ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ނުރަސްމީ ދަތުރުފުޅެއްގައި ޔޫކޭއަށް ފުރާ ވަޑައިގެންފިއެވެ.

ރައީސް ނަޝީދު ނުރަސްމީ ދަތުރުފުޅެއްގައި ޔޫކޭއަށް މިއަދު ފުރާވަޑައިގެންފައިވާ އިރު މީގެ ކުރިން ރައީސް ނަޝިދު ޔޫކޭއަށް ނުރަސްމީ ދަތުރުފުޅެއްގައި ވަޑައިގެންފައި ވަނީ މިދިޔަ މާޗް މަހުގެ 11 ވަނަ ދުވަހުއެވެ.

އޭރު ރައީސް ނަޝީދު ޔޫކޭއަށް ވަޑައިގެންނެވީ، އެމަނިކުފާނާއި، ލައިލާގެ ކައިވެންނަށް 26 އަހަރު ފުރުން ފާހަގަ ކުރެއްވުމަށެވެ. ނަޝީދާއި ލައިލާގެ ކައިވެންޏަށް އަހަރު ފުރޭ ދުވަހަކީ މާޗު މަހުގެ 13 ވަނަ ދުވަހެވެ. އަދި އޭރު ޔޫކޭގައި ހުންނެވުމަށްފަހު ނަޝީދު ރާއްޖެއަށް ވަޑައިގެންފައި ވަނީ މާޗް މަހުގެ 15 ވަނަ ދުވަހުއެވެ.

އެ ދުވަސްވަރަކީ ރާއްޖެއަށް ބޭރުގެ ބައެއް ގައުމުތަކުން އަންނަ މީހުން ކޮވިޑަށް ޓެސްޓު ކުރަން ފަށާފައިވާ ދުވަސްވަރެކެވެ. އަދި ރައީސް ނަޝީދު ރާއްޖެއަށް ވަޑައިގެން ފަހުން ޔޫކޭއިން ރާއްޖެއަށް އައި ބައެއް ދިވެހިން ޕޮޒިޓިވްވުމާ ގުޅިގެން ވަނީ ޔޫކޭއިން ރާއްޖެއަށް ވަކި މުއްދަތެއްގައި އައި މީހުން ކޮވިޑަށް ޓެސްޓުކޮށްފައެވެ. އެ ގޮތުން މިދިޔަ އޭޕްރިލް މަހުގެ 2 ވަނަ ދުވަހު އެމަނިކުފާނުގެ ކޮވިޑް ޓެސްޓުގެ ނަތީޖާ ނެގެޓިވްކަން އެޗްޕީއޭއިން އަންގާފައެވެ.