މިއަދު ގދ. ތިނަދޫއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި ފަރާތަކީ އިއްޔެ ބޭއްވި ޕީޕީއެމްގެ ސިޔާސީ ހަރަކާތުގައި ހަރަކާތްތެރި ވެފައިވާ މީހެއްކަން އެނގިފައި ނުވާ ކަމަށް ޕީޕީއެމުން ބުނެފިއެވެ.

ޕީޕީއެމުން ބުނީ، ތިނަދޫން ޕޮޒިޓިވްވީ މުޒާހަރާގެ ބައިވެރިއެއްކަން އެނގިފައި ނުވާ ކަމަށާއި، ތިނަދޫގައި އިހުތިޖާޖު ކުރިއަށް ގެންގޮސްފައި ވަނީ އެޗްޕީއޭގެ މިންގަނޑުތަކާ އެއްގޮތަށް ކަމަށެވެ. އެގޮތުން ބައިވެރިން ތިބީ މާސްކު އަޅާއިގެން ގައިދުރުކޮށްގެން ކަމަށް ޕީޕީއެމުން ބުނެއެވެ.

ޕީޕީއެމް ތިނަދޫ ޓީމާ ހަވާލާދީ އެ ޕާޓީން ބުނީ، ޕޮޒިޓިވްވި ފަރާތަކީ އިއްޔެގެ އިހުތިޖާޖުގައި ބައިވެރިވި ފަރާތެއްވެސް ނޫން ކަމަށެވެ.

ނަމަވެސް، ތިނަދޫ ކައުންސިލުގެ މެންބަރު މަރިޔަމް ނަރީމާން ޝަރީފް 'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އެރަށުން ޕޮޒިޓިވް ވި ފަރާތް އިއްޔެ ބޭއްވި ޕީޕީއެމް ހަރަކާތުގައި އިސްކޮށް އުޅުނު ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އިއްޔެ އަކީ ހުކުރު ދުވަސް ކަމުން އޭނާ ވަނީ ޖަމާއަތުގައި ހުކުރަށް ގޮސްފައި ކަމަށާއި، ގިނަ ބަޔަކާ ކޮންޓެކްޓް ވެފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ނަރީމާން ވިދާޅުވީ އެ ހަރަކާތުގެ ބައިވެރިން އަމަލުކޮށްފައި ވަނީ އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް މާސްކު އަޅާއިގެން ކަމަށް އޭނާއަށް ގަބޫލު ނުކުރެއްވޭ ކަމަށެވެ. އަދި ސޯޝަލް މީޑިއާގައި ދައުރުވަމުން ދާ ފޮޓޯތަކުން ވެސް މިކަން ހާމަވެގެން ދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ތިނަދޫން ޕޮޒިޓިވްވި ފަރާތް ރަށުގައި ހުންނަތާ 4 ވަރަކަށް ދުވަސް ވެފައި ވުމާ އެކު، މި ކޭސްއާ ގުޅިގެން ފުދޭ ވަރަކަށް ގިނަ މީހުން ކަރަންޓީނު ކުރަން ޖެހޭނެ ކަމަށް ނަރީމާން ވިދާޅުވިއެވެ. އެގޮތުން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ބާރު ސްޕީޑުގައި ކުރެވެމުން ދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މިކަމާ ގުޅިގެން ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނީ، ތިނަދޫ މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށެވެ. އަދި އެރަށް މޮނިޓަރިންއަށް ލާފައި ވަނީ އެރަށުން މާލެ ދަތުރުކުރާ ބޯޓެއްގައި އުޅޭ މީހަކު އަލާމާތްތައް ފެނިގެން ޓެސްޓު ކުރުމުން ކޮވިޑަށް ޕޮޒިޓިވް ވެފައި ވާތީ ކަމަށް އެޗްއީއޯސީން މައުލޫމާތު ދެއެވެ. ކައުންސިލުން މައުލޫމާތު ދޭ ގޮތުގައި ޕޮޒިޓިވްވީ އެރަށު ބޯޓެއްގެ ކައްޕިއެވެ.