ނޮވެމްބަރު 2018 ގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރު ފެށިގެން އައީ އެތައް ރައްޔިތުންނެއްގެ ފޮނި ހުވަފެންތަކާއެކުއެވެ. ތަރައްގީގެ އެތައް މަޝްރޫއެއްގެ ވާހަކައާއެކުއެވެ. ގިނަ ކަންތައްތަކަކަށް ވައުދުވެ، ސަރުކާރުގެ ފުރަތަމަ އަހަރު ނިމިގެން ދިޔައިރު، ދައުލަތުގެ ބަޖެޓުންނާއި، ބޭރުގެ އެކިއެކި ގައުމުތަކުގެ އެހީގައި ވަނީ މަޝްރޫއުތަކަށް ފަންޑު ކުރާނެ ގޮތްތަކެއް ކަނޑައަޅާފައެވެ. އެތައް މިލިއަން ޑޮލަރެއްގެ މަޝްރޫއުތައް ހިނގާ، ތަރައްގީ ކުރެވޭނެ ކަމުގެ ފޮނި އުއްމީދުތަކެއް ލިބުނު އެއް ސިޓީކަމުގައި ގުޅިފައިވާ ރަށްތަކެއްގެ މައްޗަށް ބިނާވެފައިވާ އައްޑޫ ސިޓީ ހިމެނެއެވެ.
ވެރިކަމުގެ އެއް އަހަރު ނިމި، ދެވަނަ އަހަރު ފެށިގެން އައީ، ދުނިޔޭގައި ފެތުރުނު ބޮޑު ބަލިމަޑުކަމަކާއެކުއެވެ. ރާއްޖެވެސް މި ބަލިމަޑުކަމުގެ ޝިކާރައަށް ވެފައިވާއިރު، މިއީ އިގްތިސޯދީ އެތައް ހަރަކާތްތަކެއް ހުއްޓުވާލި ކަމެކެވެ. ނަމަވެސް ރައީސް ސޯލިހް ނިންމެވީ، މިކަމުގެ ތެރޭގައި ވެސް ސަރުކަރުން ހިންގާ މަޝްރޫއުތަކަސް ހުއްޓުމެއް ނުގެނައުމަށެވެ. ރައްޔިތުންނަށް ވެފައިވާ ވައުދުތަކަށް އަސްލު ކުލަ ގެނައުމުގެ މަސައްކަތުގައި "ފުލް ސްޓޮޕް" ޖެހޭނެ ފަދަ ކަމަކާ ދުރުހެލިވުމަށެވެ.
ފަހަރުގައި ބައެއް ފަރާތްތަކަށް ނޭނގިދާނެއެވެ. ނަމަވެސް، ސަރުކާރުގެ މަޝްރޫއުތައް ހުއްޓާނުލައި ކުރިއަށް ގެންދިއުމަށް ރައީސް ސޯލިހް ނިންމެވި ނިންމެވުން ދަނީ ތަންފީޒު ކުރެވެމުންނެވެ. އައްޑޫގައި ކުރިއަށް ގެންދިއުމަށް ނިންމި ޖުމްލަ 43 މަޝްރޫއުގެ ތެރެއިން، ދެތިން މަޝްރޫއު ފިޔަވައި ހުރިހާ މަޝްރޫއެއްގެ މަސައްކަތް ކުރިއަށް އެބަދެއެވެ. އަމަލީ މަސައްކަތް ނޫން ކަމުގައި ވިޔަސް، އިދާރީ ކަންކަން ވެސް މެއެވެ.
އައްޑޫގައި ޖުމްލަ 43 މަޝްރޫއެއް ހިންގަން ހަމަޖައްސާފައި ވާއިރު، އެއީ ބޭރުގެ އެހީގައި ކުރިއަށް ގެންދާ 24 މަޝްރޫއާއި ދިވެހި ސަރުކާރުގެ ބަޖެޓުން ފަންޑުކޮށްގެން ކުރިއަށް ގެންދާ 19 މަޝްރޫއެވެ. އެއީ، ސަރުކާރުގެ ބަޖެޓުން 277 މިލިއަން ރުފިޔާއާއި، ބޭރުގެ އެހީ އިން 4.9 ބިލިއަން ރުފިޔާއާއެކު ޖުމްލަ 5.2 ބިލިއަން ރުފިޔާގެ މަޝްރޫއުތަކެވެ.
ސަރުކާރުގެ ބަޖެޓުން ކުރިއަށް ގެންދާ މަޝްރޫއުތައް:
ސަރުކާރު ބަޖެޓުން ހަރަދުކޮށްގެން ޖުމްލަ 19 މަޝްރޫއު އައްޑޫގައި ހިންގަމުންދާއިރު، އެއީ 277.6 މިލިއަން ރުފިޔާގެ މަޝްރޫއުތަކެވެ. އެ މަޝްރޫއުތަކުގެ ތެރޭގައި ހިމެނެނީ، ހުޅުދޫގެ 3 މަޝްރޫއާއި، ހުޅުމީދޫގެ މަޝްރޫއަކާއި، ފޭދޫގެ މަޝްރޫއަކާއި، މަރަދޫގެ 3 މަޝްރޫއާއި މަރަދޫ ފޭދޫގެ 3 މަޝްރޫއުގެ އިތުރުން މީދޫގެ 2 މަޝްރޫއާއި ހިތަދޫގެ 6 މަޝްރޫއެވެ.
ހުޅުދޫގައި ހިންގާ 3 މަޝްރޫއަކީ، އެރަށުގައި ހެލްތް ސެންޓަރެއް ގާއިމް ކުރުމުގެ މަޝްރޫއާއި، ފުޓްބޯޅަ ދަނޑެއް އެޅުމުގެ މަޝްރޫއާއި، ބަނދަރު ހެދުމުގެ މަޝްރޫއެވެ. މި މަޝްރޫއުތަކަށް ޖުމްލަ 71.1 މިލިއަން ރުފިޔާ ހަރަދުކުރެއެވެ. ހުޅުދޫގެ ހެލްތް ސެންޓަރުގެ ފުރަތަމަ މަރުހަލާގެ މަސައްކަތް ނިމި، މިހާރު ކުރިއަށް ދަނީ ފިނިޝިން މަސައްކަތުގެ ޓެންޑަރިން މަރުހަލާއެވެ. އެރަށު ފުޓްބޯޅަ ދަނޑު އެޅުމުގެ މަޝްރޫއުގެ މިހާރު ކުރިއަށް ދަނީ ސަބް ބޭސް ތައްޔާރު ކުރުމުގެ މަސައްކަތެވެ. އަދި ބަނދަރު އެޅުމުގެ މަޝްރޫއުގެ ހިންގުމަށް އެންވާރަމަންޓް އިމްޕެކްޓް އެސެސްމަންޓް ހެދުމުގެ ކަންކަން މިހާރު ކުރިއަށް އެބަދެއެވެ.
ހުޅުމީދޫގައި ހިންގާ މަޝްރޫއަކީ، އެރަށުގައި މިފްކޯ ބަނދަރެއް ގާއިމް ކުރުމުގެ މަޝްރޫއެވެ. 7 މިލިއަން ރުފިޔާގެ މި މަޝްރޫގެ ކޮންޓްރެކްޓް މިހާރު ވަނީ އެވޯޑްކޮށްފައެވެ. ފޭދޫން ހިންގާ މަޝްރޫއަކީ މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ސައުތް ރީޖަނުގެ ހެޑް އޮފީސް ގާއިމް ކުރުމުގެ މަޝްރޫއެވެ. 13 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ ޑިޒައިނަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތަށް ވަނީ ހުޅުވަލާފައެވެ.
މަރަދޫގައި ހިންގާ 3 މަޝްރޫއު ތެރޭގައި ހިމެނެނީ، އެރަށު ސްކޫލުގައި 12 ކްލާސްރޫމުގެ އާ އިމާރާތެއް އެޅުމާއި، ނެރު މަރާމާތު ކުރުމުގެ އިތުރުން، ބަނދަރު މަރާމާތު ކުރުމުގެ މަޝްރޫއެވެ. މި މަޝްރޫއުތަކަށް ޖުމްލަ 52.4 މިލިއަން ރުފިޔާ ހޭދަވެއެވެ. މަރަދޫ ސްކޫލުގައި 12 ކްލާސްރޫމުގެ އާ އިމާރާތް އެޅުމުގެ އަމަލީ މަސައްކަތް ކުރިއަށްދާއިރު، ނެރު މަރާމާތު ކުރުމުގެ މަޝްރޫއުގެ ވެސް އަމަލީ މަސައްކަތް ކުރިއަށް އެބަދެއެވެ. އަދި ބަނދަރު މަރާމާތު ކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިމި، ދެން އޮތީ ފައިނަލް އިންސްޕެކްޝަން ހެދުމެވެ.
މަރަދޫފޭދޫގައި ހިންގާ 3 މަޝްރޫއު ތެރޭގައި ހިމެނެނީ، އެރަށު ސްކޫލުގައި 6 ކްލާސްރޫމް ގާއިމްކުރުމާއި، އައުޓްޑޯ ޖިމެއް ހެދުމުގެ އިތުރުން ބަނދަރު ހެދުމުގެ މަޝްރޫއެވެ. މި މަޝްރޫއުތަކަށް ޖުމްލަ 48.3 މިލިއަން ރުފިޔާ ހަރަދުވެއެވެ. މަރަދޫފޭދޫ ސްކޫލުގައި 6 ކްލާސްރޫމުގެ އެޅުމަށް ފައުންޑޭޝަން އެޅުމުގެ މަސައްކަތް ކުރަމުންދާއިރު، އައުޓްޑޯ ޖިމުގެ އަމަލީ މަސައްކަތް ވަނީ ފަށާފައެވެ. އަދި ބަނދަރު ހެދުމުގެ މަޝްރޫއުގެ ދަށުން ބޭރު ތޮށިލުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
މީދޫގައި ހިންގާ 2 މަޝްރޫއަކީ، ޔޫތް ސެންޓަރު ގާއިމް ކުރުމާއި ބަނދަރާއި ރެވެޓްމެންޓް އަޕްގްރޭޑް ކުރުމުގެ މަޝްރޫއެވެ. މި މަޝްރޫއުތަކަށް 35.6 މިލިއަން ރުފިޔާ ހަރަދުވެއެވެ. ޔޫތް ސެންޓަރުގެ ޕްރި ޓެންޑަރިންގެ މަސައްކަތް ކުރިއަށްދާއިރު، ބަނދަރާއި ރެވެޓްމެންޓް އަޕްގްރޭޑް ކުރުމުގެ މަޝްރޫއުގެ ދަށުންތޮށި ލުމުގެ މަސައްކަތް ވަނީ ފަށާފައެވެ.
ހިތަދޫގައި ހިންގާ 6 މަޝްރޫއު ތެރޭގައި ހިމެނެނީ، އައްޑޫ ހައި ސްކޫލުގެ މަލްޓި ޕާޕޯސް ހޯލެއް ގާއިމް ކުރުމާއި، ނޫރާނީ ސްކޫލުގައި 8 ކްލާސްރޫމު އެޅުމާއި، ޔޫތް ސެންޓަރެއް ގާއިމް ކުރުމާއި ތޮށި ލުމުގެ އިތުރުން، އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި ކެތެޓެރައިޒޭޝަން ލެބޯޓްރީ (ކެތް ލެބް) އެއް ގާއިމް ކުރުމާއި، ކޮވިޑް ކަރަންޓީން ފެސިލިޓީއެއް ގާއިމް ކުރުމެވެ. މި މަޝްރޫއުތަކަށް ޖުމްލަ 49.7 މިލިއަން ރުފިޔާ ހަރަދުވެއެވެ.
ނޫރާނީ ސްކޫލުގައި 8 ކްލާސްރޫމު އެޅުމާއި، އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި ކެތެޓެރައިޒޭޝަން ލެބޯޓްރީ (ކެތް ލެބް) އެއް ގާއިމް ކުރުމުގެ މަޝްރޫއުގެ އިތުރުން ޔޫތް ސެންޓަރު ގާއިމް ކުރުމާއި ކޮވިޑް ކަރަންޓީނު ފެސިލިޓީގެ އަމަލީ މަސައްކަތް ފަށާފައިވާއިރު، އައްޑޫ ހައި ސްކޫލުގެ މަލްޓި ޕާޕޯސް ހޯލުގެ ފުރާޅު އެޅުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ހަމައެއާއެކު، ތޮށިލުމުގެ މަޝްރޫއުގައި، ޑިޒައިންގެ މަސައްކަތް ކުރިއަށްދާއިރު، ސާވޭ އަދި އެންވާރަމަންޓް އިމްޕެކްޓް އެސެސްމަންޓް ހެދުމަށް ވަނީ ކޮންޓްރެކްޓް އެވޯޑްކޮށްފައެވެ.
އިންޑިއާ ހިލޭ އެހީގެ ދަށުން ކުރިއަށްދާ މަޝްރޫއުތައް:
އިންޑިއާ އިން ރާއްޖެއަށް ދިން ހިލޭ އެހީގެ ދަށުން އައްޑޫގައި ދަނީ 10 މަޝްރޫއެއް ހިންގަމުންނެވެ. މި މަޝްރޫއުތަކަށް 538.9 މިލިއަން ރުފިޔާ ހަރަދުވެއެވެ. އެގޮތުން މި މަޝްރޫއުތަކުގެ ތެރޭގައި، އައްޑޫގެ 5 ސަރަހައްދެއް ޓޫރިޒަމް ޑިވެލޮޕަމަންޓް ޒޯނަށް ހަދަން ނިންމާފައިވާއިރު، އިންސްޓިޓިއުޓް ފޯ ސެކިއުރިޓީ އެންޑް ލޯ އެންފޯސްމަންޓް އެކަޑަމީ ނުވަތަ ޕޮލިސް އެކަޑަމީ ވެސް ހިންގަނީ އިންޑިއާ އެހީގެ ދަށުންނެވެ. އަދި އައްޑޫގެ 3 ރަށެއްގައި ގޭދޮށު މަސްޕްލާންޓް ގާއިމް ކުރުމުގެ މަޝްރޫއު ކުރިއަށްދާއިރު ހުޅުދޫގައި ރިހިބިލިޓޭޝަން އަދި ޑީޓޮކްސްސިފިކޭޝަން ސެންޓަރު ގާއިމް ކުރުމުގެ މަޝްރޫއުވެސް އިންޑިއާ އެހީގެ ދަށުން ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.
ގޭދޮށު މަސްޕްލާންޓުގެ 3 މަޝްރޫއުގެ ކޮންޓްރެކްޓް ވަނީ އެކި ފަރާތްތަކާ ހަވާލުކޮށްފައެވެ. އެގޮތުން މަރަދޫ ގޭދޮށު މަސްޕްލާންޓުގެ އެއްބަސްވުމުގައި 22 ޖުލައި ގައި ޓްރިޑެންޓް ޕްރައިވެޓް ލިމިޓެޑާ އެކު ސޮއިކުރުމަށްފަހު ޑިޒައިނުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، ހިތަދޫ ގޭދޮށު މަސްޕްލާންޓުގެ އެއްބަސްވުމުގައި 5 ޖޫންގައި އެލްނަތް މޯލްޑިވްސްއާއެކު ސޮއި ކުރުމަށްފަހު މިހާރު ކުރިއަށް ދަނީ ޑިޒައިނުގެ މަސައްކަތާއި ސައިޓު ހުސް ކުރުމުގެ މަސައްކަތެވެ. އަދި ހުޅުމީދޫ ގޭދޮށު މަސްޕްލާންޓުގެ އެއްބަސްވުމުގައި 22 ޖުލައި ގައި މެކޯ ޕްރައިވެޓް ލިމިޓެޑާއެކު ސޮއި ކުރުމަށްފަހު މަޝްރޫއު ފެށުމަށް ސައިޓު ތައްޔާރު ކުރުމުގެ މަސައްކަތް މިހާރު ކުރިއަށް އެބަގެންދެއެވެ.
ޓޫރިޒަމް ޑިވެލޮޕްމަންޓް ޒޯނުތަކުގެ މަޝްރޫއުތައް އެކި ކުންފުނިތަކާ ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފައިވާއިރު، ހުރިހާ އެއްބަސްވުމެއްގައި ވެސް ސޮއިކޮށްފައި ވަނީ އޮގަސްޓް 10ގައެވެ. ނަމަވެސް، މަޝްރޫއު ހަވާލުކުރީ އެކި އެކި ކުންފުނިތަކަށެވެ. މި ހުރިހާ މަޝްރޫއެއްގެ ވެސް މިހާރު ކުރިއަށް ދަނީ ސައިޓުގެ ސާވޭ މަސައްކަތެވެ. ޓޫރިޒަމް ޒޯނުތައް އެކުލަވާލާ ސަރަހައްދާއި މަޝްރޫއު ހަވާލުކުރި ކުންފުނިތައް:
- ހިތަދޫ – ފަޅޯދަނޑިފަން: ޖީކޭ ޑިވެލޮޕްމަންޓް ޕްރައިވެޓް ލިމިޓެޑް
- ފޭދޫ – ދިގިހިރެ: އައިއާރްއައިއެން އެންޓަޕްރައިޒެސް ޕްރައިވެޓް ލިމިޓެޑް
- ހުޅުދޫ – މާފިށި: ނޫރައްދީން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް
- މީދޫ – މުލިމަތި: ނޫރައްދީން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް
- މަރަދޫ – ވެންބޮޅަފުށި: އައިއާރްއައިއެން އެންޓަޕްރައިޒެސް ޕްރައިވެޓް ލިމިޓެޑް
އިންޑިއާ އެހީގެ ދަށުން ހުޅުދޫގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ރިހިބިލިޓޭޝަން އަދި ޑީޓޮކްސްސިފިކޭޝަން ސެންޓަރުގެ މަސައްކަތް އިންޑިއާ ސަރުކާރުގެ އެޕްރޫވަލް ނުލިބި އަދި ކުރިއަށް ނުގެންދެވިވާއިރު، އައްޑޫގައި ގާއިމްކުރަމުންދާ އިންސްޓިޓިއުޓް ފޯ ސެކިއުރިޓީ އެންޑް ލޯ އެންފޯސްމަންޓް އެކަޑަމީ ނުވަތަ ޕޮލިސް އެކަޑަމީގެ މަސައްކަތްތައް ވެސް މިވަގުތަށް ވަނީ މަޑުޖެހިފައެވެ. މި އެކަޑަމީގެ ސަބް ސްޓްރަކްޗާގެ 30 ޕަސަންޓު މަސައްކަތް ނިމިފައިވާއިރު، ސުޕަ ސްޓްރަކްޗާގެ 40 ޕަސަންޓު އަދި ފިނިޝިންގެ 30 ޕަސަންޓު މަސައްކަތް ވަނީ ނިމިފައެވެ. ނަމަވެސް، ކޮވިޑް ބަލިމަޑުކަމުގެ ސަބަބުން އިންޑިއާއިން މަސައްކަތު މީހުން ގެނައުމުގައި ވަނީ ދަތިތަކެއް ކުރިމަތިވެފައެވެ. އަދި މި ދަތިކަމުގެ ސަބަބުން ފިނިޝިންގެ މަސައްކަތްތައް ވެސް ވަނީ މިވަގުތު ހުއްޓުމަކަށް އައިސްފައެވެ.
ބޭރުގެ އެކި އެކި ފަންޑުތަކާއި ލޯނުތަކުގެ އެހީގައި ކުރިއަށް ގެންދާ މަޝްރޫއުތައް:
ބޭރުގެ އެކި ފަންޑުތަކާއި ލޯނުތަކުގެ އެހީގައި ޖުމްލަ 14 މަޝްރޫއެއް އައްޑޫގައި ކުރިއަށްދާއިރު، އެ މަޝްރޫއުތަކަށް 4.4 ބިލިއަން ރުފިޔާ ހޭދަވެއެވެ. މީގެ ތެރޭގައި ސައިދޫ ފަންޑު އަދި އޯއެފްއައިޑީ ލޯނާއި، އިންޑިއާ އެގްޒިމް ލޯނާއި ޖަޕާނުގެ ޖޮއިންޓް ކްރެޑިޓިން މެކޭނިޒަމް ފަންޑުގެ އިތުރން ވޯލްޑް ބޭންކާއި، ގްރީން ކްލައިމެޓް ފަންޑުގެ އިތުރުން އަބޫދާބީ ފަންޑް ފޯ ޑިވްލޮޕަމްންޓުގެ ލޯނު އަދި ޗައިނާގެ ސީއައިޓީއައިސީ ބޭންކާއި، ޕްރައިވެޓް ސެކްޓާއިން ހަރަދުކޮށްގެން ހިންގާ މަޝްރޫއުތައް ހިމެނެއެވެ.
ސައުދީ ފަންޑާއި އޯއެފްއައިޑީގެ ލޯނުގެ އިތުރުން ސަރުކާރުން ކުރިއަށް ގެންދާ ހިތަދޫގެ ހޮސްޕިޓަލް އިމާރާތްކުރުމުގެ މަޝްރޫއުގެ ހުރިހާ އަމަލީ މަސައްކަތެއް މިހާރު ވަނީ ނިމިފައެވެ. މިހާރު ކުރިއަށް ދަނީ އެ ހޮސްޕިޓަލުގެ އާލާތްތައް ޓެސްޓު ކުރުމާއި، ކޮމިޝަން މަސައްކަތްތައް ކުރިއަށް ގެންދިއުމެވެ.
އިންޑިއާ އެގްޒިމް ލޯނުން އައްޑޫގައި ކުރިއަށް ގެންދަނީ، މީދޫ، ހިތަދޫ، މަރަދޫ، މަރަދޫ ފޭދޫ އަދި ހުޅުދޫގެ ބިން ހިއްކުމުގެ މަޝްރޫއާއި، މި ރަށްތަކުގެ މަގުހެދުމާއި އާރު މަސައްކަތެވެ. ބިން ހިއްކުމުގެ މަޝްރޫއުގެ މިހާރު ކުރިއަށްދަނީ ޕްރި ކޮލިފިކޭޝަން ލިޔެކިއުންތަކާއި ޓެންޑާ ލިޔެކިއުންތަކުގެ އިތުރުން ޑިޒައިން ފައިނަލް ކުރުމުގެ މަސައްކަތެވެ. އަދި މަގުހެދުމާއި އާރުގެ މަސައްކަތުގެ ރޮފެޝަނަލް ކޮލިފިކޭޝަން ލިޔެކިއުންތައް އޮގަސްޓް 11ގައި އިޝޫކޮށް، ޕްރިކޮލިފިކޭޝަނަށް ކުރިމަތިލުމަށް ވަނީ ހުޅުވާލާފައެވެ. މި މަޝްރޫއުގެ ޓެންޑާ ލިޔެކިއުންތަކާއި ޑިޒައިން ފައިނަލް ކުރުމުގެ މަސައްކަތް ވެސް ކުރިއަށް އެބަދެއެވެ.
ގްރީން ކްލައިމެޓް ފަންޑުގެ ދަށުން އައްޑޫގައި ކުރިއަށް ގެންދަނީ ހުޅުދޫގެ ޗަކަ ބިންތައް ހިމާޔަތް ކުރުމާއި ހިތަދޫގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއެވެ. އެގޮތުން ހުޅުދޫގެ ޗަކަ ބިން ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން އިކޮލޮޖިކަލް ސާވޭއާއި ސްޓޭކްހޯލްޑަރުންގެ މަޝްވަރާއާ ހިޔާލު ހޯދުމަށްފަހު މިކަމާ ބެހޭ ލިޔެކިއުން ވަނީ ވަޒީރުންގެ މަޖިލީހަށް ފޮނުވާފައެވެ. ލާމަރުކަޒީ ގާނޫނުގެ ދަށުން އިންފްރާންސްޓްރަކްޗާ ތަރައްގީ ކުރުމުގެ މަސައްކަތް ކައުސިލާ ހަވާލު ކުރުމަށް ޑްރާފްޓް އެގްރީމަންޓް ވަނީ ތައްޔާރުކުރެވިފައެވެ. ނަމަވެސް ޕްރޮކިއުމަންޓް މަޑުޖައްސާލުމަށް ފިނޭންސް މިނިސްޓްރީން އެންގުމާ ގުޅިގެން މި މަޝްރޫއު ވަނީ ވަގުތީ ގޮތުން ހުއްޓުމަކަށް އައިސްފައެވެ. ގްރީން ކްލައިމެޓް ފަންޑުގެ ދަށުން ހިންގާ ހިތަދޫ ހިމާޔަތް ކުރުމުގެ މަޝްރޫއު ޕްލޭން ކުރުމަށްފަހު މިހާރު ކުރިއަށް ދަނީ ޕްރިޓެންޑަރިންގެ މަސައްކަތެވެ.
އިންޓަނޭޝަނަލް ރިނެވަބަލް އެނާޖީ، އަބޫ ދާބީ ފަންޑް ފޯ ޑިވެލޮޕަމްންޓްގެ ލޯނު އަދި ސަރުކާރުން ހަރަދުކޮށްގެން ދަނީ، އައްޑޫ ސިޓީ ހިތަދޫގައި ޒޯން7ގެ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް މަޝްރޫއެއް ގާއިމް ކުރުމަށް ކުޑަ ފަންތީގެ ކުނިން ހަކަތަ އުފައްދާ ޕްލާންޓަކާއި، ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ފެސިލިޓީއެއް ގާއިމް ކުރުމުގެ މަސައްކަތް ކުރަމުން އެބަގެންދެއެވެ. ހިތަދޫގައި ގައިމް ކުރާ ވޭސްޓް މެނޭޖްމަންޓް ފެސިލިޓީގެ ޕްލާންޓް ބިލްޑިން، ވޭސްޓް އިންޓޭކް ބިލްޑިން އަދި ވޯޓާ ސްޓޯރޭޖް ބިލްޑިންގެ ޑިޒައިން މިހާރު ވަނީ ފުރިހަމަކޮށްފައެވެ. އަދި ކުނިން ހަކަތަ އުފައްދާ ޕްލާންޓު ތަރައްގީ ކުރުމަށް ކޮންޓްރެކްޓް ހަވާލުކޮށް، އެޑްވާންސް ޕޭމަންޓް ދައްކާފައިވާއިރު، ޕްލާންޓް ޑިޒައިންގެ މަސައްކަތް ވެސް ވަނީ ނިމިފައެވެ. މި ޕްލާންޓަށް ބޭނުންވާ ޓާބައިން އަދި ބޮއިލާގެ މެނުފެކްޗަރިން ނިމިފައިވާއިރު އެހެން ސާމާނުތަކަށް ޕާޗޭސް އޯޑަރު ވަނީ ތައްޔާރުކޮށްފައެވެ. މި މަޝްރޫއަށް ބޭނުންވާ ހުރިހާ އާލާތްތައް އަންނަ ނޮވެމްބަރު މަހަށް ލިބޭނެ ކަމަށް ބެލެވެއެވެ.
ވޯލްޑް ބޭންކާއި ޕްރައިވެޓް ސެކްޓާ އަދި ޖަޕާނުގެ ޖޮއިންޓް ކްރެޑިޓް މެކޭނިޒަމް ފަންޑުގެ އިތުރުން ސީއައިޓީއައިސީ ބޭންކުގެ ހަރަދުގައި އައްޑޫގައި ކަރަންޓާ ބެހޭ ޖުމްލަ 8 މަޝްރޫއެއް ހިނަގމުން އެބަދެއެވެ. މީގެ ތެރެއިން 4 މަޝްރޫއަކަށް ވޯލްޑް ބޭންކުން ހަރަދުކުރާއިރު، އެއީ ހިތަދޫގައި 11 މެގަވަޓް ފޯރުކޮށްދޭ ސޯލާ ފޮޓޯވޮލްޓެއިކް (ޕީވީ) ސިސްޓަމެއް ގާއިމް ކުރުމާއި، ހިތަދޫއާއި ހުޅުމީދޫގެ ޑިސްޓްރިބިއުޝަން ނެޓްވޯކް އަޕްގްރޭޑް ކުރުމުގެ އިތުރުން ހުޅުމީދޫގައި ގަޑިއަކު 2 މެގަވަޓް ފޯރުކޮށްދޭ ޕީވީ ސިސްޓަމެއް ގާއިމް ކުރުމެވެ. މި 4 މަޝްރޫއުގެ ވެސް ޕްރި ކޮލިފިކޭޝަން ލިޔެކިއުންތައް ތައްޔާރު ކުރުމާއި، ޓެކްނިކަލް އެސެސްމެންޓް ހެދުމުގެ މަސައްކަތް ކުރިއަށް އެބަދެއެވެ.
ޕްރައިވެޓް ސެކްޓާގެ ހަރަދުގައި ހިތަދޫގައި އަމިއްލައަށް އޮޕަރޭޓް ކުރާ 11 މެގަވަޓް ފޯރުކޮށްދޭ ޕީވީ ސިސްޓަމެއް އަދި ހުޅުމީދޫގައި 2 މެގަވަޓް ފޯރުކޮސްދޭ ޕީވީ ސިސްޓަމެއް ގާއިމް ކުރުމުގެ މަޝްރޫއު ކުރިއަށް އެބަ ކުރިއަށް ގެންދެއެވެ. މި ދެ މަޝްރޫއުގެ ވެސް ޕްރި ކޮލިފިކޭޝަން ލިޔެކިއުން ހުށަހަޅާފައިވާއިރު، މިހާރު ކުރިއާށްދަނީ ބިޑުގެ ލިޔެކިއުން ތައްޔާރު ކުރުމުގެ މަސައްކަތެވެ.
ޖަޕާނުގެ ޖޮއިންޓް ކްރެޑިޓް މެކޭނިޒަމް ފަންޑުގެ ދަށުން އައްޑޫގައި ކުރިއަށް ގެންދާ އެނާޖީ މެނޭޖްމަންޓް ސިސްޓަމް، ބެޓްރި އެނާޖީ ސްޓޯރޭޖް ސިސްޓަމް، ޕީވީ ޑީސެލް ހައިބްރިޑް ސިސްޓަމްގ ގާއިމް ކުރުމުގެ މަސައްކަތް ކުރިއަށް އެބަގެންދެއެވެ. އެގޮތުން މި މަޝްރޫއަށް ބޭނުންވާ ގިނަ އާލާތްތައް ލިބިފައިވާއިރު، ބޯޑަރު ބަންދު ކުރުމުގެ ސަބަބުން ބައެއް އާލާތްތައް ރާއްޖެ ގެނެވޭގޮތް ވަނީ ނުވެފައެވެ.
ޗައިނާގެ ސީއައިޓީއައިސީ ބޭންކުން ހަރަދުކޮށްގެން އައްޑޫގައި ހިންގާ މަޝްރޫއަކީ، އެ ސިޓީގައި 20 މެގަވަޓްގެ ޕަވާޕްލާންޓެއް ގާއިމް ކުރުމުގެ މަޝްރޫއެވެ. މި މަޝްރޫއުގެ ފްރޭމްވޯކް އެގްރީމަންޓުގައި ސޮއިކޮށްފައިވާއިރު، މި މަޝްރޫއު ހިންގުމާ ހަވާލުކޮށްފައިވާ ފެނަކަ ކުންފުނިން ވަނީ މި މަޝްރޫއު ހިންގުމަށް އެ ކުންފުންޏަށް ލާރި ލިބޭނެ ގޮތެއް ނެތް ކަމަށް އަންގާފައެވެ. އެހެންކަމުން ފިނޭންސް މިނިސްޓްރީން ވަނީ އެ މިނިސްޓްރީން ބަލައިގަންނާނެ އިންޑިކޭޓިވް ޓާމް ޝީޓެއް ހުށަހެޅުމަށް އިލްތިމާސްކޮށްފައެވެ.
ޖުމްލަ 43 މަޝްރޫއެއް އައްޑޫގައި ހިންގާ ނިމޭއިރު، އެ ސިޓީއަށް ބޮޑު ބަދަލެއް އަންނާނެ ކަމަށް ބެލެވެއެވެ. އައްޑޫގެ ރައްޔިތުންގެ ކިބައިން އަބަދު އިވެމުންދާ ކަރަންޓު ކެނޑުމުގެ މައްސަލައަށް ހައްލު ލިބިގެންދާނެއެވެ. ބޭނުންތެރި ގޮތެއްގައި، އެ ސިޓީގެ ގުދުރަތީ ރީތިކަން ފަތުރުވެރިންނަށް ދައްކާލާ، އައްޑޫގެ ފަތުރުވެރިކަން ކުރިއަރައިގެން ދާނެއެވެ. ބިން ހިއްކުމާއި، ބަނދަރު ހެދުން ފަދަ ކަންކަމުން އާންމު ރައްޔިތުންގެ ދިރިއުޅުމަށް ބޮޑެތި ބަދަލުތައް އަންނާނެއެވެ. ސިއްހީ ދާއިރާ އަދި، ތައުލީމީ ދާއިރާ ކުރިއަރައިގެން ދާއިރު، ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ބޭނުންވާ އެކި ވަސީލަތްތައް ފަހިވެގެން ދާނެއެވެ. ތިމާވެއްޓަށް ދޭ އަހަންމިއްޔަތުކަން އިތުރުވެގެންދާނެއެވެ. އައްޑޫގައި މި ހިންގާ މަޝްރޫއުތަކަކީ ރާއްޖެ ލާމަރުކަޒު ކުރުމުގައި އެޅިގެންދާނެ މުހިންމު ފިޔަވަޅުތަކެކެވެ.
މިސަރުކާރުން ފެއްޓި ކަމައް ނުނޭ އަދި މިސަރުކާރުން އެއްވެސް ކަމައް މިތާކަށް އަދި ކޮށް ނިދެތާ މީ ބަލާވެރިކަމަށް
އައްޑޫ ހޮސްޕިޓަލްގަ ތި ބަހައްޓާ ކެތްލެބަކީ، ރައީސް ޔާމީން ގެ ސަރުކާރުން ހުޅުމާލެ ހޮސްޕިޓަލަށް ގަނެގެން ގެނަސްފަ ހުރި އެއްޗެއް. މިއަދުގެ ސަރުކާރަށްވާ ވަރުކަމެއްނޫން.
ތިޔައީ ހަމަހުސް ފަލަ ސުރުޚީ. މިހާާރު މޭކަރައިގަތީ ސައިކަލު ބރ ފެނިފަ