މިއަދުގެ ކޮވިޑް ނަންބަރުތަކަށް ބަލާލާއިރު، އިތުރު 178 މީހަކު ޕޮޒިޓިވްވެ، 122 މީހަކު ބަލިން ރަނގަޅުވެއްޖެއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، ވޭތުވެދިޔަ 24 ގަޑިއުތެރޭ 178 މީހަކު މި ބައްޔަށް ޕޮޒިޓިވްވެ، 122 މީހަކު މިބަލިން ރަނގަޅުވެފައިވާ ކަމަށެވެ. އެއާއެކު މި ބައްޔަށް ޕޮޒިޓިވްވި މީހުްނގެ ޖުމްލަ އަދަދު 7225 އަށް ވަނީ އަރާފައެވެ. އަދި ރަނގަޅުވި މީހުންގެ އަދަދު މިވަނީ 4561 އަށް އަރާފައެވެ.
މިއަދު މި ބައްޔަށް ޕޮޒިޓިވްވި 178 މީހުންގެ ތެރޭގައި ހިމެނެނީ، 141 ދިވެހިންނާއި ބަންގްލަދޭޝްގެ 25 މީހުންގެ އިތުރުން، އިންޑިއާގެ 10 މީހަކާއި ސްޕެއިންގެ 2 މީހެކެވެ. މިއަދު ޕޮޒިޓިވްވި މީހުންގެ ތެރެއިން 176 މީހަކު މާލެ ސަރަހައްދުން ޕޮޒިޓިވްވެފައިވާއިރު 2 މީހަކު ޕޮޒިޓިވްވީ އަތޮޅުތެރެއިންނެވެ.
މިވަގުތު މިބަލި ޖެހިފައިވާ 2636 މީހުން އުޅޭއިރު، އެމީހުންގެ ތެރެއިން 162 މީހަކަށް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ. އަދި 1458 މީހަކު އައިސޮލޭޝަން ފެސިލިޓީތަކުގައި އެބަތިއްބެވެ.
މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިގެން 28 މީހަކު ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ 22 ދިވެހިންނާއި 6 ބިދޭސީންނެވެ.
މި ބައްޔަށް ފަރުވާ ކުރަމުންދާ ނުވަތަ އެކްޓިވް ކޭސްތައް އުޅެނީ މާލެ ސަރަހައްދުގެ އިތުރުން، ރާއްޖޭގެ 33 ރަށެއްގައެވެ. އަދި 15 ރިސޯޓެއްގައި ވެސް އެކްޓިވް ކޭސްތައް އުޅޭއިރު، 11 ފަތުރުވެރިންނާއި 15 ރިސޯޓް މުވައްޒަފުން ވަނީ ޕޮޒިޓިވްވެފައެވެ.
އެކްޓިވް ކޭސްތައް އުޅޭ ރަށްތަކުގެ ލިސްޓުގައި ހިމެނެނީ، ހދ. ކުރިނބި ށ. ޅައިމަގު، ނ. މިލަދޫ، ރ. އިނގުރައިދޫ، ރ. ދުވާފަރު، ރ. ކިނޮޅަސް، ބ. އޭދަފުށީ، ޅ. ހިންނަވަރު، ކ. ތުލުސްދޫ، ކ. ހިންމަފުށި، ކ. މާފުށި، ކ. ދިއްފުށި، ކ. ގުޅި، ކ. ގުރައިދޫ، އދ. މާމިގިލި، އދ. އޮމަދޫ، ވ. ތިނަދޫ، ވ. ކެޔޮދޫ، މ. މުލައް، ފ. ނިލަންދޫ، ފ. ބިލެއްދޫ، ފ. ދަރަންބޫދޫ، ދ. ރިނބިދޫ، ތ. މަޑިފުށި، ތ. ވިލުފުށި، ތ. ތިމަރަފުށި، ތ. އޮމަދޫ، ލ. ގަން، ގއ. ވިލިނގިލި، ގއ، ދެއްވަދޫގެ އިތުރުން އައްޑޫ ސިޓީގެ ހިތަދޫއާއި ފޭދޫ އަދި މަރަދޫއެވެ.