ކޮވިޑަށް ފަރުވާ ހޯއްދަވަމުން ގެންދަވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ބަލިން އަވަހަށް ރަނގަޅުވެ އާއިލާ ކައިރިއަށް ވަޑައިގަތުމުގެ ފޮނި އުއްމީދުގައި ހުންނެވިކަމަށް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން ކުރެއްވީ ޓްވީޓެއްގައި ވަނީ އައިސޮލޭޝަންގައި ހުންނަވައިގެން އަނބިކަނބަލުން ނަސްރީނާ އިބްރާހިމްއާ ވީޑިއޯ ކޯލް ކުރައްވައިގެން ހުންނެވި ފޮޓޯއެއް ޓްވީޓް ކުރައްވާފައެވެ. މައުމޫން ވިދާޅުވީ، އައިސޯލޭޝަންގައި ހުންނަވާ އިރު ނަސްރީނާއާ ވާހަކަފުޅު ދެއްކެވުމަކީ ވަރަށް ހިތްހަމަޖެހިވަޑައިގަންނަވާ ކަމެއް ކަމަށެވެ.
އައިސޮލޭޝަން ފެސިލިޓީގައި އެ މަނިކުފާނަށް ހިދުމަތް ދިން ހުރިހާ ސްޓާފުންގެ ފަރާތުން ފޯރުކޮށްދިން ހިދުމަތް ފާހަގަކުރައްވާ މައުމޫން ވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި އަވަހަށް ބަލިން ރަނގަޅުވެ އަނބިކަނބަލުންނާއި އާއިލާ ކައިރިއަށް ވަޑައިގަތުމުގެ ފޮނި އުންމީދުގައި ހުންނެވިކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް މައުމޫން ކުރެއްވި ޓްވީޓަށް އެތައް ބަޔަކު ވަނީ އެމަނިކުފާނަށް އަވަސް ޝިފާއެއް ދެއްވުމަށް އެދި ހެޔޮ ދުއާގެ މެސެޖް ކޮށްފައެވެ. އެގޮތުން އެމަނިކުފާނުގެ ދަރިކަނބަލުން އަދި ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވަނީ ބައްޕާފުޅު މަތިން ވަރަށް ހަނދާންވާ ކަމަށާއި އަވަހަށް ބައްޕާފުޅު ގެއަށް ވަޑައިގަންނަވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.
ރައީސް މައުމޫން ކޮވިޑަށް ޓެސްޓު ކުރައްވާފައި ވަނީ ހުމުގެ އާލާސްކަންފުޅެއްގައި އުޅުއްވާތީއެވެ. އެމަނިކުފާނުގެ ނަތީޖާ ލިބުމުން އެކަން ޓްވީޓާ މެދުވެރިކޮށް އަންގަވާފައި ވަނީ މިދިޔަ އަންގާރަ ދުވަހުއެވެ.
އެމަނިކުފާނު ކޮވިޑަށް ޕޮޒިޓިވް ވެފައި ވާކަން ހާމަކުރެއްވުމާ އެކު ގިނަ އަދަދެއްގެ ބަޔަކު ވަނީ ސޯޝަލް މީޑިއާގައި އެމަނިކުފާނަށް ހެޔޮ ދުއާ ކޮށް އަވަސް ޝިފާއަކަށް އެދިފައެވެ. އޭގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިތުރުން ސިޔާސީ އިސް ލީޑަރުންވެސް ހިމެނިވަޑައިގަންނަވައެވެ.
ކޮވިޑަކީ އުމުރުން ދުވަސްވީ ފަރާތްތަކަށް އޭގެ ނުރައްކާ ބޮޑު ބައްޔަކަށް ވާއިރު އުމުރުން 82 އަހަރުފުޅުގެ ރައީސް މައުމޫނަކީ ވެސް ބަލީގެ ހައި ރިސްކު ކެޓަގަރީގެ ބޭފުޅެކެވެ. އާއިލާ އިން ވަނީ މައުމޫނުގެ ހާލުކޮޅު ރަނގަޅު ކަމަށް ބުނެފައެވެ.
ރައީސް މައުމޫން އަށް އަވަސް ޝިފާއެއް މާތްاللهގެ ރަހްމަތްފުޅުން މިންވަރުކުރައްވާށި. އަދި އެމަނިކުފާނު އާލާސްކަންފުޅާއި އޮންނަވަނިކޮށް އެމަނިކުފާނަށް ހަޑިހުތުރުބަހުން އެއްޗެހިގޮވާ ބޮޑެތި އިލްޒާމްތައް އެޅުއްވި ސިޔާސީ ބޭފުޅުން މަސްތުގެ ޙާލަތުން ރައްކައުކުރައްވައި ހެޔޮލަފާ އިންސާނުންގެ ތެރޭ ލައްވާށި.