އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން މޮރެޓޯރިއަމްއަށް އެދުމުގެ ފުރުސަތު އަންނަ ސެޕްޓެމްބަރުމަހުގެ 7 ވަނަ ދުވަހު ހުޅުވާލާނެ ކަމަށް އެ ބެންކުން ބުނެފިއެވެ.

އެސްޑީއެފްސީން ކޮށްފައިވާ އިއުލާނެއްގައި ބުނީ އަންނަ ސެޕްޓެމްބަރު މަހުން ފެށިގެން މޮރެޓޯރިއަމްގެ މުއްދަތު މި އަހަރު ނިމެންދެން އިތުރުކުރުމަށް ނިންމާފައިވަނީ މިފަދަނާޒުކު ދަނޑިވަޅެއްގައި ލޯނުތައް ދެއްކުމުގައި ދަތިތަކެއް ކުރިމަތިވެދާނެ ކަމަށް ބެލެވޭތީ ކަމަށެވެ.

އަދި ސެޕްޓެމްބަރު މަހުގެ 7 ގައި މޮރެޓޯރިއަމްއަށް އެދުމުގެ ފުރުސަތު ހުޅުވާލެވޭނެ ކަމަށާއި ކުރިންވެސް އިއުލާން ކުރެވުނު ފަދައިން މޮރެޓޯރިއަމްގެ މުއްދަތުގައި، އެސްޑީއެފްސީއިން ދޫކޮށްފައިވާ ލޯނުތަކުގެ އިންޓްރެސްޓަށް ބަދަލެއް ނާންނާނެއެވެ.

މީގެ އިތުރުން އެ ކޯޕަރޭޝަނުން މިވަގުތު އެންމެ އިސްކަމެއްދެނީ ކޮވިޑް-19 އާ ގުޅިގެން އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ދިމާވެފައިވާ މާލީ ދަތިތަކުން އަރައި ގަތުމަށް އިތުރު ފުރުސަތުތަކެއް ފަހިކޮށްދިނުމަށް ކަމަށްވެސް އެ ބޭންކުން ބުނެއެވެ.

ކޮރޯނާ ވައިރަސް އާއި ގުޅިގެން އެންމެ ކުދި، އަދި މެދުފަންތީގެ ވިޔަފާރިތަކަށާއި އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކަށް ދިމާވެފައިވާ މާލީ ދަތިތަކުން އަރައިގަތުމަށް އިތުރު ފުރުސަތު ފަހިކޮށްދިނުމަށް "ކޮވިޑް 19 ވިޔަފާރި އެހީ" ގެ ނަމުގައި ފިނޭންސް މިނިސްޓްރީ އާއި ގުޅިގެން އެސްޑީއެފްސީން ތައާރަފުކުރި ލޯނުގެ ގޮތުގައި ދޫކުރަން ނިންމާފައި ވަނީ ގިނަވެގެން 500،000 ރުފިޔާއެވެ.

އެސްޑިއެފްސީން ނަގާފައިވާ ލޯންތަކަށް ދިން ލުއި އަހަރު ނިމެންދެން މިއަދު އިތުރު ކޮށްފައި ވާއިރު، އިކޮނޮމިކް މިނިސްޓަރު އިސްމާއިލް ފައްޔާޒް ވަނީ އެކަމަށް ޝުކުރު ދަންނަވާފައެވެ. އަދި އެހެން ބޭންކްތަކުން ވެސް މިފަދަ ބަދަލުތަކެއް މި ދަނޑިވަޅުގައި ގެންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.