ހިޔާ މަޝްރޫއުގެ ހަތަރު ކެޓަގަރީއަކުން ފްލެޓަށް ޝަރުތު ހަމަވާ، މިހާރު އިއުލާނުކޮށްފައިވާ ލިސްޓާ ބެހޭ ގޮތުން އެއްވެސް ޝަކުވާއެއް އޮތް ނަމަ ހުށަހަޅަން ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީން އިލްތިމާސް ކޮށްފިއެވެ.
ފްލެޓް ލިބޭ މީހުން ކަނޑައެޅުމަށް އެކުލަވާލާފައިވާ ކޮމިޓީން ނެރުނު އިއުލާނުގައި ބުނީ މިދިޔަ ހަފުތާގައި އިއުލާނުކުރި ޑޮކްޓަރުންނާއި ނަރުހުންގެ ކެޓަގަރީ އަދި ޓީޗަރުންގެ ކެޓަގަރީ އާއި މާލޭ ރަށްވެހިންގެ ކެޓަގަރީގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އާއިލާތަކަށް ހާއްސަ ކެޓަގަރީން، ފޯމު ހުށަހެޅުމަށް ޝަރުތުހަމަވާ ފަރާތްތަކާއި ޝަރުތުހަމަނުވާ ފަރާތްތަކުގެ ލިސްޓަށް ކޮންމެ މީހަކަށް ވެސް ޝަކުވާ ހުށަހެޅޭނެ ކަމަށެވެ.
އެދުވަހުން ފެށިގެން އަންނަ ސެޕްޓެންބަރު މަހުގެ 14 ވާ ހޯމަ ދުވަހުގެ 3:00ގެ ނިޔަލަށް އެ ލިސްޓްތަކަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ވެސް އެ ކޮމިޓީއިން ހުޅުވާލާފައިފައި ވާނެ ކަމަށް ފްލެޓް ކޮމެޓީން ބުނެއެވެ.
މީގެ އިތުރުން އެ އިއުލާނުގައި ބުނީ އެ ކޮމިޓީއިން ނެރެފައިވާ ވަގުތީ ލިސްޓްތަކާއި ގުޅޭ ގޮތުން ހުށަހެޅޭ ކޮންމެ ޝަކުވާއެއް ވެސް އެ ކޮމިޓީއިން ބަލައި، ދާއިމީ ލިސްޓްތައް އެކުލަވާލުމުގައި އެ ޝަކުވާތަކަށް ރިއާޔަތްކުރާނެކަމަށެވެ.
ފްލެޓް ލިބޭ ދާއިމީ ލިސްޓް ފުރިހަމަކުރަން ޝަކުވާ ހުށަހަޅަން ފްލެޓް ކޮެމެޓީން އިލްތިމާސް ކޮށްފައި ވާއިރު، މިދިޔަ ހަފުތާގައި އިއުލާން ކުރި ފްލެޓް ލިސްޓުން ނަން އުނި ކޮށްފައިވާ މީހުނަށް ޕީޕީއެމް ސަރުކާރެއްގައި ފްލެޓް ޔަގީން ކޮށްދޭނެ ކަމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.
މިދިޔަ ހަފުތާގައި 111 މީހުން އުނިކޮށް ހަތަރު ކެޓަގަރީ އަކުން ލިސްޓު ނެރުނު އިރު އެ ލިސްޓާ ގުޅިގެން ވެސް އާއްމުން ދަނީ ގިނަ ޝަކުވާތަކެއް ކުރަމުންނެވެ. އެގޮތުން، ހާލަތުގެ ބައިން ޕޮއިންޓު މަދުން ލިބުމާއި މަރުވެފައި ތިބި މީހުންނަށްވެސް ފްލެޓް ލިބިފައި ހުރި ކަމުގެ މައްސަލަތައް ވަނީ ދިމާވެފައެވެ.