ކޮވިޑް-19 އާ ގުޅިގެން އާމްދަނީ އަށް ނުރަނގަޅު އަސަރު ކޮށްފައިވާ ފަރާތްތަކުން އިންކަމް ސަޕޯޓް އެލަވަންސް އަށް އެދި ހުށަހެޅުމުގެ މުއްދަތު އިތުރު ކޮށްފިއެވެ.

އިކޮނޮމިކް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ އިންކަމް ސަޕޯޓް އެލަވަންސް ދިނުމުގެ އުސޫލުގެ ދަށުން ދެވަނަ ބުރުގައި އެލަވަންސް ދިނުމަށް ހަމަޖެހިފައި ވަނީ 2020 ވަނަ އަހަރުގެ ޖުލައި މަހާއި، އޯގަސްޓް މަހާއި އަދި ސެޕްޓެމްބަރު މަހަށް ކަމަށެވެ.

އެ އެލަވަންސަށް ވީހާވެސް ގިނަ ފަރާތްތަކަކަށް އެދުމުގެ ފުރުސަތު އިތުރުކުރުމުގެ ގޮތުން، ކޮންމެ މަހެއްގެ މުއްދަތު އިތުރުކުރެވިފައިވާ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ،

އެގޮތުން ޖުލައި މަހުގެ އެލަވަންސަށް އެދި ހުށަހަޅަން ޖެހޭ އެންމެ ފަހު ތާރީހަކީ 15 ސެޕްޓެމްބަރު އެވެ. އަދި އޮގަސްޓް މަހުގެ އެލަވަންސަށް އެދި ހުށަހަޅަން ޖެހޭ އެންމެ ފަހު ތާރީހަކީ 30 ސެޕްޓެމްބަރެވެ. އޭގެ އިތުރުން ސެޕްޓެމްބަރު މަހުގެ އެލަވަންސަށް އެދި ހުށަހަޅަން ޖެހޭ އެންމެ ފަހު ތާރީހަކީ 30 އޮކްޓޯބަރު ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ އެ އެލަވަންސަށް ހުށަހެޅުމަށް ދެވަނަ ބުރުގައި ހަމަޖެހިފައިވަނީ ހަމައެކަނި ޖޮބް ސެންޓަރު މެދުވެރިކޮށް އޮންލައިން ފޯމަކުން ކަމަށެވެ. އަދި އޮންލައިންކޮށް ހުށަހެޅުމަށް ކުރިން އުޒުރުވެރިވެފައިވާ ފަރާތްތަކުން، އީފާސްގައި ރަޖިސްޓާ ވުމަށްފަހު، އޮންލައިން ފޯމް ފުރިހަމަކުރުމަށް ފަހު ހުށަހެޅުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.

އީފާސްގައި ރަޖިސްޓާ ވުމާ އެޕްލިކޭޝަން ހުށަހެޅުމާ ބެހޭ ތަފްސީލް ޖޮބްސެންޓަރު ގައި ޝާއިއު ކުރެވިފައި ވާކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.