ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ފަރާތުން އަންނަ ހުކުރު ދުވަހުގެ ހަވީރު ސައިކަލު ޖޫރިމަނާ އާ ދެކޮޅަށް ސައިކަލު ބުރެއް ބާއްވަން ނިންމައިފިއެވެ.

މިހާރު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި އެ ފަރާތުން ބުނީ، އަންނަ ހުކުރު ދުވަހުގެ ހަވީރު 4:00 އިން 6:00 އަށް ސައިކަލު ބުރެއް މާލޭގައި ބާއްވަން ނިންމާފައިވާ ކަމަށެވެ.

މާލޭގައި އަންނަ ހުކުރު ދުވަހު ބާއްވާ ސައިކަލު ބުރު ފެށޭނީ ޕީޕީއެމް އޮފީސް ކުރިމަތިން ކަމަށާއި އަދި ސައިކަލު ބުރު މާލެ ވަށާ ދުއްވާގޮތަށް ނިންމާފައިވާ ކަމަށް އެ ކޯލިޝަނުން ބުނެއެވެ. އަދި 4:00 ގައި ފެށުމަށް ނިންމާފައިވާ އެ ސައިކަލު ބުރު ނިންމާނީ ވެސް ޕީޕީއެމް އޮފީސް ކުރިމައްޗަށް ކަމަށްވެސް އެފަރާތުން ބުނެއެވެ. ހަމައެއާއެކު ސައިކަލު ބުރުގެ ބައިވެރިންނަށް މާސްކާއި ސެނެޓައިޒާ ލިބޭނެ ކަމަށް ވެސް އެ ކޯލިޝަނުން ބުނެއެވެ.

މި ސައިކަލު ބުރުގައި ހުރިހާ ޒުވާނުން ބައިވެރިވުމަށް އެ ކޯލިޝަނުން އެދެއެވެ. އަދި މި ސައިކަލު ބުރަކީ ޒުވާނުންގެ ހައްގުގައި ބާއްވާ ސައިކަލު ބުރެއް ކަމުގައި އެފަރާތުން ބުނެއެވެ. ޒުވާނުން ކުރަމުންދާ ވިޔަފާރިތައް ހުއްޓިފައިވާ ކަމަށާއި ވަޒީފާއިން އެތައް ޒުވާނުންތަކެއް މަހްރޫމް ވެފައި ތިބި ކަމަށާއި ކަރަންޓު ބިލާއި ފެންބިލް ދެއްކުމަށް ނުކުޅެދިފައިވާ ކަން ފާހަގަ ކޮށް އެ ޕާޓީން ވަނީ އަންހެން އަދި ފިރިހެން ޒުވާނުން މި ސައިކަލުގައި ބައިވެރިވުމަށް ގޮވާލާފައެވެ.

މި ސައިކަލު ބުރު ބާއްވަން ނިންމާފައި ވަނީ ދާދި ފަހުން ހެލްތު ޕްރޮޓެކްޗަން އެމަޖެންސީ ސެންޓާ (އެޗްއީއޯސީ) ގެ ފަރާތުން މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު ރޭގަނޑު 8:00 އިން ފެށިގެން ފަތިހު 5:00 އާ ދެމެދު ދުއްވުން މަނާކޮށް އެވަގުތުގައި އެކަން ކުރާ ފަރާތުން ޖޫރިމަނާ ކުރަން ނިންމުމުން ކަމަށް އެ ކޯލިޝަނުން ބުނެއެވެ.

އެޗްއީއޯސީން މިގޮތަށް ނިންމާފައި ވަނީ މި މަހުގެ 23 ވަނަ ދުވަހުނުް ފެށިގެންނެވެ. އަދި އެޗްއީއޯސީން އަންގާފައިވާ ވަގުތުތަކުގައި އުޅަނދު ދުއްވާ ފަރާތްތަކަށް ފުރަތަމަ ފަހަރަށް ނަސޭހަތް ދޭ ގޮތަށް ނިންމާފައިވާއިރު އެކަން ތަކުރާރު ކުރާ ފަރާތްތަކުން 1000 ރުފިޔާއިން ޖޫރިމަނާ ކުރަން ވަނީ ނިންމާފައެވެ.

މީގެ އިތުރުން ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް މި ސަރުކާރަށް ގެނައި ބަދަލުތަކާ ގުޅިގެން 5 ކެޓަގަރީއަކުން ފްލެޓްތައް އުނިކޮށްފައި ވާތީ އެ ހައްގުތައް ގެއްލިފައިވާ މީހުން ވެސް މި ސައިކަލު ބުރުގައި ބައިވެރިވުމަށް އެފަރާތުން ވަނީ ގޮވާލައްވާފައެވެ.

ހިޔާ މަޝްރޫއު ފްލެޓް ކެޓަގަރީތަކަށް ގެނައި ބަދަލުތަކުގެ ތެރެއިން މާލެ ރަށްވެހިން ކެޓަގަރީން ފްލެޓް އިތުރު ކުރި އިރު، 5 ކެޓަގަރީއަކުން ވަނީ ފްލެޓްތައް މަދުކޮށްފައެވެ. އެ ގޮތުން މަދުކޮށްފައި ވަނީ ޑޮކްޓަރުންނާއި ނަރުހުންނަށް ހާއްސަ ކެޓަގަރީންނާއި، ޓީޗަރުންނަށް ހާއްސަ ކެޓަގަރީންނާއި، އެކަނިވެރި މައިންނާއި ބަފައިންނަށް ހާއްސަ ކެޓަގަރީންނާއި 18 އަހަރާއި 40 އަހަރާ މެދުގެ ކައިވެނިކޮށްގެން އުޅޭ ފަރާތްތަކަށް ހާއްސަ ކެޓަގަރީގެ އިތުރުން ގުޅީފަޅު / ގާކޮށި އަރަބިއްޔާއިން ފްލެތް ނުލިބުނު ފަރާތްތަކުގެ ކެޓަގަރީއެވެ.