ޖަޕާން ސަރުކާރުގެ އެހީގައި ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގް އެންޑް ކްރައިމް (ޔޫއެންއޯޑީސީ) އިން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އަށް މެރިޓައިމް އެކިއުޕްމެންޓް ހަދިޔާކޮށްފިއެވެ.

އެމްއެންޑީއެފުން ބުނީ ޔޫއެންއޯޑީސީގެ ފަރާތުން އެމްއެންޑީއެފްއަށް ހަވާލުކޮށްފައިވާ ވަސީލަތްތައް ނޭޝަނަލް މެރިޓައިމް އިންފޮމޭޝަން ފިއުޝަން ސެންޓަރުގައި ގާއިމް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެ ވަސީލަތްތަކުގެ ސަބަބުން ދިވެހި ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ދަތުރުފަތުރު ކުރަމުންދާ އުޅަނދުފަހަރު ފަސޭހައިން ބެލެވޭނެއެވެ.

އަދި މިކަމުގެ ސަބަބުން ކަނޑުމަތީގައި ސަލާމަތްތެރިކަމާއި ގުޅުންހުރި ކަންކަން ރަނގަޅުވެ، ކަނޑުމަތީގައި ހިންގާ އޮޕަރޭޝަންތައް އިތުރައް ހަލުވިވެ، ހަރުދަނާވެގެން ދާނެ ކަމަށާއި އެ ވަސީލަތްތަކުގެ ސަބަބުން ކަނޑުމައްޗާއި ގުޅުންހުރި އެކިއެކި މުއައްސަސާތަކާއި ދެމެދު މުވާސަލާތީ ގުޅުން އިތުރަށް ބަދަހިވެ، މައުލޫމާތު ހިއްސާ ކުރުން އަވަސް ވެގެންދާނެ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

ޔޫއެންއޯޑީސީން އެ ތަކެތި ހަވާލު ކޮށްފައި ވަނީ މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައެވެ. ހަދިޔާކޮށްފައިވަނީ މެރިޓައިމް ޑޮމެއިން އެވެއާނެސް އިކުއިޕްމެންޓެވެ. އަދި އެ ތަކެއްޗާއި ހަވާލުވެވަޑައިގެންނެވީ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީއެވެ.