ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމަކާ ބެހޭ ގޮތުން 2007 ވަނަ އަހަރު ނެގި ވޯޓުވެސް އޮޅުވާލި ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމުން، ރައްޔިތުންގެ މަޖިީހުގެ ކުރީގެ ހާއްސަ މަޖިލީހުގެ މެންބަރު އަދި ކުރީގެ ޕރޮސެކިއުޓާ ޖެނެރަލް އަހުމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މުއިއްޒު ވިދާޅުވީ، 2007 ގެ ވޯޓުގައި ވޯޓުގުމުގެ މަސައްކަތް ކުރިއަށް ދިޔައިރު ވޯޓާ ގުޅޭ ކަންކަން ބެލެހެއްޓުމަށް އޭރުގެ ރައްޔިތުންގެ ހާއްސަ މަޖިލީހުން އެކުލަވާލި ކޮމިޓީގައި އޭނާވެސް ހިމެނި ވަޑައިގަންނަވާ ކަމަށާއި، 2007 ގެ ވޯޓު އުޅުވާލައިފައި ނުވާ ކަމަށެވެ.
މިހާރު ބާ ކައުންސިލްގައިވެސް ހިމެނިވަޑައިގަންނަވާ މުއިއްޒު ވިދާޅުވަނީ، ވޯޓު އޮޅުވާލިކަމަށް ވިދާޅުވެ ރައީސް ނަޝީދު ދައްކަވަނީ ދޮގު ވާހަކަފުޅެއް ކަމަށެވެ.
ނިޒާމުގެ ވޯޓުގެ ވާހަކަ އަނެއްކާވެސް ތިލަވެގެން މި އުޅެނީ އިއްޔެ ރައީސް މައުމޫނު ރިޔާސީ ނިޒާމަކަށް ތާއީދު ކުރައްވާ ކަމަށް ވިދާޅުވެ ޓްވީޓެއް ކުރެއްވުމުން، އެ ޓްވީޓަށް ރައްދު ދެއްވައި، ރައީސް މައުމޫނުގެ ވެރިމަމުގައި ނެގި ހުރިހާ ވޯޓެއްގައި އޮތީ ކަނޑައެޅިގެން އޮޅުވާލައި މަކަރު ހަދާފައި ކަމަށް ރައީސް ނަޝީދު ވިދާޅުވުމާ ގުޅިގެންނެވެ.
އެގޮތުން ރައީސް ނަޝީދު ވިދާޅުވީ، ރައީސް މައުމޫނުގެ ހަޔާތްފުޅުގައި ކޮންމެ ވޯޓެއް އެމަނިކުފާނު އޮޅުވާލެއްވި ކަމަށެވެ. އަދި 2007 ގެ ނިޒާމުގެ ވޯޓުވެސް ހެއްދެވީ އެހެން ކަމަށާއި ރައީސް މައުމޫނަށް އޮޅުވައިނުލެއްވުނީ ހަމައެކަނި 2008 ގެ ވޯޓު ކަމަށެވެ. އަދި އެ ވޯޓުން މައުމޫނު ވަނީ ބަލިވެވަޑައިގެންފައި ކަމަށްވެސް ނަޝީދު ވިދާޅުވެއެވެ.
2017 ގައި ލީ ނިޒާމުގެ ވޯޓު؛
- ރިޔާސީ ނިޒާމަށް 95،619 ވޯޓު (62.04 ޕަސެންޓް)
- ބަރުލަމާނީ ނިޒާމަށް 58،504 ވޯޓު (37.96 ޕަސެންޓް)
- ބާތިލް ވޯޓު 1،767
ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވަނީ އިސްލާހެއް ހުށަހަޅުއްވާފައެވެ. އޭނާ އެ އިސްލާހު ހުށަހެޅުއްވީ ރާއްޖޭގައި އޮންނަން ފެންނަނީ ރިޔާސީ އިންތިހާބެއް ކަމަށް ކަނޑައަޅާފައިވީ ނަމަވެސް ގާނޫނުއަސާސީގެ އެއްވެސް ހިސާބެއްގައި ރާއްޖޭގެ ވެރިކަން ކުރާ ނިޒާމަކީ ރިޔާސީ ނިޒާމެއް ކަމަށް މުތުލަގުގޮތެއްގައި ބަޔާންކޮށްފައި ނުވާ ކަމަށް ވިދާޅުވެއެވެ.