އެސްޓީއޯ އިން 4 ޕީސީއާރް މެޝިން އައިޖީއެމްއެޗުގައި އިންސްޓޯލު ކޮށްފިއެވެ.
އެސްޓީއޯ އިން ބުނީ އެކުންފުނިން މިއަދު 4 ޕީސީއާރް މެޝިން އައިޖީއެމްއެޗުގައި އިންސްޓޯލް ކޮށްފައިވާ ކަމަށެވެ. އަދި އެ ހަތަރު މެޝިން ތެރެއިން 2 މެޝިނަކީ އެކުންފުނީގެ ފަރާތުން ހަދިޔާ ކޮށްފައިވާ މެޝިން ކަމަށް އެސްޓީއޯ އިން ވަނީ ބުނެފައެވެ.
އެމެޝިން ތަކުގެ ސަބަބުން ކޮވިޑް-19 އަށް ޓެސްޓު ކުރުމުގެ ކެޕޭސިޓީ އިތުރުވެ ކޮވިޑުގެ ސަބަބުން ކުރަމުންދާ އަސަރުތައް ކުޑަވެގެން ދާނެ ކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ.
އައިޖިއެމްއެޗުން ވެސް ވަނީ މިދިޔަ މަހު ތެރޭ އެ ހޮސްޕިޓަލްގެ ލެބޯޓްރީން 50،000 ޕީސީއާރު ޓެސްޓް ހަދާފައި ވާކަމަށް ބުނެފައެވެ. އައިޖީއެމްއެޗްގައި 24 ގަޑިއިރު ކޮވިޑަށް ޓެސްޓް ކުރަމުން ދާއިރު، އޭޑީކޭގައިވެސް ދަނީ ކޮވިޑަށް ޓެސްޓް ކުރަމުންނެވެ.
ހަމަ އެއާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބަލި ދެނެގަތުމަށް ތަހްލީލްތައް ކުރުމަށްޓަކައި، ޖީން އެކްސްޕާޓް މެޝިން ބޭނުންކޮށްގެން ރާއްޖޭގެ ހަތް ރަށެއްގައި ކޮވިޑަށް ޓެސްޓްކުރުމުގެ އިންތިޒާމް ހަމަޖެހިގެން ގޮސްފައި ވާކަން ސަރުކާރުން އިއުލާން ކޮށްފައި ވަނީ މިދިޔަ ޖޫން މަހުގެ 29 ވަނަ ދުވަހެވެ.
އެގޮތަށް ހަމަޖެހުމުން ބަލިމީހުންގެ ސާމްޕަލްތައް އެންމެ ކައިރީގައި ހުންނަ ޓެސްޓް ސެންޓައަކަށް ގެންދެވި، ނަތީޖާ ލިބުން އަވަސްވެގެން ދާނެކަން މިނިސްޓްރީން ފާހަގަކުރެއެވެ.