އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި ވިޔަފާރި ކުރެވޭނެ ގަޑިތަކަށް ބަދަލު ގެނެސްފިއެވެ.

މިކަމާ ގުޅިގެން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ބުނީ މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ފިހާރަ ފަދަ ތަންތަން ކަސްޓަމަރުންނަށް ހުޅުވާލައިގެން ހިދުމަތް ދެވޭނެ ގަޑިއަކީ، ހެނދުނު 6:00 އިން ރޭގަނޑު 9:30 އަށް ކަމަށެވެ.

އެ މިނިސްޓްރީން ބުނީ، ކަސްޓަމަރުންނަށް ހުޅުވާލައިގެން، ވިޔަފާރިކުރާ ފިހާރަ ފަދަ ތަންތަން ހެލްތް ޕްރޮޓެކްޝަން އެޖެންސީން ކަނޑައަޅާ އުސޫލުތަކާއި އެއްގޮތަށް އަމަލުކުރަން ވާ ކަމަށެވެ. އެހެންކަމުން މި ގަޑިތަކުގައި، އިތުރު ހުއްދައެއް ނުނަގައި ވިޔަފާރިކުރެވޭނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

މީގެ ކުރިން ވިޔަފާރިކުރާ ފަރާތްތަކުން، ކަސްޓަމަރުންނަށް ހުޅުވާލައިގެން ހިދުމަތް ދެވޭނެ ގަޑި ކަމަށް ކަނޑައަޅާފައި ވަނީ، ހެނދުނު 9:00 އިން ރޭގަނޑު 9:00 އަށެވެ. އަދި، ޑެލިވަރީގެ ހިދުމަތް ދެވޭނެ ގަޑިއަކީ، ހެނދުނު 9:00 އިން ރޭގަނޑު 10:00 އަށް ކަމަށް ވަނީ ކަނޑައަޅާފައެވެ.

ވިޔަފާރިތައް ހުޅުވުމަށް ހާއްސަ ގަޑިއެއް ކަނޑައަޅާފައިވާއިރު، ވިޔަފާރި ކުރާ ތަންތަނުން އަމަލު ކުރަން ޖެހޭ އުސޫލުތަކެއް އެޗްޕީއޭއިން ވަނީ ކަނޑައަޅާފައެވެ. އެގޮތުން ވިޔަފާރި ހިންގާ ތަނެއްގެ ބޮޑު ކުޑަމިނަށް ބަލާ އެތަނަކަށް ވަގުތަކު ވަނދެވޭނީ ވަކި އަދަދެއްގެ މީހުންނަށް ކަމަށް އެޗްޕީއޭއިން ވަނީ ކަނޑައަޅާފައެވެ. އެއީ ކޮވިޑުން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން 3 ފޫޓޫ ދުރުގަިއ ކަސްޓަމަރުންނަށް ތިބެވޭނެ މަގު ފަހި ކޮށްދިނުމަށް ކަނޑައަޅާފައިވާ އުސޫލެކެވެ.

ހަމައެއާއެކު، ފިހާރަފަދަ ތަންތަނަށް ވަންނައިރު، ހުން ބެލުމާއި، ހޭންޑް ސެނިޓާއިޒާ ބޭނުން ކުރެވޭނެ އިންތިޒާމް ހަމަޖެއްސުން ވެސް މީގެ ތެރޭގައި ހިމެނެއެވެ.