މާލޭގައި ހުންނަ އިންޑިއަގެ ހައި ކޮމިޝަނުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ހަތިޔާރާއެކު ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ.

އިންޑިއާ ހައިކޮމިޝަނުގެ ސަލާމަތީ ކަންކަން މީގެ ކުރިން ބަލަހައްޓަމުން ދިޔައީ ފުލުހުންނެވެ. ނަމަވެސް މިއަދު އެތަނުގެ ސަލާމަތީ ކަންކަން ބަލަހައްޓަށް ހަތިޔާރާއެކު ސިފައިން ހަރަކާތްތެރިވާން ފަށާފައި ވަނީ ކޮން ސަބަބަކާ ހުރެ ކަމެއް އަދި ސާފުވާގޮތް ވަނީ ނުވެފައެވެ.

މިކަމާ ގުޅިގެން މިހާތަނަސް އެމްއެންޑީއެފްގެ ބަހެއް ލިބިފައި ނުވާއިރު، ރާއްޖޭގައި ހުންނަ އެއްވެސް ޑިޕްލޮމެޓިކް މިޝަނެއްގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި، ހާއްސަ ހާލަތެއްގައި ނޫނީ މީގެ ކުރިން ސިފައިން ހަތިޔާރާ އެކު ހަރަކާތްތެރިއެއް ވެފައެއް ނުވެއެވެ.

އިންޑިއާއިން ރާއްޖެއަށް އަތް ގަދަ ކުރާ ކަމަށް ބުނެ މިފަހަކަށް އައިސް އިދިކޮޅު ފަރާތްތަކުން ދަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދިއިއްޔެ އިދިކޮޅު ކޯލިޝަނުން ވަނީ "ރާއްޖެ ވިއްކާލުމާ ދެކޮޅަށް" މާލޭގައި ސައިކަލް ބުރެއް ބާއްވާ، ރާއްޖޭގެ އެކި ސަރަހައްދުގައި އިހުތިޖާޖުކޮށްފައެވެ.

މީގެ އިތުރުން، ރޭގެ ވަގުތެއްގައި ރާއްޖޭގައި ހުންނަ އިންޑިއަގެ ބޭންކު، ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) ހިންގާ އިމާރާތް ޖެހިގެން ހުރި ކެފޭގައި ވަނީ އަލިފާނުގެ ހާދިސާއެއް ހިނގާފައެވެ. މި އަލިފާން ވަނީ އެސްބީއައި އިމާރާތަށް ވެސް ފެތުރިފައެވެ. އަދި މިކަމުގެ ސަބަބުން އެސްބީއައިއަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެސް ލިބިފައެވެ.

އިންޑިއާ ހައި ކޮމިޝަނުގެ ސަލާމަތީ ކަންކަން ވަރުގަދަކުރުމާ މި އަލިފާނުގެ ހާދިސާއާ ގުޅުމެއްވާކަމެއް އަދި ސާފެއް ނުވެއެވެ.