ޗައިނާ ބަހުން ވާހަކަ ދައްކަވަން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުޅަދާނަ ކަމަށް ވިދާޅުވެ، ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖަންގް ލޮޖޮންގް، މިނސްޓަރު ޝާހިދަށް ތައުރީފު ކުރައްވައިފިއެވެ.

މިނިސްޓަރު ޝާހިދު ޗައިނާ ބަހުން ވާހަކަ ދައްކަވާފައި ވަނީ ރާއްޖޭގެ މިނިވަން ދުވަސް ފާހަގަ ކުރުމަށް ބެއިޖިންގައި ހުންނަ ރާއްޖޭގެ އެމްބަސީގައި ބޭއްވި ރަސްމިއްޔާތުގައެވެ.

މިނިސްޓަރު ޝާހިދު ޗައިނާ ބަހުން ވާހަކަދައްކަވާ ވީޑިއޯ ޓުވީޓުކުރައްވާ ޗައިނާ ސަފީރު ވަނީ މިނިސްޓަރަށް ތައުރީފުކުރައްވައިފައެވެ.

ސަފީރު ވިދާޅުވީ، އަމިއްލައަށް ބަސްތައް ދަސްކުރުމުގައި މިނިސްޓަރު ވަރަށް ކުޅަދާނަކަމަށާއި، އެކަން ފާހަގަކުރައްވައި މިނިސްޓަރަށް ސެޓްފިކެޓެއް ދޭން ވިސްނަވާ ކަމަށެވެ.

މީގެ ކުރިން ވެސް މިނިސްޓަރު ޝާހިދު ވަނީ އެކި އެކި ރަސްމިއްޔާތުތަކުގައި އެކި ގައުމުތަކުގެ ބަހުން ވާހަކަ ދައްކަވާފައެވެ. މިގޮތަށް އެގައުމެއްގެ ބަހުން ވާހަކަ ދެއްކެވުމަކީ ގައުމުތަކުން އެކަން ފާހަގަ ކުރާ ކަމެކެވެ. އަދި އެއީ އެއްގައުމު އަނެއް ގައުމުގެ ގާތްކަން އޮންނަ މިންވަރު ހާމަކުރުމަށް ޑިޕްލޮމެޓުން ގެންގުޅުއްވާ އުކުޅެކެވެ.