ކުޑަކުދިންގެ އަދުލުގެ ގާނޫނާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު ތަންފީޒުކުރުމުގެ ކަންކަން ކުރުމާގުޅޭގޮތުން އެކުލަވައިލާފައިވާ ޕޮލިސީ ލެވެލް ސްޓިއަރިން ކޮމިޓީގެ ފުރަތަމަ ބައްދަލުވުން ބާއްވައިފިއެވެ

އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން ބުނީ، މި ބައްދަލުވުން އިއްޔެ އޮންލައިންކޮށް ބާއްވާފައިވާ ކަމަށެވެ. މި ބައްދަލުވުމުގައި، އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު އާއި، ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ އާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި، ޖުޑީޝަލް ސާވިސް ކޮމިޝަންގެ ރައީސް ހިސާން ހުސައިން އާއި، ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް އާއި، ލޯކަލް ގަވަމަންޓް އޮތޯރިޓީގެ ސީ.އީ.އޯ ފާތުމަތު އަފްޝަން ލަތީފް އާއި، ޗިލްޑްރަންސް އޮމްބަޑްސްޕާސަން ނިއުމާތު ޝަފީގުގެ އިތުރުން، މިނިސްޓްރީ އޮފް ހޯމް އެފެއާޒްއާއި މިނިސްޓްރީ އޮފް ޖެންޑާގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

އޭޖީން ބުނީ މި ބައްދަލުވުމުގައި، މި މަހުގެ 9 ވަނަ ދުވަހުގައި ބޭއްވި ޕޮލިސީ ލެވެލް ބައްދަލުވުމުގައި އެކުލަވާލެވުނު ވާކިން ގްރޫޕުން ކުރަން އެކަށައަޅާފައިވާ ކަންކަމުގެ ތެރެއިން، ކުޑަކުދިންގެ އަދުލުގެ ގާނޫނާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގައި ދައުލަތުގެ މުއައްސަސާތަކާ މަތިކޮށްފައިވާ ޒިންމާތައް އަދާކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތަކާ ގުޅޭ ގޮތުން މަޝްވަރާކުރެވުނު ކަމަށެވެ. ހަމައެއާއެކު އެ ކަންކަން ތަންފީޒުކުރުމަށްޓަކައި ބޭނުންވާ ވަސީލަތްތަކާއި، ގާނޫނު ތަންފީޒުކުރުމުގައި ދިމާވެދާނެކަމަށް ކަމާބެހޭ މުއައްސަސާތަކަށް ފާހަގަކުރެވޭ ގޮންޖެހުންތަކާއި ޙައްލުތައް ދެނެގަތުމަށްޓަކައި މިހާތަނަށް ކުރެވިފައިވާ މަސައްކަތްތަކާގުޅޭގޮތުން ހުއްސާކުރެވުނު ކަމަށް އޭޖީން ބުނެއެވެ.

އެގޮތުން، އެ ދެ ގާނޫނު ތަންފީޒުކުރުމަށްޓަކައި މަލްޓި-ސްޓޭކް ހޯލްޑާ އެޕްރޯޗްއެއްގެ މުހިންމުކަމާއި، ގާނޫނުގެ ދަށުން ކުރަންޖެހޭ ކަންކަމުގެ ތެރެއިން އެންމެ އިސްކަމެއްދީގެން މިވަގުތަށް ތަންފީޒުކުރަންޖެހޭ ކަންކަން ތަރުތީބު ކުރުމަށް ވެސް މަޝްވަރާ ކުރެވުނު ކަމަށް އޭޖީން ބުނެއެވެ.

ކުޑަކުދިންގެ އަދުލުގެ ގާނޫނާއި، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު ނޮވެންބަރު 20، 2019 ގައި ތަސްދީގުކޮށްފައިވާއިރު، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނަށް މިއަހަރުގެ ފެބުރުވަރީ 20 އިން ފެށިގެން ދަނީ އަމަލުކުރެވެމުންނެވެ. އަދި ކުޑަކުދިންގެ އަދުލުގެ ގާނޫނަށް އަމަލުކުރަން ފަށާނީ މިއަހަރުގެ ނޮވެންބަރު މަހުގެ 20 ގައެވެ.