ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) މާލޭ ބްރާންޗު ހިންގާ ހ. ސަންލީޓް ބިލްޑިން (ގަދަގޭ މުހައްމަދުފުޅު ބިލްޑިން) ގައި ރޭ ހިނގި އަލިފާނުގެ ހާދިސާގައި ލިބުނު ގެއްލުންތަކާއެކުވެސް މާދަމާ ހިދުމަތް ދެވޭތޯ މަސައްކަތް ކުރަމުންދާ ކަމަށް އެ ބޭންކުން ބުނެފިއެވެ.
އެސްބީއައި އިން ބުނީ އެ ބޭންކުގެ ހިދުމަތްދޭ ފްލޯތަކަށްވެސް ގެއްލުން ލިބިފައިވާ ކަމަށާއި ހިދުމަތް ފެށުމަށް، ސާފުކުރަންޖެހޭ ތަންތަން ސާފުކުރުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށެވެ.
އެގޮތުން މިހާރު މަސައްކަތް ކަމާ ބެހޭ މުއައްސަސާތަކާއި ގުޅިގެން ކަސްޓަމަރުންނަށް ބޭނުންވާނެ އަސާސީ ހިދުމަތްތައް މާދަމާ ދޭން ފެށޭތޯ ބަލަމުންދާ ކަމަށް އެސްއައިބީން ބުނެއެވެ.
އެ އިމާރާތުގައި އެ ބޭންކުން ހިދުމަތްދޭން ބޭނުންކުރާ ފަސް ފްލޯ އަށްވެސް ރޭގެ ހާދިސާގައި ގެއްލުންވެފައިވާ ކަމަށް އެ ބޭންކުން ބުނެއެވެ.
ރޭ ހިނގި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ހެންވޭރު ބޮޑުތަކުރުފާނު މަގުގައި ހުންނަ ބޭންކް އޮފް މޯލްޑިވްސްގެ އިމާރާތާ ޖެހިގެން ހުންނަ ހޮޓާ ހުރި އިމާރާތުގައެވެ.
ކެފޭ ހިންގާ އިމާރާތުގައި ރޯވި އަލިފާންގަނޑު އެސްބީއައި ހުންނަ އިމާރާތަށް ވެސް ފެތުރުނު އިރު އެސަރަހައްދުގައި އުޅޭ މީހުންނަށް އަނިޔާއެއް ނުލިބި އެ ސަރަހައްދުން ދުރަށް ގެންދެވުނު ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.
ނަމަވެސް އެ ބިލްޑިންގުގައި ހިންގާ އުރީދޫ އާއި ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) ގެ އޮފީހަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. ލިބިފައި ވަނީ ކިހާ ވަރެއްގެ ގެއްލުމެއް ކަމެއްވެސް މިހާތަނަށް އެއްވެސް އިދާރާއަކުން ހާމަކޮށްފައެއް ނުވެއެވެ. އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ހޯދިފާ ނުވާއިރު ފުލުހުން އަންނަނީ ހާއްސަ ސަމާލުކަމެއް ދީގެން ތަހުގީގު ކުރަމުންނެވެ.