ބްރިޖުމަތިން ސައިކަލުތަކެއް އެކްސިޑެންޓްވެ 5 މީހަކަށް އެކިވަރުގެ އަނިޔާ ވެއްޖެއެވެ.

ފުލުހުން ބުނީ، މިހާދިސާ މިރޭ ހިނގާފައި ވަނީ 7:50 ހާއިރު ކަމަށެވެ. މި އެކްސިޑެންޓް ހިނގާފައި ވަނީ ސިނަމާލެ ބްރިޖްގެ ސައިކަލު ލޭންގައި ސައިކަލެއްގައި މީހަކު މަޑުކޮށްގެން އިންދާ ދުއްވާފައި އައި އެހެން ސައިކަލެއް ޖެހި އަދި އިތުރުން 3 ސައިކަލެއްގައި ޖެހިގެން ކަމަށް ފުލުހުން ބުނެއެވެ.

އަދި އެކްސިޑެންޓްގައި 5 މީހަކަށް އެކިވަރުގެ އަނިޔާ ވެފައިވާ ކަމަށާއި އެމީހުންނަށް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އަނިޔާ ލިބިފައިވާ ފަރާތްތަކުގެ މައުލޫމާތު ފުލުހުން ހާމައެއް ނުކުރެއެވެ.

އަދި މި އެކްސިޑެންޓްގައި 3 ސައިކަލަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ވެސް އެފަރާތުން ބުނެއެވެ.

މި އެކްސިޑެންޓްގައި ހިމެނޭ އެއް ސައިކަލު ވަނީ އެކްސިޑެންޓް ވުމުންވެސް މަޑުނުކޮށް ގޮސްފައި ކަމަށާއި މި އެކްސިޑެންޓްގެ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުން ކަމަށް ފުލުހުން ބުނެއެވެ.