މިދިޔަ ސެޕްޓެމްބަރު މަހު ހެންވޭރު އަބަދަށްފެހި މަގުގައި ހިނގި އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު ފަރާތްތަކަށް ފޯރުކޮށްދީފައިވާ ވަގުތީ ބޯހިޔާވަހިކަމުގެ މުއްދަތު ހަމަވުމުން، އިތުރު 3 މަހުގެ ބޯހިޔާވަހިކަން ދޭން ނިންމައިފިއެވެ.
މިކަމާ ގުޅިގެން ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓޯ (އެންޑީއެމްއޭ) އިން ބުނީ، ހ. ތިލަފުށިގޭގައި ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން އެ އޮތޯރިޓީއިން ވަގުތީހިޔާ ފޯރުކޮށް ދެމުން ގެންދާ އާއިލާތަކަށް ދީފައިވާ މުއްދަތު މިމަހުގެ ނިޔަލަށް ހަމަވެފައިވާ ކަމަށެވެ. ނަމަވެސް މިހާރުގެ ހާލަތަށް ބަލައި އެމުއްދަތު އިތުރު ތިން މަސްދުވަހަށް އިތުރުކުރުމަށް ސަރުކާރުން މިހާރު ނިންމާފައިވާ ކަމަށެވެ.
ހެންވޭރު ކެމިކަލް ގުދަނެއްގައި ރޯވެ ހިންގި މި އަލިފާނުގެ ހާދިސާގައި ކައިރީގައި ހުރި ގެތައް އަނދައިގެން ދިއުމުން ހާލުގައި ޖެހުނު އާއިލާތަކަށް އެންޑީއެމްއޭއިން ވަގުތީ ބޯހިޔާވަހިކަން ދަނީ ފޯރުކޮށް ދެމުންނެވެ. ނަމަވެސް، އޭގެ ތެރެއިން ފަސް ގޭބީސީއެއްގައި ތިބި މީހުންނަށް ވަގުތީ ގޮތުން ހަމަޖައްސައި ދީފައިވާ ގާކޮށި ފްލެޓްތަކުން މުއްދަތު ހަމަވުމުގެ ސަބަބުން މި މަސް ނިމުމުގެ ކުރިން ނުކުންނަން އޮތީ އަންގާފައެވެ. ނަމަވެސް އޭގެ ތެރެއިން އެންމެ އާއިލާއެއް ފިޔަވައި ދެން ތިބި މީހުން އެތަނުން ނުކުމެފައި ނުވާކަމުގެ މައުލޫމާތު ލިބެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ގާކޮށީގައި ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައި ވަނީ ހަތް ގޭބީސީއެއްގެ 29 މީހަކަށެވެ. އެމީހުންގެ ތެރެއިން 5 ގޭބިސީއެއްގެ މީހުންނަށް ފޯރުކޮށްދީފައިވާ ބޯހިޔާވަހިކަމުގެ މުއްދަތު މިމަހުގެ ނިޔަލަށް ހަމަވާއިރު، ދެން ތިބި ދެ ގޭބިސީގެ މީހުންގެ އެތަނުގަިއ ތިބުމުގެ މުއްދަތު ހަމަވަނީ އަންނަ މަހުގެ ނިޔަލަށެވެ. ނަމަވެސް ހާލަތަށް ބަލާ އެންޑީއެމްއޭއިން ވަނީ މި މުއްދަތު އިތުރު 3 މަހަށް ދަންމާލާފައެވެ.
ވަގުތީ ބޯހިޔާވަހިކަން ދެނީ އެ މީހުން އުޅުނު ގެތައް މަރާމާތު ކުރެވޭނެ ކަމަށް އެސެސްމަންޓުން ދައްކާ މުއްދަތުތަކަށް ބަލައި، އެކި ގޭބީސީތަކަށް އެކި މުއްދަތަށެވެ.
މިދިޔަ ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހި ހިނގި މި އަލިފާނުގެ ހާދިސާއަކީ ފަހުގެ ތާރީހެއްގައި މާލޭގައި ހިނގި އެންމެ ބޮޑު އެއް އަލިފާނުގެ ހާދިސާއެވެ. މި ހާދިސާގައި އެކަކު ނިޔާވެ، 6 ގެއަކާއި 4 ކެމިކަލް ގުދަން އަނދާ އަޅިއަށް ވެފައިވާއިރު، 130 އަށް ވުރެ ގިނަ އާއިލާ ވަނީ ހާލުގައި ޖެހިފައެވެ.