މިދިޔަ ޖުލައި މަހު 31 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި އައްޑޫސިޓީ ހިތަދޫގައި ނަފްސާނީ ގޮތުން ނުކުޅުދުންތެރިކަމެއް ހުންނަ އަންހެނަކަށް ޖިންސީ އަދި ޖިސްމާނީ އަނިޔާކޮށް އޭނާއާމެދު ގަދަކަމުން ބަދުއަހްލާގީ އަމަލު ހިންގި މައްސަލާގައި 2 މީހެއްގެ މައްޗަށް ދައުވާ އުފުލައިފިއެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ، އެ މައްސަލާގައި ކ. މާލެ، ދަފްތަރު ނަންބަރު 963، މަޚްތޫމް މޫސާ ދީދީ އަދި ސ. ހިތަދޫ، ޒަހާމަންޒިލް، އަލީ ޝިމާއު ޒުބައިރުގެ މައްޗަށް ދައުވާ ކުރުމަށް ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

މި މައްސަލާގައި މަޚްތޫމްގެ މައްޗަށް އުފުލާފައި ވަނީ ޖިންސީ ކުށުގެ ގާނޫނުގެ 28 ވަނަ މާއްދާގެ (ހ) އަދި (ށ) އާ ހަވާލާދީ، އެމާއްދާގެ (ނ) ގެ ދަށުން، ނުކުޅުދުންތެރިކަމެއް ހުރި މީހަކާ އެކު ޖިންސީ އަމަލު ހިންގުމުގެ ކުށުގެ ދައުވާއެވެ. އޭނާގެ މައްޗަށް މި ދައުވާ ސާބިތުވެއްޖެނަމަ 15 އަހަރާއި 20 އަހަރާ ދެމެދުގެ މުއްދަތުގެ ޖަލު ހުކުމެއް އަންނާނެއެވެ.

ޝިމާއުގެ މައްޗަށް އުފުލާފައި ވަނީ ޖިންސީ ކުށުގެ ގާނޫނުގެ 28 ވަނަ މާއްދާގެ (ހ) އަދި (ށ) އާ ހަވާލާދީ، އެމާއްދާގެ (ނ) ގެ ދަށުން، ނުކުޅުދުންތެރިކަމެއް ހުރި މީހަކާ އެކު ޖިންސީ އަމަލު ހިންގުމުގެ ކުށުގެ ދައުވާއެވެ. އޭނާގެ މައްޗަށް މި ދައުވާ ސާބިތުވެއްޖެނަމަ 15 އަހަރާއި 20 އަހަރާ ދެމެދުގެ މުއްދަތުގެ ޖަލު ހުކުމެއް އަންނާނެއެވެ.

އަދި ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 616 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރުގެ (ii) އާ ހަވާލާދީ، އެމާއްދާގެ (ށ) ދަށުން ބަނގުރާ ބުއިމުގެ ކުށުގެ ދައުވާ ވެސް ވަނީ ޝިމާއުގެ މައްޗަށް އުފުލާފައެވެ. މި ދައުވާ އޭނާގެ މައްޗަށް ސާބިތުވެއްޖެނަމަ، އަސާސީ އަދަބެއްގެ ގޮތުގައި، 1 މަހާއި 6 ދުވަހަށް ޖަލަށްލުމާއެކު 40 އެތިފަހަރުން ޖަލްދު ކުރާނެއެވެ.