ދިވެހި ފުލުހުންގެ ހިދުމަތާ އަލަށް ގުޅުނު ފުލުހުން ހުވާކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

މި ރަސްމިއްޔާތު ބާއްވާފައި ވަނީ އިސްކަންދަރު ބިލްޑިންގައި މިއަދު ހެނދުނެވެ. މި ރަސްމިއްޔަތުގައި ފުލުހުންނަށް ހުވާ ލައިދެއްވީ ސިވިލް ކޯޓުގެ އިސް ގާޒީ އަބްދުﷲ އަލީއެވެ. މިއަދުގެ ރަސްމިއްޔާތުގައި ހުވާކޮށްފައިވަނީ ފުލުހުންގެ ހިދުމަތަށް އަލަށް ގުޅުނު 21 ފުލުހުންނެވެ. އެއީ 15 ފުލުހުންނާއި ސްޕެޝަލް ކޮންސްޓަބިއުލަރީ 6 ފުލުހުުންނެވެ.

މިރަސްމިއްޔާތުގައި ހުވާކުރުމަށްފަހު ފުލުހުންވަނީ ހުވާގެ ލިޔުމުގައި ސޮއިކޮށްފައެވެ.

ފުލުހުންގެ ހިދުމަތާ އަލަށް ގުޅުނު ފުލުހުން ހުވާކުރުން / ފޮޓޯ: ޕޮލިސް

ފުލުހުންނަށް ހުވާ ލައިދެއްވުމަށްފަހު މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސިވިލް ކޯޓުގެ އިސް ގާޒީ އަބްދުﷲ އަލީ ދެއްކެވި ވާހަކާގައި ހުވަޔަކީ ވަރަށް އަގުހުރި އެއްޗެއްކަމާއި މާތްﷲ ގަންދީ ހުވާކޮށްގެންހުރެ ހުވަޔާއި ހިލާފުވެއްޖެނަމަ އެކަމުގެ ގެއްލުން އެމީހަކަށް ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ. އަދި ހުރިހާ ފުލުހުން ވެސް ފުލުހުންގެ ހުވަޔާ އެއްގޮތަށް މަސައްކަތްކޮށް، ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް އަމަލުކުރުމަށް ނަސޭހަތްތެެރިވެ ލެއްވިއެވެ.

މި ރަސްމިއްޔާތުގައި ހިއުމަންސް ރިސޯސް ޑިވެލޮޕްމަންޓްގެ ހެޑް ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އަހްމަދު މުސްލިމް ބައިވެރިވެލެއްވިއެވެ.