ނ. ވެލިދޫގެ ގެއެއް ބަލައި ފާސްކޮށް މަސްތުވާތަކެތި ހޯދައި، ތުހުމަތުގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ވެލިދޫ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުންނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ރޭ ހިންގި އޮޕަރޭޝަނުގައި އެކުއްޖާ ހައްޔަރުކޮށްފައިވަނީ އޭނާ ދިރިއުޅެމުންދާ ގެއިން ކަމަށެވެ.

ކޯޓު އަމުރެއްގެ ދަށުން އެކުއްޖާ ދިރިއުޅެމުންދާ ގެ ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ޖޫސްޕެޓީ ކޮތަޅެއް ފެނިފައިވާ ކަމަށާއި އެ ތަކެތީގެ ބަރުދަނީ 52 ގްރާމް ހުރި ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މާލޭގެ އިތުރުން އަތޮޅުތަކުގައި ގާއިމްކޮށްފައިވާ ޕޮލިސް ސްޓޭޝަންތަކުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިމައްސަލަަ ވެލިދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.

މަސްތުވާ ތަކެއްޗާއެކު ކުޑަ ކުއްޖަކު ހައްޔަރު ކޮށްފައި ވާއިރު، ހޯމް މިނިސްޓްރީގެ 2019 ވަނަ އަހަރު ތަފާސް ހިސާބުތައް ބުނާ ގޮތުން އެ އަހަރު އެންމެ ގިނައިން ހުށަހެޅިފައި ވަނީ މަސްތުވާތަކެތީގެ މައްސަލަތަކެވެ.

އެގޮތުން މަސްތުވާތަކެތި ބޭނުންކުރުމާއި ގެންގުޅުމާއި އަތުގައި ބެހެއްޓުމާއި، މަސްތުވާތަކެތި އެތެރެކުރުމާއި ވިއްކުމާއި، ބަނގުރާ ބޭނުންކުރުމާއި އަތުގައި ބެހެއްޓުން ފަދަމަސްތުވާތަކެއްޗާ ގުޅޭ 119 މައްސަލަ ހުށަހެޅިފައި ވެއެވެ. އެއީ ހުށަހެޅުނު މައްސަލަތަކުގެ 35 ޕަސަންޓެވެ. މައްސަލަތަކުގެ ތެރޭގައި ހިމެނޭ ފިރިހެންކުދިން ކުރާ ކުށްތަކުގެ ބާވަތްތަކަށް ބަލާއިރު، 2019 ވަނަ އަހަރު އެންމެ ގިނައިން ހުށަހެޅުނު މައްސަލަތަކުގެ ތެރޭގައި ހިމެނެނީ މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުމާއި، ވައްކަންކުރުމާއި، މާރާމާރީގެ މައްސަލަތަކެވެ. އަދި އަންހެން ކުދިންގެ ފަރާތުން އެންމެ ގިނައިން ހުށަހެޅިފައިވަނީ މަސްތުވާތަކެއްޗާއި ގުޅުން ހުރި މައްސަލަތަކެވެ.