ފުލުހުންގެ އެޕާޓްމަންޓެއް ހަމަޖައްސާ ދެވިފައިވާ މުވައްޒަފުންނަށް / ފުލުހުންނަށް ލިވިން އެލަވަންސް ނުދޭގޮތަށް ނިންމައިފިއެވެ.

މޯލްޑިވްސް ޕޮލިސް ސާވިސްއިން ނެރުނު ބަޔާނެއްގައި ބުނީ އެސާވިސްގެ ފަރާތުން ނުވަތަ އެސާވިސް މެދުވެރިވެގެން ދިރިއުޅޭނެ ތަނެއް، ނުވަތަ ގެއެއް ނުވަތަ އެޕާޓްމަންޓެއް ހަމަޖައްސާދެވިފައިވާ މުވައްޒަފުންނާއި، އަގުދައްކާ ގޮތަށް ފްލެޓް ލިބިފައިވާ މުވައްޒަފުންނަކީ ލިވިން އެލަވަންސް ދެވޭނެ ފަރާތެއް ނޫން ކަމަށެވެ.

އޭގެ އިތުރުން މިލްކުވާގޮތަށް ފްލެޓާއި، އެޕާޓްމަންޓްއި ތަންތަން ލިބިފައިވާ ފަރާތްތަކުގެ ތެރެއިން އެތަންތަނުގެ އަގު ހަމަކުރުމަށްޓަކައި މަހުން މަހަށް ދައްކާ ފައިސާއަކީ ކުލީގެ ގޮތުގައި ބަލައިގެން ލިވިން އެލަވަންސް ދިނުމަކީ އެސާވިސްގެ މުވައްޒަފުންނަށް ލިވިން އެލަވަންސް ދިނުމަށް ލިބޭ މަދު އަދަދު އެންމެ އިންސާފުވެރިކޮށް ދިނުން ނޫންކަމަށް އެގްޒެކެޓިވް ބޯޑުން ލަފާ ދީފައިވާ ކަމަށެވެ.

އެގޮތުން އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ކުރިން އެފަރާތްތަކަށް ލިވިން އެލަވަންސް ނުލިބޭނެ ކަމަށް އެބަޔާނުގައި ވަނީ ބުނެފައެވެ.

އޭގެ އިތުރުން، ޑައިރެކްޓަރޭޓް އޮފް އިންޓެލިޖެންސްގައި މަސައްކަތް ކުރާމުވައްޒަފުންގެ ތެރެއިން ޑެސްކު ވަޒީފާއެއްގެ މަސްއޫލިއްޔަތު އަދާކުރާ މުވައްޒަފުންނާއި ސެންޓްރަލް ޕޮލިސިން ކޮމާންޑްގައި މަސައްކަތްކުރާ މުވައްޒަފުންނަށް، ޖަނަވަރީ 1، 2021 ވަނަ ދުވަހުން ފެށިގެން ކޮއްތު އެލަވަންސް ނުލިބޭނެ ކަމަށް ވެސް އެބަޔާނުގައި ވަނީ ބުނެފައެވެ.

އެފަރާތްތަކަށް ޕޮލިސް މެސް ރޫމްތަކުން އެހެން މުވައްޒަފުންނާއި އެއްގޮތަށް ކެއިން ބުއިމުގެ ހިދުމަތް އެތާރީހުން ފެށިގެން ހަމަޖެހޭނެ ކަމަށް ވަނީ ބުނެފައެވެ.