ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކޮށްފައިވާ ލޯނުތައް ދެއްކުން ނޮވެމްބަރު މަހުގެ ނިޔަލަށް ފަސްކޮށްފިއެވެ.
ކޮވިޑް-19 އާ ގުޅިގެން އާންމުންނަށާއި ވިޔަފާރިތަކަށް ކުރިމަތިވެފައިވާ ދަތިތަކުންއަރައިގަތުމަށް އެހީތެރިވުމުގެ ގޮތުން ބޭންކުން ނަގާފައިވާ ލޯނާއި ފައިނޭންސިންއަށް ފައިސާ ދެއްކުން ފަސްކޮށްދިނުމަށް ނިންމައި، ބީއެމްއެލް އިން ވަނީ މިދިޔަ މާރިޗު މަހު އެކަން ހާމަކޮށްފައެވެ.
އެ ގޮތުން ހުޅުވާލެވުނު ފުރުސަތުގައި މިދިޔަ ޖުލައި މަހުގެ ނިޔަލަށް ޕާސަނަލް، ހައުސިން އަދި ވިޔަފާރި ލޯނާއި ފައިނޭންސް ހިމެނޭ ގޮތަށް 17.700 ލޯނު 6 މަސްދުވަހަށް ފަސްކޮށްދިނުމަށް އެދި ހުށަހަޅާފައިވާ ކަމަށް ބީއެމްއެލްއިން ވަނީ ބުނެފައެވެ.
ބީއެމްއެލް އިން ދޫކޮށްފައިވާ ލޯނަށް ދައްކަންޖެހޭ ފައިސާ ފަސް ކޮށްދިނުމަށް މިހާތަނަށް އެދި ހުށަހަޅާފައިނުވާ ފަރާތްތަކަށް ޑިސެމްބަރު 31، 2020ގެ ނިޔަލަށް އެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.
ބީއެމްއެލް އިން ބުނީ ލޯނަށް ދައްކަން ޖެހޭ ފައިސާ އަނބުރާ ދެއްކުން ފަސްކޮށްދީފައިވާ ގިނަ ކަސްޓަމަރުންނަށް ދީފައިވާ 6 މަސްދުވަހުގެ މުއްދަތު މިހާރު ނިމުމަކަށް އައިސްފައި ވާކަމަށާއި އެހެންކަމުން ބޭންކުން ކަސްޓަމަރުންނަށް ލޯނަށް ދައްކަންޖެހޭ ފައިސާ އަނބުރާ ދެއްކުން ފަސްކުރުމަށް އެދި ހުށަހެޅުމުގެ އިތުރު ފުރުސަތެއް ދިނުމަށް ނިންމާފައިވާ ކަމަށެވެ.
އެ ގޮތުން ސެޕްޓެމްބަރު މަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށް ފައިސާ ދައްކަން ފަށަން ޖެހޭ ކަސްޓަމަރުންނަށް ފުރުސަތު ލިބޭނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ. އަދި އެފުރުސަތު ލިބިގެންދާނީ މިހާރުވެސް މޮރަޓޯރިއަލް އެދި ހުށަހަޅާފައިވާ ކަސްޓަމަރުންގެ ތެރެއިން ކުރިން ބުނި މަސްތަކުގައި ފައިސާދައްކަންޖެހޭ ކަސްޓަމަރުންނަށް ކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ.
ބީއެމްއެލް އިން ބުނީ ލޯނަށް އަނބުރާ ފައިސާ ދެއްކުން ފަސްކުރުމަށް އިތުރު ފުރުސަތަކަށް އެދި ހުށަހެޅުމުގެ ޝަރުތު ހަމަވާ ކަސްޓަމަރުންނަށް ސެޕްޓެމްބަރު 8 އިން ފެށިގެން ނޮވެމްބަރު 30، 2020 ގެ ނިޔަލަށް ބޭންކުގެ ޕޯޓަލް މެދުވެރިކޮށް އެދި ހުށަހެޅޭނެ ކަމަށެވެ.
ލޯނަށް އަނބުރާދައްކަން ޖެހޭ ފައިސާ ފަސްކޮށް ދިނުމަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ފައިސާ ދެއްކޭނެ ކަސްޓަމަރުން ދެވަނަ ފަހަރަށް ފައިސާ ދެއްކުން ފަސްކޮށްދިނުމަށް އެދި ކޮންމެހެން ހުށހަޅަން ނުޖެހޭނެ ކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ.