ކޮވިޑްއާ ގުޅިގެން އެސްޑިއެފްސީން ނަގާފައިވާ ލޯންތަކަށް ދިން ލުއި އަހަރު ނިމެންދެން ދަންމާލައިފިއެވެ.

އިކޮނޮމިކް މިނިސްޓަރު އިސްމާއިލް ފައްޔާޒް ވިދާޅުވީ، ކޮވިޑްއާ ގުޅިގެން އެސްޑީއެފްސީން ދޫކޮށްފައިވާ ލޯންތަކަށް ދީފައިވާ ލުއި މި އަހަރު ނިމެންދެން އެ މުއްދަތު އިތުރު ކުރަން ބޭނުންވާ ފަރާތްތަކަށް ލުއިދޭން ނިންމާފައިވާތީ އެކަމަށް ޝުކުރު ދަންނަވާ ކަމަށެވެ. އަދި އެހެން ބޭންކްތަކުން ވެސް މިފަދަ ބަދަލުތަކެއް މި ދަނޑިވަޅުގައި ގެންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ކޮވިޑާ ގުޅިގެން މުޅި ދުނިޔޭގެ އިގްތިސޯދަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތި ވެފައެވެ. އެގޮތުން ރާއްޖޭގައިވެސް އިގްތިސޯދަށް ދިމާވެފައިވާ ހީނަރުކަމުގެ ތެރެއިން އެތައް ބައެއްގެ ވަޒީފާ ވަނީ ގެއްލިފައެވެ. ލިބެމުން ދިޔަ އާމްދަނީ ކުޑަވެ ދިރިއުޅުމުގެ ހާލަތަށް ވަނީ ބޮޑެތި ނޭދެވޭ އަސަރުތަކެއް ކޮށްފައެވެ. މިކަމުން އަރައިގަތުމަށް ސަރުކާރުން ވަނީ ރިލީފް ޕެކޭޖެއްގެ ތެރެއިން ލޯނަށް އެދި ހުށަހެޅުމަށް ހުޅުވާލާފައެވެ.

ހަމައެއާއެކު ކުރިން ނަގާފައިވާ ލޯނުތައް 6 މަސް ދުވަހަށް ފަސްކުރެވޭނެ ގޮތަށް މޮރޮޓޯރިއަމް ސްކީމެއް ވަނީ ހަމަަޖައްސާފައެވެ. މީގެ އިތުރުން ސަރުކާރުން ދަނީ އިންކަމް ސަޕޯޓް އެލަވަންސެއްގެ ގޮތުން ވަޒީފާ ގެއްލުނު ފަރާތްތަކަށް 5000 ރުފިޔާގެ އެލަވަންސެއް ދެމުންނެވެ.

ކޮރޯނާ ވައިރަސް އާއި ގުޅިގެން އެންމެ ކުދި،އަދި މެދުފަންތީގެ ވިޔަފާރިތަކަށާއި އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް ދިމާވެފައިވާ މާލީ ދަތިތަކުން އަރައިގަތުމަށް އިތުރު ފުރުސަތު ފަހިކޮށްދިނުމަށް "ކޮވިޑް 19 ވިޔަފާރި އެހީ" ގެ ނަމުގައި ފިނޭންސް މިނިސްޓްރީ އާއި ގުޅިގެން އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން ތައާރަފުކުރި ލޯނުގެ ގޮތުގައި ދޫކުރަން ނިންމާފައިވަނީ ގިނަވެގެން 500،000 ރުފިޔާއެވެ.