މާލެ ޖަލުގެ ކައުންޓަރުން ދެމުން ގެންދިޔަ ޚިދުމަތްތައް ވަގުތީ ގޮތުން މެދުކަނޑާލަން ނިންމައިފިއެވެ.

ކަރެކްޝަނުން މިއަދު ނެރުނު އިއުލާނެއްގައި ބުނީ މާލޭ ޖަލުގެ ކައުންޓަރުން ދެމުން ގެންދިޔަ ހިދުމަތް ވަގުތީގޮތުން މެދުކަނޑާލަން ނިންމާފައި ވާ ކަމަށާއި އެ ހިދުމަތްތައް ދިނުން މި މަހުގެ 20 އިން ފެށިގެން ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައި ވަނީ ވަކި އުސޫލެއްގެ ދަށުން ކަމަށެވެ.

އެގޮތުން ގައިދީންނަށް ފޮނުވާ އަންނައުނު ބަލައިގަންނާނީ ގާޒީ ބިލްޑިންގް ގައި ހުންނަ ކަރެކްޝަންގެ ހެޑްއޮފީހުން ކަމަށް އެ ބަޔާނުގައި ވެއެވެ.

އެ ހިދުމަތް ދޭން ހަމަޖައްސާފައި ވަނީ ކޮންމެ ހަފްތާއެއްގެ ހޮނިހިރު ދުވަހުގެ ހެންދުނު 10:00 އިން މެންދުރު 2:00 އާ ދެމެދު ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.

އަދި ދޫކުރުމަށް ހަމަޖައްސާފައި ވަނީ 20 ޓޯކަން ނަންބަރު ކަމަށާއި ކޯލާއި އާއިލީ ބައްދަލުވުންތަކާއި ވަކީލު ބައްދަލުވުން ތަކަށް އެދޭ ފަރާތްތަކުން [email protected] އަށް އީމެއިލް ކުރުމުން އެ ބަޔާނުގައި ވެއެވެ.

އަދި ގައިދީންނަށް ފައިސާ ފޮނުވުން ހަމަޖައްސާފައި ވަނީ އެ ސާވީސްގައި އޮންނަ އުސޫލާ އެއްގޮތަށް އޮންލައިންކޮށް ކަމަށްވެސް ކަރެކްޝަނު ބުނެއެވެ.