ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން، ގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް ޣައްސާން މައުމޫންގެ ކޮވިޑް ޓެސްޓުގެ ނަތީޖާ ނެގެޓިވް ވެއްޖެއެވެ.

ޣައްސާން މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ ކޮވިޑް ޓެސްޓު ހަދަން ނެގި އޭނާގެ ނަތީޖާ ލިބިފައިވާ ކަން ހާމަކުރައްވާފައެވެ. އެގޮތުން އޭނާ ވަނީ ކޮވިޑަށް ނެގެޓިވްވެފައި ކަމަށް ޣައްސާން ވިދާޅުވިއެވެ.

ޣައްސާން ކޮވިޑަށް ޓެސްޓުކޮށްފައި ވަނީ ރައީސް މައުމޫން ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެންނެވެ.

ކޮވިޑަށް ޕޮޒިޓިވްވެފައިވާ އޭނާގެ ބައްޕާފުޅަށާއި މި ބައްޔަށް ޕޮޒިޓިވްވެފައިވާ ހުރިހާ ފަރާތްތަކަށް އަވަސް ޝިފާއެއް ދެއްވުން އެދި ދުއާ ކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ދިވެހިނ ޑޮކްޓަރުންނާއި ނަރުހުން ދެއްވާ ހިދުމަތް ގާތުން ބައްލަވަމުންދާ ކަމަށާއި އެމީހުންގެ އިހްލާސްތެރި ހިދުމަތަށް ހިތުގެ އެންމެ ފުން މިނުން ޝުކުރު އަދާ ކުރައްވާ ކަމަށް ޣައްސާން ވިދާޅުވިއެވެ.

ރައީސް މައުމޫން ކޮވިޑަށް ޓެސްޓު ކުރައްވާފައި ވަނީ ހުމުގެ އާލާސްކަންފުޅެއްގައި އުޅުއްވާތީ ކަމަށް މައުލޫމާތު ލިބެއެވެ. އެމަނިކުފާނުގެ ނަތީޖާ ލިބުމުން އެކަން ޓްވީޓާ މެދުވެރިކޮށް އަންގަވާފައި ވަނީ މިދިޔަ އަންގާރަ ދުވަހުއެވެ.

އެމަނިކުފާނު ކޮވިޑަށް ޕޮޒިޓިވް ވެފައި ވާކަން ހާމަކުރެއްވުމާ އެކު ގިނަ އަދަދެއްގެ ބަޔަކު ވަނީ ސޯޝަލް މީޑިއާގައި އެމަނިކުފާނަށް ހެޔޮ ދުއާ ކޮށް އަވަސް ޝިފާއަކަށް އެދިފައެވެ. އޭގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިތުރުން ސިޔާސީ އިސް ލީޑަރުންވެސް ހިމެނިވަޑައިގަންނަވައެވެ.

ކޮވިޑަކީ އުމުރުން ދުވަސްވީ ފަރާތްތަކަށް އޭގެ ނުރައްކާ ބޮޑު ބައްޔަކަށް ވާއިރު އުމުރުން 82 އަހަރުފުޅުގެ ރައީސް މައުމޫނަކީ ވެސް ބަލީގެ ހައި ރިސްކު ކެޓަގަރީގެ ބޭފުޅެކެވެ. އާއިލާ އިން ވަނީ މައުމޫނުގެ ހާލުކޮޅު ރަނގަޅު ކަމަށް ބުނެފައެވެ.