"މައްސަލަ ހައްލުކުރުމަށް'' މީހުންގެ ފުރާނައަށް ގެއްލުންވާ ބާވަތުގެ ނުރައްކާތެރި އަމަލުތައް ހިންގުމުގެ ސަގާފަތެއް އުފެދެމުން އަންނަ ކަމަށް ޖުވެނައިލް ޖަސްޓިސް ޔުނިޓުން (ޖޭޖޭޔޫ) ބުނެފިއެވެ.

ޖޭޖޭޔޫ އިން މިއަދު ނެރުނު ރިޕޯޓްގައި ބުނީ ކުށުގެ ބާވަތްތަކަށް ބަލާއިރު ބޮޑެތި މީހުންނާއި ގުރޫޕްތަކާއި ގުޅިގެން ހިންގާ ކުށްތައް ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށާއި ''މައްސަލަ ހައްލުކުރުމަށް'' މީހުންގެ ފުރާނައަށް ގެއްލުންވާ ބާވަތުގެ ނުރައްކާތެރި އަމަލުތައް ހިންގުމުގެ ސަގާފަތެއް އުފެދެމުން ދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އަދި އެފަދަ ނުރައްކާތެރި އަމަލުތަކުގައި ކުޑަކުދިން ބައިވެރި ކުރުވާކަން ނުވަތަ އެކުދިންނަށް އިސް ދައުރެއް އަދާކުރުމަށް ޝާމިލުކުރުވަމުން ދާކަންވެސް ފާހަގަކުރެވިފައިވާ ކަމަށް އެ ރިޕޯޓްގައި ބުނެފައި ވެއެވެ.

އެގޮތުން އެހެން އަހަރުތަކާ ހިލާފަށް 2019 ވަނަ އަހަރު ހުށަހެޅުނު މައްސަލަތަކުގެ ތެރޭގައި، އަންހެން ކުދިންވެސް މާރާމާރީ ތަކުގައި ބައިވެރިވެފައިވާ ކަން ފާހަގަ ކުރެވިފައިވާ ކަމަށާއި ރާއްޖޭގެ ބައެއް ސަރަހައްދުގައި ކުށްކުރުން އިތުރުވަމުން ދާކަންވެސް ފާހަގަވެފައިވާ ކަމަށް ޖޭޖޭޔޫން ބުނެއެވެ. އަދި އަތޮޅުތަކުން ކުޑަކުދިން ގްރޫޕް މާރާމާރީއަށް މާލެ ގެނެސް، ކުށުގެވަށީގައި އުޅޭމީސްމީހުން ދިރިއުޅޭ ގޭގޭގައި ނުވަތަ ސަރަހައްދުތަކުގައި އެކުދިން ގެންގުޅެ ހަދާކަންވެސް ފާހަގަކުރެވިފައިވާ ކަމަށް އެ ރިޕޯޓްގައި ބުނެއެވެ.

މީގެ އިތުރުން އެ ރިޕޯޓްގައި ބުނެފައި ވަނީ 2019 ވަނަ އަހަރު އެންމެ ގިނައިން ހުށަހެޅިފައި ވަނީ މަސްތުވާތަކެތީގެ މައްސަލަތައް ކަމަށާއި އެގޮތުން މަސްތުވާތެކެތި ބޭނުންކުރުމާއި ގެންގުޅުމާއި އަތުގައި ބެހެއްޓުމާއި، މަސްތުވާތަކެތި އެތެރެކުރުމާއި ވިއްކުމާއި، ބަނގުރާ ބޭނުންކުރުމާއި އަތުގައި ބެހެއްޓުންފަދަ މަސްތުވާތަކެއްޗާ ގުޅޭ 119 މައްސަލަ ހުށަހެޅިފައި ވާކަމަށްވެސް އެ ރިޕޯޓްގައި ވެއެވެ.

އެއީ ހުށަހެޅުނު މައްސަލަތަކުގެ 35 އިންސައްތަ ކަމަށް އެ ރިޕޯޓްގައި ބުނެފައި ވެއެވެ. އެ މައްސަލަތަކުގެ ތެރޭގައިހިމެނޭ ފިރިހެންކުދިން ކުރާ ކުށްތަކުގެ ބާވަތްތަކަށް ބަލާއިރު، 2019 ވަނަ އަހަރު އެންމެ ގިނައިން ހުށަހެޅުނު މައްސަލަތަކުގެ ތެރޭގައިހިމެނެނީ މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅު މާއި، ވައްކަންކުރުމާއި، މާރާމާރީގެ މައްސަލަތަކެވެ.

އަންހެންކުދިންގެ ފަރާތުންއެންމެ ގިނައިން ހުށަހެޅިފައިވަނީ މަސްތުވާތަކެއްޗާއި ގުޅުން ހުރި މައްސަލަތައް ކަމަށް އެ ރިޕޯޓްގައި ބުނެއެވެ.

ބޮޑެތި ނުވަތަ އަނިޔާވެރިކަން ހިމެނޭ މައްސަލަތަކުގައި ކުޑަކުދިންގެ ބައިވެރިވުމަށް ބަލާއިރު 2019 އަހަރު ތޫނުހަތިޔާރުގެންގުޅުމާއި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ 7 މައްސަލަ ހުށަހަޅާފައިވާ ކަމަށާއި ވޭތުވެ ދިޔަ 8 އަހަރަށް ބަލާއިރު އެންމެގިނައިން ހުށަހެޅިފައިވަނީ މާރާމާރީގެ މައްސަލަތަކެވެ.

އެހެންނަމަވެސް 2019 ވަނަ އަހަރު 18 އަހަރުން ދަށުގެ ކުދިން ހިމެނޭ ބޮޑެތިނުވަތަ އަނިޔާވެރި އަމަލު ހިމެނޭ މައްސަލަތައް ވަރަށް ބޮޑުތަން މަދު ވެފައިވާކަން ފާހަގަވެއެވެ. އެހެންނަމަވެސް މަސްތުވާތަކެތި ގެންގުޅުމާއިބޭނުންކުރުން އަދި އެތަކެތީގެ ވިޔަފާރިކުރުމާއި އަތުގައި ބެހެއްޓުންވަނީ ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށާއި ވޭތުވެދިޔަ 8 އަހަރުތެރޭގައި ވައްކަންވެސް ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް އެ ރިޕޯޓްގައި ފާހަގަ ކޮށްފައި ވެއެވެ.