އިދިކޮޅު ކޯލިޝަނުން މިއަދު މުޒާހަރާކޮށްފައިވަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ގައިޑްލައިންތަކާއި ހިލާފަށް ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ މިއަދު ބޭއްވުނު ސިޔާސީ ހަރަކާތުގައި އެޗްޕީއޭގެ މިންގަނޑުތަކާއި އެއްގޮތަށް ގައިދުރުކަން ނުބަހައްޓާ ހަރަކާތްތެރިވުމާއި މާސްކު ނާޅާ އުޅެފައިވާކަން އެސަވިސްއަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

އެކަމާއި ގުޅިގެން އެސާވިސްއިން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މިއަދު ހަވީރު 4:00 ފެށި ސައިކަލު ބުރު ފަށާފައިވަނީ ޕީޕީއެމް އޮފީސް ކުރިމަތިންމެވެ. ސައިކަލު ބުރު މާލެ ވަށާ ދުއްވާގޮތަށް ނިންމާފައިވާއިރު އެ ސައިކަލު ބުރު ނިންމާފައިވަނީ ވެސް ޕީޕީއެމް އޮފީސް ކުރިމަތިންނެވެ.

ގިނަ އަދަދެއްގެ ބަޔަކު އެސައިކަލް ބުރުގައި ބައިވެރިވެފައިވާއިރު އިދިކޮޅުގެ އިސްވެރިން ވެސް ވަނީ މި ސައިކަލް ބުރުގައި ބައިވެރިވެފައެވެ. އާންމު ވެގެން ދިޔަ ފޮޓޯތަކުން މުޒާހަރާގެ ބައިވެރިންގެ މެދުވަގއި ގައިދުރުކަން ނެތް ކަން ފެނިގެންދިޔައިރު ގިނަ ބަޔަކު ވަނީ އެކަމާ ފާޑުކިޔާފައެވެ.

މި މުޒާހަރާއަކީ ގައުމުގެ ހަރު މުދާ ވިއްކުމާއި ދެކޮޅަށާއި ސައިކަލް ޖޫރިމަނާ އަދި ޒުވާނުންނަށް މި ސަރުކާރުން ކޮށްދޭން ވައުދުވީ ކަންކަން ކޮށްދީފައިނުވާތީ އެކަމާއި ދެކޮޅަށް އަޑުއުފުލުމަށް ބޭއްވި މުޒާހަރާއެކެވެ.

އެގޮތުން ޒުވާނުން ކުރަމުންދާ ވިޔަފާރިތައް ހުއްޓިފައިވާ ކަމަށާއި ވަޒީފާއިން އެތައް ޒުވާނުންތަކެއް މަހްރޫމް ވެފައި ތިބި ކަމަށާއި ކަރަންޓު ބިލާއި ފެންބިލް ދެއްކުމަށް ނުކުޅެދިފައިވާ ކަން އެ ސައިކަލުގައި ބައިވެރިން ވަނީ ގޮވާލާފައެވެ.