ކޮވިޑް-19 އާ ގުޅިގެން އިގްތިސޯދަށް އައިސްފައިވާ ބަދަލުތަކާއި ހާލަތަށް ރިއާޔަތްކޮށް، 2019 އިން 2023 ވަނަ އަހަރަށް ސަރުކާރުން ކުރުމަށް ރާއްވާފައިވާ މަސައްކަތްތައް ހިމެނޭގޮތަށް އެކުލަވާލާފައިވާ ސްޓްރެޓީޖިކް އެކްޝަން ޕްލޭން (އެސްއޭޕީ)އަށް ގެންނަންޖެހޭ ބަދަލުތަކާ ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކޮށްފިއެވެ.
މި މަޝްވަރާކޮސްފައި ވަނީ އެސްއޭޕީގެ ފުރަތަމަ ކުއާޓާގެ އެކްޓިވިޓީ އެނަލިސިސްއާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލުވުމުގައެވެ. މި ބައްދަލުވުމުގައި ވަނީ ސަރުކާރުން ކުރިއަށްގެންދާ ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) މަޝްރޫޢުތައް އެއް ޕްލެޓްފޯމަކުން ފެންނާނެގޮތަށް ފަރުމާކުރަމުންދާ "އައިލްސް" ސޮފްޓްވެއާއާ ގުޅޭގޮތުން ވެސް މައުލޫމާތު ދީފައެވެ.
މިއަދު އޮންލައިންކޮށް ބޭއްވި ވަޒީރުންގެ މަޖިލީހުގައި ވަނީ އެސްއޭޕީ ތަންފީޒުކުރުމުގެ މަސައްކަތްތައް މިއަހަރުގެ ފުރަތަމަ ކުއާޓާގައި މިނިސްޓްރީތަކުންނާއި ސަރުކާރުގެ އެކިއެކި އިދާރާތަކުން ކުރިއަށް ގެންގޮސްފައިވާ މަޝްރޫއުތަކުގެ މިންވަރު ބެލުމަށްޓަކައި ހައްދަވާފައިވާ ރިވިއު ހިއްސާކޮށްފައެވެ. މި މައުލޫމާތު ހިއްސާކޮށްފައި ވަނީ ރައީސް އޮފީހުގެ ޕޮލިސީ އޮފީހުންނެވެ.
މި ރިވިއުގައި ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި ހިމަނާފައިވާ ދާއިރާތަކާއި ކޮންމެ ދާއިރާއެއްގެ ދަށުން ހިމެނޭ ސަބްސެކްޓަރުތަކުން މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ކޮށްފައިވާ މަސައްކަތްތަކަށް އަލިއަޅުވާލާފައިވެއެވެ.
މީގެއިތުރުން، ޕީއެސްއައިޕީގެ ދަށުން ސަރުކާރުން ހިންގާ މަޝްރޫއުތައް ހިނގަމުންދާގޮތުގެ މައުލޫމާތު އެއްތަނަކުން އެއް ޕްލެޓްފޯމަކުން ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި ފަރުމާކުރަމުންދާ "އައިލްސް" ސޮފްޓްވެއާއާ ގުޅޭ މައުލޫމާތު ވެސް ވަޒީރުންގެ މަޖިލީހުގެ މެންބަރުންނަށް ވަނީ ދެއްވާފައެވެ. މި ޕްލެޓްފޯމުން، ރާއްޖޭގެ މީހުން ދިރިއުޅޭ އަދި މީހުން ދިރިނޫޅޭ ހުރިހާ ރަށްތަކުގެ މައުލޫމާތު ލިބެން ހުންނާނެއެވެ.
ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުތަކުގެ މައުލޫމާތު އެއް ޕްލެޓްފޯމަކުން ފެންނަން ހުރުމުގެ މުހިންމުކަމާއި، "އައިލްސް" ސޮފްޓްވެއާ ފަދަ ސޮފްޓްވެއާ އަކުން ހުރިހާ މައުލޫމާތުތައް އާންމުކޮށް ލިބެން ހުންނާނެ އިންތިޒާމުތައް ހަމަޖެއްސެމާ ބެހޭގޮތުންވެސް މިއަދުގެ ބައްދަލުވުމުގައި ވަނީ މަޝްވަރާ ކޮށްފައެވެ.