މާލޭ ބޮޑުތަކުރުފާނު މަގުގައި ހުންނަ ސްތޭޓް ބޭންކް އޮފް އިންޑިއާ ކައިރީގައި ހުރި އިމާރާތެއްގައި ރޯވެ އަނދަމުން އެބަދެއެވެ. އެމްއެންޑީއެފުން ބުނީ މިހާރު ރޯވެފައި ހުރި އިމާރާތާ ކައިރީގައި ހުރި އިމާރާތްތަކުން މީހުން ހުސްކުރަމުން ދާ ކަމަށެވެ.

އަލިފާން ރޯވެފައި ވަނީ ހެންވޭރު ބޮޑުތަކުރުފާނު މަގުގައި ހުންނަ ބޭންކް އޮފް މޯލްޑިވްސްގެ އިމާރާތާ ޖެހިގެން ހުންނަ ކެފޭ ޓިއޯލޯ ރެސްޓޯރަންޓް ހުރި އިމާރާތުގައެވެ. އެއީ އެސްބީއައި އާ އިންވެގެން ހުންނަ ތަނެކެވެ. އެއް ފަންގެފިލާއަށް ހުންނަ އެ ކެފޭގައި އަލިފާން ރޯވާން ދިމާވި ސަބަބު ނޭނގުނަސް ރޯވެ އަދަމުންދާ އަލިފާންގަނޑުގެ ހުޅު ދަނީ، ފުރަތަމަ ފަންގެވިލާއިން މަގުމައްޗާ ވީ ފަޅިއަށް ހާމައަށް އޮންނަ ދިމާލުން ނުކުންނަމުންނެވެ. އަދި ރޯވެ އަނދަމުންދާލެއް ވަރުގަދަ ކަމުން ޖެހިގެން ހުރި އިމާރާތުގައި ވަނީ ހުޅު ހިފާފައެވެ.

ރޯވެފައި ވާ އަލިފާންގަނޑު ނިއްވުމަށް އެމްއެންޑީއެފުން މަސައްކަތް ކުރާ އިރު، ހުޅު ހިފާފައިވާ އިމާރާތަކީ އެސްބީއައިގެ އިތުރުން އުރީދޫގެ އޮފީސްވެސް ހުންނަ އިމާރާތެކެވެ. އަދި އެ އިމާރާތުގައި އެނޫން ބައެއް އެހެން އޮފީސްތައްވެސް ހުރެއެވެ.

މިހާދިސާގައި މީހަކަށް އަނިޔާއެއް ވި ކަމުގެ މައުލޫމާތެއް އަދި ނުލިބެއެވެ. އެމްއެންޑީއެފުން އެފަދަ މައުލޫމާތެއް އަދި ހާމައެއްވެސް ނުކުރެއެވެ.

އަލިފާން ރޯވެފައިވާ ސަރަހައްދަށް އާންމުން ނުދިއުމަށް އެޗްޕީއޭއިން ދަނީ އިލްތިމާސް ކުރަމުންނެވެ. އަދި އެ ސަހަރައްދުގައި ކޮވިޑަށް ޕޮޒިޓިވް މީހުންނާއި، ޕޮޒިޓިވް މީހަކު ނުވަތަ މީހުންނާ ކޮންޓެކްޓް ވެފައި ތިބި މީހުން ތިބި ނަމަ އެޗްޕީއޭގެ 1676 ނަންބަރަށް ގުޅުމަށްވެސް ވަނީީ އިލްތިމާސް ކޮށްފައެވެ.

ޓިއޯލޯ ކެފޭގެ ބޮޑުބައެއް އަނދާ އަދި ޖެހިގެން ހުރި އިމާރާތުގައި ހުޅު ހިފާފައި ވާއިރު އެ ސަރަހައްދަކީ އަމިއްލަ ބައެއް އޮފީސްތަކުގެ އިތުރުން ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމް ސެންޓަރެއްވެސް ހުންނަ ސަހަރައްދެކެވެ. އަދި އާންމުން ދިރިއުޅޭ އެތައް ގެއެއް ހުރި ސަރަހައްދެކެވެ.

އަލިފާން ރޯވި ކެފޭއާ އިންވެގެން ހުންނަ އިމާރާތްތަކުގައި ދިރިއުޅޭ އާންމުން މިހާރު ތިބީ އެ ސަރަހައްދުގެ މަގުމަތީގައި ކަމަށް "ދަ ޕްރެސް"ގެ ނޫސްވެރިން ބުނެއެވެ. އަދި އެމީހުންނަށް ގެއްލުމެއް ނުލިބޭ ކަމަށް އެމްއެންޑީއެފް ގެ އޮފިޝަލުން މައުލޫމާތު ދޭ ކަމަށްވެސް ބުނެއެވެ.

އަލިފާން ރޯވި ސަރަހައްދުގެ ގޭގައި ދިރިއުޅޭ މީހުންނާ ބެހޭ ގޮތުން، ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީން ބުނީ، އެ ގޭގޭގެ މީހުން އަލިފާން ނިވެންދެން އެސަރަހައްދުގައި ތިބޭނެ ކަމަށާއި، އަލިފާން ނިއްވާލެވުމުން، ގޭގެއަށް ލިބިފައިވާ ގެއްލުން ވަޒަން ކުރުމަށް ފަހު، ވަގުތީ ހިޔާވަހިކަން ފޯރުކޮށްދޭން ޖެހޭ ފަރާތްތަކަށް ވަގުތީ ހިޔާވަހިކަން ފޯރުކޮށްދޭނެ ކަމަށެވެ.

ޓިއޯލޯގައި ރޯވި އަލިފާނުގެ ސަބަބުން ގެދޮރުން ނުކުންނަން ޖެހުނީ ކިތައް މީހުން ކަމެއް ސާފެއް ނުވެއެވެ.

މާލޭގައި 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުވެސް އަލިފާނުގެ ބޮޑު ހާދިސާއެއް ވަނީ ހިނގާފައެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހި ހިނގި އެ އަލިފާނުގެ ހާދިސާއަކީ ފަހުގެ ތާރީހެއްގައި މާލޭގައި ހިނގި އެންމެ ބޮޑު އެއް އަލިފާނުގެ ހާދިސާއެވެ. އެ ހާދިސާގައި އެކަކު ނިޔާވެ، 6 ގެއަކާއި 4 ކެމިކަލް ގުދަން އަނދާ އަޅިއަށް ވެފައި ވާއިރު، 130 އަށް ވުރެ ގިނަ އާއިލާ ހާލުގައި ޖެހުނެވެ.