށާއި 3 މީހުންނަށް އައިސީޔޫ ފަރުވާ ދެމުންދާ ކަމަށް ނަޒްލާ ވިދާޅުވިއެވެ. އައިސީޔޫގައި ތިބި 3 މީހުންގެ ތެރެއިން 2 މީހުން ތިބީ ވެންޓީލޭޓަރުގައި ކަމަށް ނަޒްލާ ވިދާޅުވިއެވެ. އަދި މިވަގުތު ކޮވިޑް ޖެހިގެން އައިސޮލޭޗަން ފެސިލިޓީތަކުގައި 1450 މީހުން އެބަތިބި ކަމަށް އޭނާ ވިދާޅުވިއެވެ.