ސްޕްލިޓް ސްޓޭ ނުވަތަ އެއްތަނަކަށްވުރެ ގިނަ ތަންތަނުގައި ޗުއްޓީ ހޭދަ ކުރުމުގެ ހުއްދަ ފަތުރުވެރިންނަށް ދީފިއެވެ.
ޓޫރިޒަމް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ސްޕްލިޓް ސްޓޭ ހުއްދަ ދިނުމަށް ހަމަޖެހިފައިވަނީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކަނޑައަޅާފައިވާ ގައިޑްލައިނަށް ފެތޭ ރިސޯޓްތަކުން އެޗްޕީއޭގެ ޝަރުތުތައް ފުރިހަމަކޮށް އެ މިނިސްޓްރީއަށް ހުށަހެޅުމުން ކަމަށެވެ.
އަދި މި ހުއްދައަށް އެދި ފަތުރުވެރިޔާ ދަތުރުކުރުމަށް ހަމަޖެހިފައިވާ ތާރީހުގެ ދެ ދުވަސްކުރިން އެ މިނިސްޓްރީއަށް ހުށަހަޅަން ޖެހޭ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ މި ބަދަލު ގެނެސްފައި ވަނީ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިން ގިނަ ދުވަހު ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް މަގުފަހިކޮށްދިނުމަށްޓަކައި ކަމަށެވެ. އަދި ރާއްޖޭގައި ޗުއްޓީ ހޭދަކުރާ މުއްދަތު އިތުރުކުރުމަށް ބާރުއެޅުމުގެ ގޮތުން ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
އެ މިނިސްޓްރީން ބުނީ ސްޕްލިޓް ސްޓޭ ހުއްދަ ދިނުމަށް ނިންމާފައި ވަނީ އެޗްޕީއޭ އަދި ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ މަޝްވަރާގެ މަތިން ކަމަށެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން ރާއްޖޭގެ ބޯޑަރު ބަންދު ކުރުމަށްފަހު ހުޅުވީ މިދިޔަ ޖުލައި މަހު 15 ގައެވެ. ބޯޑަރު އަލުން ހުޅުވާލާ އެޗްޕީއޭ އިން އާންމުކޮށްފައިވާ ގައިޑްލައިންގައި ބުނެފައިވަނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް އަންނަ ފަތުރުވެރިން ތިބެންޖެހޭނީ އެމީހަކު ބުކިން ހައްދައިގެން އަންނަ ރިސޯޓެއްގައި ކަމަށާއި، އެއްރިސޯޓުން އަނެއް ރިސޯޓަށް ނުދެވޭނެ ކަމަށެވެ.
ފަތުރުވެރިންނަށް ހިދުމަތްދޭ ރިސޯޓުތަކަކީ ކޮވިޑް ސޭފް ޕްލޭނެއް އެކުލަވާލާފައިވާ ރިސޯޓަކަށް ވާންޖެހެއެވެ. އަދި އެޗްޕީއޭގެ ގައިޑްލައިންގައި ބުނާގޮތަށް އެތަނުގައި މަސައްކަތްކުރާ މުވައްޒަފުންނަކީ ކޮވިޑް-19 ޕްރޮޓޮކޯލްސް އަށް ޓްރެއިން ކުރެވިފައި ތިބެންވާނެ ބައެއް ކަމަށާއި، ޕީޕީއީ ބޭނުން ކުރާނެ ގޮތުގެ ޓްރެއިނިން މުވައްޒަފުންނަށް ދެވިފައި ހުންނަން ޖެހޭނެ ކަމަށް ވެސް ބުނެފައިވެއެވެ.