ހިޔާ މަޝްރޫއުގެ ދަށުން ކުރީ ސަރުކާރުގެ އިސްވެރިންގެ އާއިލާތަކަށް ނުހައްގުން ފްލެޓް ދީފައިވޭތޯ ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީން ނިންމައިފިއެވެ.

ކޮމިޓީން މިހެން ނިންމީ، މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ. އެގޮތުން، ކުރީ ސަރުކާރުން ނުހައްގުން ނުފޫޒުގެ ބޭނުންކޮށްގެން ގިނަ ބަޔަކަށް ފްލެޓް ދިން ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ވިދާޅުވެ، އޭރު ފްލެޓް ކޮމިޓީގައި ތިއްބެވި ފަރާތްތަކުން ނުހައްގު ނުފޫޒެއް ހޯދައިދިނުމަށް މަސައްކަތް ކޮށްފައި އޮތްތޯ ބެލުމަށް ހުށަހަޅުއްވާފައި ވަނީ ހޯރަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމެވެ.

މިކަމުގައި ކޮމިޓީން މަޝްވަރާ ކުރުމަށްފަހު ނިންމީ ވަކި ބަޔަކަށް ފްލެޓް ދިނުމަށް ތުހުމަތު ކުރެވޭ ގޮތަށް ޕޮއިންޓް ދިނުމާއި، މައުލޫމާތު ސާފު ކުރުން ފަދަ ކަންކަން ހިނގާފައިވާ ކަމަށް މިހާރުގެ އިވެލުއޭޝަން ކޮމިޓީއަށް ފާހަގަ ކުރެވޭ މައްސަލަތައް ލިޔުމުން މަޖިލީހާ ހިއްސާ ކޮށްދިނުމަށް އެދުމަށެވެ.

އަދި އެ މައުލޫމާތު ލިބުމުން އެކަން ދިރާސާ ކުރުމަށްފަހު ކުރީގެ ފްލެޓް ކޮމިޓީގެ އިދާރީ މުވައްޒަފުންނާއި ގޮތް ނިންމި ކުރީގެ ފްލެޓް ކޮމިޓީގެ މެންބަރުންނާ ބައްދަލު ކުރުމަށް މަޖިލީހުން ވަނީ ނިންމާފައެވެ.

ހަމައެއާއެކު މަޖިލީހުން ވަނީ މިހާރުގެ ފްލެޓް ކޮމިޓީގެ މެންބަރުން ހާޒިރުކޮށް އިއްޔެ ނެރުނު ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ކަންކަން ކުރިއަށް ދަނީ ރަނގަޅަށްތޯ ބެލުމަށް ސުވާލު ކުރުމަށް ވެސް ނިންމާފައެވެ.

ކޮމިޓީން މިހެން ނިންމާފައި ވާއިރު، ކުރީ ސަރުކާރުގެ އިސްމަގާމުތަކުގައި ތިއްބަވާ ގިނަ ފަރާތްތަކަކަށް ފްލެޓް ލިބިފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

މީގެ އިތުރުން، ހިޔާ މަޝްރޫއުގެ ދަށުން ފްލެޓްދޭ ހަތަރު ކެޓެގަރީއެއްގެ ލިސްޓު އިއްޔެ ވަނީ އާންމުކޮށްފައެވެ. މިކަމާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިހާރުގެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމާއި ފްލެޓް ކޮމިޓީގެ މެންބަރުން ވަނީ ކުރިން ފްލެޓް ދިނުމުގައި ހުރި ގިނަ ގޯސްތަކެއް ފާހަގަ ކުރައްވާފައެވެ.

އެގޮތުން ފްލެޓް ދިނުމަށް ބޭނުންވާ މައުލޫމާތު ފުރިހަމަ ނުކޮށްވާ އެތައް ބަޔަކަށް ފްލެޓް ދީފައިވާ ކަމަށް އެ ކޮމިޓީން ވަނީ ފާހަގަ ކޮށްފައެވެ. ކުރީގެ ސަރުކާރުން ފްލެޓް ދިން އިރު ދިރިއުޅުމުގެ ހާލަތާއި ދަރިން ތިބި އަދަދަށް ބަލާފައި މާކްސް ދިން ގޮތުގެ ތަފްސީލެއް ހިމަނާފައި ނުވާ ކަމަށާއި، ކަނޑައެޅިގެން ފްލެޓް ހައްގު ނޫން ފަރާތްތަކަށް ފްލެޓް ދީފައި ހުރިކަން އެނގެން އޮތް ކަމަށްވެސް އެ ކޮމިޓިން ވާނީ ފާހަގަ ކޮށްފައެވެ.

ހަމައެއާއެކު، ދިރިއުޅުމުގެ ހާލަތު ބަލާފައި ވާކަން ލިޔެކިޔުމުން އެނގެން ނެތުން ވެސް މީގެ ތެރޭގައި ހިމެނެއެވެ. އަދި ދިރިއުޅުމުގެ ހާލަތަށް ޕޮއިންޓް ދީފައިވަނީ ފޯމު ހުށައެޅި ފަރާތަތަކުން ފޯމުގައި ލިޔެފައިވާ ބަޔާނެއްގެ މައްޗަށް ކަމަށް ހައުސިން މިނިސްޓްރީން މައުލޫމާތު ދީފައިވީ ނަމަވެސް، އެއްވެސް ބަޔާނެއް ދީފައިނުވާ ފަރާތްތަކަށް ވެސް ޕޮއިންޓް ލިބިފައި ވާކަމަށް ފްލެޓް ކޮމިޓީން ބުނެއެވެ.

މީގެ އިތުރުން، އެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ، ކުރީ ސަރުކާރުން ފްލެޓް ދިނުމުގެ ކަންކަން ކުރިއަށް ދިޔައިރު، ވަކި މީހަކަށް ތާއިދު ކުރަންތޯ، އަދި ވަކި މީހަކަށް ވޯޓުލަންތޯ ވެސް އަހާފައިވާ ކަމަށެވެ. ނަމަވެސް ފްލެޓް ދިނުމުގައި މި ސަރުކާރުން އެއްވެސް މީހަކަށް ނާޖާއިޒު މަންފާއެއް ހޯދައިދީފައި ނުވާނެ ކަމުގެ ޔަގީންކަން މިނިސްޓަރު އަސްލަމް ދެއްވިއެވެ.