ކޮވިޑާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކާ ގުޅިގެން ވޭތުވެދިޔަ 9 ދުވަސްތެރޭގައި މަނާކޮށްފައިވާ ވަގުތުތަކުގައި ދުއްވާ އެއްޗެހި ދުއްވައިގެން 1095 ފަރާތަކަށް ނަސޭހަތްދީ 274 ފަރާތެއް ޖޫރިމަނާ ކޮށްފައި ވާ ކަމަށް ފުލުހުން ބުނެފިއެވެ.

މިހާރު ދަރުބާރުގޭގައި ކުރިއަށް ދާ ހެލްތު އެމްޖެންސީ އޮޕަރޭޝަން ސެންޓާ (އެޗްއީއޯސީ) ގެ ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ ފަރާތުން މައުލޫމާތު ދެމުން ބުނީ، ކޮވިޑާ ގުޅިގެން މި މަހުގެ 23 ވަނަ ދުވަހު އަޅާަފއިވާ ފިޔަވަޅުތަކުގެ ތެރެއިން ރޭގަނޑު 8:00 އިން ފެށިގެން ފަތިހު 5:00 އާ ދެމެދު ދުއްވާ އެއްޗެހި ދުއްވާ ފަރާތްތަކުގެ ތެރެއިން 1095 ފަރާތަކަށް މިހާތަނަށް ނަސޭހަތް ދެވިފައިވާ ކަމަށެވެ. އަދި ދުއްވާ އެއްޗެހި އެވަގުތު ތަކުގައި ދުއްވައިގެން 274 މީހަކު ޖޫރިމަނާ ކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ހަމައެއާއެކު މަގުމަތީގައި އުޅޭ ވަގުތުތަކުގައި މާސްކް ނާޅާ އުލޭގެން 2901 މީހަކަށް މިހާތަނަށް ނަސޭހަތް ދެވިފައިވާ ކަމަށާއި 1188 މީހަކު ޖޫރިމަނާ ކޮށްފަިއވާ ކަމަށް ފުލުހުން ބުނެއެވެ. އަދި ރޭގަނޑު 10:00 އިން ފެށިގެން ފަތިހު 5:00 އާ ދެމދު މަގުމަތީގައި އުޅެގެން 3813 ފަރާތަކަށް ނަސޭހަތް ދެވިފައިވާ ކަމަށާއި 1580 ފަރާތެއް ޖުރިމަނާކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ކޮވިޑުން ރައްކާތެރިވުމަށް އަޅަފައިވާ ފިޔަވަޅުތަކުގެ ތެރޭގައި މާލޭ ސަރަހައްދުގައި ރޭގަނޑު 10:00 އިން ފެށިގެން ފަތިހު 5:00 އާ ދެމެދު މަގުމައްޗަށް ނުކުމެ އުޅުމަކީ މަނާ ކަމެކެވެ. އަދި ބޭރަށް ނުކުމެ އުޅޭ ވަގުތު ބަލި ފެނިފައިވާ ރަށްރަށުގައި މާސްކް އެޅުން ވަނީ މަޖުބޫރު ކޮށްފައެވެ. މި ފިޔަވަޅުތަކަށް އަމަލު ނުކުރާ ފަރާތްތަކަށް ފުރަތަމަ ފަހަރަށް ނަސޭހަތް ދޭ އިރު އެކަން ތަކުރާރު ވާ ނަމަ ޖޫރިމަނާ ކުރުމަށް ވަނީ ނިންމާފައެވެ.

މީގެ އިތުރުން މި މަހުގެ 22 ވަނަ ދުވަހުން ފެށިގެން ރޭގަނޑު 8:00 އިން ފެށިގެން ފަތިހު 5:00 އާ ދެމެދު މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު ދުއްވުން ވަނީ މަނާކޮށްފައެވެ.