ރިޔާސީ ނިޒާމުގެ ދިފާއުގައި ރައީސް މައުމޫނު އަބްދުލްގައްޔޫމް ނުކުންނެވުމުން ރައީސް މުހައްމަދު ނަޝީދު އެތިފަހަރެއް ޖައްސަވައިފިއެވެ. ރައީސް ނަޝީދު ވިދާޅުވީ ރައީސް މައުމޫނުގެ ވެރިކަމުގައި ކޮންމެ ވޯޓެއް އޮތީ އޮޅުވާލައްވައިފާ ކަމަށެވެ.
ރައީސް ނަޝީދުގެ ބަހުގެ ހަމަލާތައް ރައީސް މައުމޫނަށް އަމާޒު ވީ، ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު ވެރިިމކަމުގެ ނިޒާމު ބަދަލު ކުރަން މަޖިލީހަށް ވެއްދުމާ ގުޅިގެން ރައީސް މައުމޫނު ކުރެއްވި ޓްވީޓެއްގެ ސަބަބުންނެވެ.
ރައީސް މައުމޫން ވިދާޅުވީ، ދިވެހިރާއްޖޭގެ ސިޔާސީ، އިޖްތިމާއީ އަދި އިގުތިސޯދީ ހާލަތަށް ބަލާއިރު ރާއްޖެއަށް އެންމެ ކަމުދާ ވެރިކަމުގެ ނިޒާމަކީ ރިޔާސީ ނިޒާމު ކަމަށެވެ. އަދި އެކަން 2007 ވަނަ އަހަރު ނިންމީ ރައްޔިތުންގެ ބޮޑު އަޣުލަިއްޔަތަކުން ކަމަށްވެސް މައުމޫން ވިދާޅުވިއެވެ.
ރައީސް މައުމޫނުގެ މި ވާހަފުޅަށް ރައްދު ދެއްވަމުން، ނަޝީދު ވިދާޅުވީ، ރައީސް މައުމޫނުގެ ހަޔާތްފުޅުގައި ކޮންމެ ވޯޓެއް އެމަނިކުފާނު އޮޅުވާލެއްވި ކަމަށެވެ. އަދި 2007 ގެ ނިޒާމުގެ ވޯޓުވެސް ހެއްދެވީ އެހެން ކަމަށާއި ރައީސް މައުމޫނަށް އޮޅުވައިނުލެއްވުނީ ހަމައެކަނި 2008 ގެ ވޯޓު ކަމަށެވެ. އަދި އެ ވޯޓުން މައުމޫނު ވަނީ ބަލިވެވަޑައިގެންފައި ކަމަށްވެސް ނަޝީދު ވިދާޅުވެއެވެ.
ނަޝީދު މިވާހަކަތައް 2 އެކައުންޓުން ވަނީ ޓްވީޓް ކުރައްވާފައެވެ. ނަޝީދުގެ ހިޔަނި އެކައުންޓް ކަމަށް ވާ "އެލެކްސް އަހުމަދު" އިން އިތުރަށް ބުނެފައިވަނީ "ވޯޓު ވަގު" ކަމަށެވެ.
ރާއްޖޭގައި މިހާރު އޮތީ ރިޠާސީ ނިޒާމެވެ. އެއީ 2007 ވަނަ އަހަރު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ރައްޔިތުންގެ 62 ޕަސެންޓް އަޣުލަބިއްޔަތާއެކު ގެނައި ނިޒާމެކެވެ.
2017 ގައި ލީ ނިޒާމުގެ ވޯޓު؛
- ރިޔާސީ ނިޒާމަށް 95،619 ވޯޓު (62.04 ޕަސެންޓް)
- ބަރުލަމާނީ ނިޒާމަށް 58،504 ވޯޓު (37.96 ޕަސެންޓް)
- ބާތިލް ވޯޓު 1،767
ނިޒާމުގެ ވާހަކަ އަނެއްކާވެސް ފެށިގެން މި އުޅެނީ މިއަދު ކ. ކާށިދޫ ދާއިރާގެ މެންބަރު ގާނޫނޫ އަސާސީއަށް ހުށަހެޅި އިސްލާހާ ގުޅިގެންނެވެ. ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވަނީ އިސްލާހެއް ހުށަހަޅުއްވާފައެވެ. އޭނާ އެ އިސްލާހު ހުށަހެޅުއްވީ ރާއްޖޭގައި އޮންނަން ފެންނަނީ ރިޔާސީ އިންތިހާބެއް ކަމަށް ކަނޑައަޅާފައިވީ ނަމަވެސް ގާނޫނުއަސާސީގެ އެއްވެސް ހިސާބެއްގައި ރާއްޖޭގެ ވެރިކަން ކުރާ ނިޒާމަކީ ރިޔާސީ ނިޒާމެއް ކަމަށް މުތުލަގުގޮތެއްގައި ބަޔާންކޮށްފައި ނުވާ ކަމަށް ވިދާޅުވެއެވެ.
ޖާބިރު މި އިސްލާހު ހުށަހެޅުއްވި އިރު ރައިސް ނަޝީދަކީ އަބަދުވެސް ބަރުލަމާނީ ނިޒާމަށް ތާއީދު ކުރައްވާ ބޭފުޅެކެވެ. އަދި ރާއްޖޭގައި މިހާރު ބަރުލަމާނީ ނިޒާމެއް އޮތް ނަމަ ބޮޑުވަޒީރަކަށް ވެވަޑައިގަންނަވާނީ އެމަނިކުފާނު ކަމަށްވެސް އަމިއްލަފުޅަށް ވަނީ ވިދާޅުވެފައެވެ.