މާލެ ސަރަހައްދުން 3 މިސްކިތެއްގެ މަގުމަތީގައި ނަމާދު ކުރާ، ކުރީ ސަފު ވަކި ކުރާ ލައިން ކުރަހައިފިއެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ، މާލޭގެ ބައެއް މިސްކިތްތަކުގެ މަގުމަތީގައި ނަމާދުކުރާ ކުރީ ސަފު ވަކި ކުރާ ލައިން ކުރަހާފައިވާ ކަމަށެވެ. ރޭގެ ވަގިތެއްގައި މި މަސައްކަތް ކޮށްފައި ވަނީ ފުރުގާން މިސްކިތާއި ޝަހީދު އަލީ މިސްކިތާއި އިބްރާހިމް މިސްކިތް ބޭރުގައި ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.

އަދި މި މަސައްކަތް ކުރެވުނީ އިސްލާމިކް މިނިސްޓްރީއާ ގުޅިގެން ކަމަށް ވެސް އެ ކައުންސިލުން ބުނެއެވެ.

މާލެ ސިޓީ ކައުންސިލުން މި މަސައްކަތް ކުރި ކަމަށް ބުނެ ކޮށްފައިވާ ޓްވީޓަށް ގިނަ ބަޔަކު ވަނީ ފާޑު ކިޔާފައެވެ. އެއްބަޔަކު ބުނެފައި ވަނީ މާލެ ސަރަހައްދުގައި މަގުތަކުގައި އޮންގޭއް ދަމާލުން ފިޔަވާ އިތުރު ކަމެއް މާލެ ސިޓީ ކައުންސިލަށް ނުވާ ކަމަށެވެ. ހަމައެއާއެކު މާލޭގެ އެކި ސަރަހައްދުތަކުގައި ކުނި ގިނަވެ އެތަންތަނުން ނުބައި ވަސް ދުވެ އާންމުން ނަށް އުންދަގޫވާ ކަމަށް ވެސް ބައެއް އާންމުން ވަނީ ބުނެފައެވެ.

މީގެ އިތުރުން މާވެޔޮ މިސްކިތަކީ މަގުމަތީގައި ނަމާދުކުރާ ކުރީ ސަފު ވަކިކުރާ ރޮނގު ކުރަހަން މުހިއްމު މިސްކިތެއް ކަމަށް ބުނެފައި ވެއެވެ. އަދި އެ މިސްކިތުގެ ކައިރިގައި ހުކުރު ދުވަހު ޕާކް ނުކުރެވޭ ގޮތަށް ބޯޑު ޖެހުމަކީ ވެސް މުހިއްމު ކަމެއް ކަމަށް އާންމު މީހަކު ލަފާ ދިފާއި ވެއެވެ.