ކޮވިޑް-19 ގެ ސަބަބުން ވަޒީފާ ނެތުމުގެ މައްސަލަ އާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް އެއްކޮށް ހުއްޓިދާނެ ކަމުގެ އިންޒާރު، ޔޫއެންޑީޕީ އާއި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން އިއްޔެ ނެރުނު ރިޕޯޓެއްގައި ދީފިއެވެ.
އެރިޕޯޓުގައި ހުލާސާގައި ބުނެފައިވަނީ ކާރިސާގެ ޔަގީންކަން ކުޑަކަމާއި ބައިނަލްއަގުވާމީ ފަތުރުވެރިކަން ރަނގަޅުވާނެ ދުވެލި ލަސްވާނެ ކަމަށް އަންދާޒާކޮށްފައިވުމާއި ރާއްޖެ އަށް އަންނަ ފަތުރުވެރިންގެ އަދަދު އަދި ޖުމްލަ ގޮތެއްގައި ރާއްޖޭގެ އިގްތިސޯދު ރަނގަޅުވާ ނިސްބަތުން، އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ހިންގުން މުޅިން އެއްކޮށް ހުއްޓާލަން ޖެހިދާނެކަމުގެ ބިރު އެބަ އޮތްކަމަށެވެ.
އޭގެ ސަބަބުން ހިދުމަތް ހޯދާ މީހުންނާއި ސަޕްލަޔަރުން އަދި އުފެއްދުންތެރިކަމާއި އަދި މުސްތަގުބަލުގައި ގައުމުގައި ވިޔަފާރި ފުޅާކުރުމަށް އޮތް ފުރުސަތުތަކަށް އަސަރުކުރާނެ ކަމަށް އެރިޕޯޓުގެ ހުލާސާގައި ވަނީ ބުނެފައެވެ.
އެކަމަށް އަވަސް ފިޔަވަޅު އެޅުމުގެ ގޮތުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ގިނަ އެހީތަކެއް ސަރުކާރުން ދިނުމަށް އެ ރިޕޯޓުގައި ވަނީ ލަފާ ދީފައެވެ.
އިކޮނޮމިކް މިނިސްޓްރީ އާއި ޔޫއެންޑީޕީ ގުޅިގެން އިއްޔެ ހަވީރު އޮންލައިންކޮށް ބޭއްވި ރަސްމިއްޔާތެއްގައި އެރިޕޯޓު ނެރެފައިވާއިރު އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވީ އެ ރިޕޯޓުގައިވާ ހޯދުންތަކަށް ސަރުކާރުން ބަލާނެ ކަމަށާއި، ކުދި ވިޔަފާރިތަކަށް ހާއްސަ ސަމާލުކަމެއް ދީގެން އެހީވެދޭނެ ކަމަށެވެ.
އެރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޔޫއެންޑީޕީގެ އޭޝިއާ ޕެސިފިކް ސަރަހައްދުގެ ރީޖަނަލް ޑިރެކްޓަރު އަދި އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލް ކަންނީ ވިނަރާޖަ ވިދާޅުވީ ރާއްޖެއަށް މި ހާލަތުން އަރައިގަނެވެނީ އަވަހަށްތޯ ނުވަތަ ލަހުންތޯ އަދި އެކަން ކުރަނީ ކުރިއަށް ވުރެ ރަނގަޅަށް، ދެމެހެއްޓެނެވި ގޮތުގައިތޯ ބިނާވެގެން ވަނީ މި ވަގުތު ކަނޑައަޅާ ސިޔާސަތުތަކުގެ މައްޗަށް ކަމަށެވެ.