އިދިކޮޅު ޕީޕީއެމް / ޕީއެންސީ ކޯލިޝަނުން އިންތިޒާމްކޮށްގެން ކުރިއަށްގެންދިޔަ ސައިކަލު ބުރާ ގުޅިގެން ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ފުލުހަށް ހާޒިރު ކުރުމަށް ޗިޓު ފޮނުވައިފިއެވެ.

ޕީޕީއެމުން ބުނީ، ސައިކަލު ބުރާ ގުޅިގެން ޝުޖާއު ފުލުހަށް ހާޒިރު ކުރުމަށް ޗިޓު ފޮނުވައިފައި ވަނީ މާދަމާ ރޭ 7:00 އަށް ކަމަށެވެ. އޭނާ ހާޒިރު ކުރަނީ އިއްޔެ ގިނަ އަދަދެއްގެ ބަޔަކާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާ ހިލާފަށް މާލޭގެ ބޮޑެތި މަގުތަކުގައި ދުއްވާތަކެއްޗާއި ހިނގާމީހުންނާށް އުނދަގޫވާ ގޮތަށް އަޑުގަދަކޮށް ހަޅޭއްލަވަމުން މަގުތަކުގައި ގިނަ އަދަދެއްގެ ބަޔަކު އެއްކޮށް ސައިކަލު ދުއްވާފައިވާތީއެވެ.

އަދި އެއްވުމުގައި ބައިވެރިކުރި އާންމު ރައްޔިތުންނާއި އެއްވުމުގެ ސަލާމަތީ ކަންކަން ބަލަހައްޓަން ހަރަކާތްތެރިވި ފަރާތްތައް ސިއްހީ ގޮތުން ނުރައްކަލަށް ހުށަހެޅޭހެން އިޖުތިމާއި ގައިދުރުކަމާއި މާސްކު އަޅާފައި ނުވާކަން ފުލުހަށް ހާޒިރުވާން ފޮނުވި ޗިޓުގައި ވަނީ ފާހަގަ ކޮށްފައެވެ.

ޝުޖާއު ފުލުހަށް ހާޒިރުވާން އަންގާފައިވާއިރު، އިއްޔެ ޕީޕީއެމުން ބޭއްވި ސިޔާސީ ހަރަކާތުގައި އެޗްޕީއޭގެ މިންގަނޑުތަކާއި އެއްގޮތަށް ގައިދުރުކަން ނުބަހައްޓާ ހަރަކާތްތެރިވުމާއި މާސްކު ނާޅާ އުޅެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި އެކަމާއި ގުޅިގެން އެސާވިސްއިން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އިއްޔެ ހަވީރު 4:00 ފެށި ސައިކަލު ބުރު ފަށާފައިވަނީ ޕީޕީއެމް އޮފީސް ކުރިމަތިންމެވެ. ސައިކަލު ބުރު މާލެ ވަށާ ދުއްވާގޮތަށް ނިންމާފައިވާއިރު އެ ސައިކަލު ބުރު ނިންމާފައިވަނީ ވެސް ޕީޕީއެމް އޮފީސް ކުރިމަތިންނެވެ.

ގިނަ އަދަދެއްގެ ބަޔަކު އެސައިކަލް ބުރުގައި ބައިވެރިވެފައިވާއިރު އިދިކޮޅުގެ އިސްވެރިން ވެސް ވަނީ މި ސައިކަލް ބުރުގައި ބައިވެރިވެފައެވެ. އާންމު ވެގެން ދިޔަ ފޮޓޯތަކުން މުޒާހަރާގެ ބައިވެރިންގެ މެދުގައި ގައިދުރުކަން ނެތް ކަން ފެނިގެން ދިޔައިރު ގިނަ ބަޔަކު ވަނީ އެކަމާ ފާޑުކިޔާފައެވެ.

މި މުޒާހަރާއަކީ ގައުމުގެ ހަރު މުދާ ވިއްކުމާއި ދެކޮޅަށާއި ސައިކަލް ޖޫރިމަނާ އަދި ޒުވާނުންނަށް މި ސަރުކާރުން ކޮށްދޭން ވައުދުވީ ކަންކަން ކޮށްދީފައިނުވާތީ އެކަމާއި ދެކޮޅަށް އަޑުއުފުލުމަށް ބޭއްވި މުޒާހަރާއެކެވެ. އެގޮތުން ޒުވާނުން ކުރަމުންދާ ވިޔަފާރިތައް ހުއްޓިފައިވާ ކަމަށާއި ވަޒީފާއިން އެތައް ޒުވާނުންތަކެއް މަހްރޫމް ވެފައި ތިބި ކަމަށާއި ކަރަންޓު ބިލާއި ފެންބިލް ދެއްކުމަށް ނުކުޅެދިފައިވާ ކަން އެ ސައިކަލުގައި ބައިވެރިން ވަނީ ގޮވާލާފައެވެ.